27 ސެޕްޓެމްބަރ 2023 - 13:24

މި ހަފުތާ ބަންދުގެ ދުވަސްތަކާ އެކު ކުރިއަށް އޮތީ ވަރަށް ވިއްސާރަ ދުވަސްތަކެއް ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުތެރޭގެ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ ރަށްތަކަށް ވެސް ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ވަޔާއި ކަނޑުތައް މަޑުވާނެ ކަމަށާއި ގަދަވާނީ ވިލާގަނޑުގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މެޓުން ލަފާކޮށްފައިވާ ގޮތުގައި އަންނަ ހަފުތާ އެއްކޮށް ވިއްސާރަ އެވެ. ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ރާއްޖޭގެ މައްޗަށް ދަނީ ވިއްސާރަ ވިލާތަށް ޖަމާވަމުންނެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ހޮނިހިރު ދުވަހު އޮންނަ އިރު ކެމްޕެއިންގެ ފޯރި ވަނީ ގަދަވެފަ އެވެ. ހުކުރު ދުވަހުގެ ހަވީރު 6:00 އަށް ކެމްޕެއިން ހަރަކާތްތައް ހުއްޓާލަން ޖެހޭތީ އެ ދުވަހު ހަވީރު ކެމްޕެއިން ބޮޑެތި އެއްވުންތައް ވެސް އާންމުކޮށް ބާއްވަ އެވެ.
ރާއްޖެއަށް މި ދުވަސްވަރު މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.
މެޓް އޮފީހުން ވަނީ މިއަދު މެންދުރު ފަހު 1 އިން ހަވީރު 5 އަށް، ށ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެެ. އެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް އެ އޮފީހުން ލަފާކޮށްފައިވެ އެވެ.
ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނު ކަމަށް ރެކޯޑް ކުރެވިފައި ވަނީ ށ. ފުނަދު އަށެވެ. އެ ރަށަށް 48 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ.