30 ސެޕްޓެމްބަރ 2023 - 07:29

މިހާތަނަށް ގުނި ވޯޓުތަކުގެ ނަތީޖާތައް ދައްކާ ގޮތުން މުއިއްޒު ތަފާތު ބޮޑުކުރައްވަނީ ވަރަށް ބޮޑަށް. އޭގެ އެއް ސަބަބަކީ ބައެއް ރަށްރަށުން އޭނާ ތަފާތު މާ ބޮޑަށް ބޮޑު ކުރައްވާތީ. މިހާތަނަށް ދެއްކި ނަތީޖާތަކުން ދެއްކި ގޮތުގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ކާމިޔާބު ކުރައްވާ ވޯޓު ފޮށިތަކުން އެމަނިކުފާނަށް ކާމިޔާބު ކުރެއްވެނީ ކުޑަ ތަފާތަކުން. އޭގެ ބަދަލުގައި ބައެއް ދާއިރާތަކުން މުއިއްޒަށް ލިބިވަޑައިގަންނަވާ ވޯޓުގެ ފަރަގު ބޮޑު.

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި ރާއްޖޭގައި ބެހެއްޓި 586 ވޯޓު ފޮށީގެ ތެރެއިން މިހާރު ވަނީ ދެބައިކުޅަ އެއްބައި ވޯޓު ފޮށިތައް ގުނައި ނަތީޖާ އިއުލާންކޮށްފައި. އޭގެ ތެރެއިން ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހަންމަދު މުއިއްޒު އުޅުއްވަނީ 5500 ވޯޓުގެ ތަފާތަކުން ކުރީގައި.

މިހާތަނަށް 160 އަށް ވުރެ ގިނަ ފޮށީގައި ނަތީޖާ ލިބިފައި ވާއިރު ކުރީގައި އުޅުއްވަނީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު. ގުނި ވޯޓުގެ 53 ޕަސެންޓް މުއިއްޒަށް ލިބިވަޑައިގެންފައިވޭ

ގދ ވާދޫގައި ބެހެއްޓި ވޯޓު ފޮއްޓެއް ފަޅާލައިފި. އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބު "މިހާޜު" އަށް ވިދާޅުވީ އެކަން ކުރި މީހާ ހައްޔަރުކޮށް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް. އަދި އެ މައްސަްލަ ބަލަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވި.

ދަރުމަންވަންތަ ސްކޫލްގައި ހުރި، ލ. އަތޮޅުގެ ވޯޓު ފޮއްޓެއް ވަގުތު ހަމަވުމުގެ ކުރިން ބަންދުކުރި ކަމަށް ބުނެ އެތަނުގައި ދެބަސްވުން ހިންގައި މައްސަލަ ވަނީ ހޫނުވެފައި.

ވޯޓުލުމަށް ކަނޑައެޅި ވަގުތު 5:00 ގައި ހަމަވުމާ އެކު ވޯޓު ކިއުތައް ބަންދުކޮށްފި. ދެން ވޯޓު ލެވޭނީ ވަގުތު ހަމަވި އިރު ކިއޫގައި ތިބި މީހުންނަށް އެކަނި. އިލެކްޝަންސް އިން ނިންމާފައި ވަނީ ވަގުތު ހަމަވުމަށް ފަހު، އިތުރަށް އެެއްވެސް ވަގުތެއް ނުދޭ ގޮތަށް

އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ހަތަރެއް ޖެހުމާ ހަމައަށް 78 ޕަސެންޓް މީހުން ވަނީ ވޯޓުލާފައި. ވޯޓު ކިޔޫއަށް އެރޭނީ ފަހެއް ޖަހަންދެން. ފަހެއް ޖެހުމާ ހަމައަށް ކިޔޫއަށް އަރާ އެންމެންނަށް ވޯޓު ލެވޭނެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ހަތެއް ޖެހިއިރު ކިޔޫ ބަންދުކުރިއަސް ދެވަނަ ބުރަށް މިއޮތީ އެއް ގަޑިއިރު އިތުރުކޮށްދީފައި. ވޯޓު ގުނަން ފަށާނީ ކިޔޫ ބަންދުކުރާތާ 30 މިނެޓް ފަހުން.

އެޗްއާރުސީއެމް: ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އާއި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދަށް ހަމަލާދިނުން ކުށްވެރިކުރަން.

"މި ދެ ހާދިސާ ހިނގި ތަނުގައި ތިބި އާންމު ރައްޔިތުންނަށް ވެސް އެކިވަރުގެ ހަމަލާ ދީފައިވާކަން މި ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. ސިޔާސީ ދެބަސްވުންތަކުގައްޔާއި ފިކުރު ތަފާތުވާ ހާލަތްތަކުގައިވެސްް އެކަކު އަނެކަކަށް ޖިސްމާނީ އަނިޔާ ދިނުމާއި، އަބުރަށް އަރައިގަތުމާއި، ނަފްރަތުގެ އަމަލުތައް އިސްކުރުމަކީ ކޮމިޝަނުން ކަންބޮޑުވާކަމެއް. މި އަމަލުތަކަކީ ގާނޫނީ ގޮތުންވެސް ޖިނާއީ ކުށްތަކެއްކަން ހަނދުމަކޮށްދެން. މިފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކުން ވީހާވެސް އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލަން."

ފުލުހުންގެ ބަޔާން: ޖިނާއީ ކުށްތަކަށް އަރައިގަންނަ ގްރޫޕްތަކުގެ ހަރަކާތްތައް މާލޭތެރޭގައި އިތުރުވަމުންދާތީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިން. އިންތިހާބުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކުރަން ޖެހޭ ކަންކަން ވެސް މި އަންނަނީ ކުރަމުން.
"މިފަދަ ގްރޫޕްތަކަށް ނިސްބަތްވާ ފަރާތްތަކުން ބައެއް މީހުންނަށް އިންޒާރުދީ ބިރުދެއްކުމާއި މިއަދު އިންތިހާބާ ގުޅުން ހުރި ކަންކަމުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހަމަލާ ދިނުން ފަދަ މައްސަލަތައް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅިފައިވެ އެވެ،" ބަޔާނުގައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލަތައް އަންނަނީ ތަހުގީގުކުރަމުން.

ޕީޕީއެމް: މާލެ އާއި އައްޑޫގައި މިއަދު ހިނގައިގެން އުޅޭ މާރާމާރީ އާއި ހަމަނުޖެހުމުގައި ޕީޕީއެމް/ޕީއެންސީގެ މެމްބަރެއް އަދި ސަޕޯޓަރެއްގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމަށް ބުނާ ވާހަކަ ދޮގުކުރާން. ޕީޕީއެމާއި ޕީއެންސީ މެމްބަރުންނާއި ސަޕޯޓަރުން އެފަދަ ކަމެއްގައި ބައިވެރިވެފައި ނުވާ ކަމުގެ ޔަގީންކަން އަރުވަން. އަދި އެފަދަ ކަމެއްގައި ބައިވެރިނުވުމަށް މި އަންނަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުން.

އިލެކްޝަންސް ކޮމިޝަން: މެންދުރު 2 ޖެހުމާ ހަމައަށް 60 ޕަސެންޓް، 171،954 މީހުން ވޯޓުލާފައިވާ ކަމަށް އާއްމުކުރި ތަފާސްހިސާބުގައިވޭ.

ފުލުހުން: ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ގައިގައި ޖަހާފައިވާ މައްސަލައެއް ވަނީ ރިޕޯޓްކޮށްފައި. މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނޭ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފަށް ހަމަލާދިން މައްސަލަ ފުލުހުންނަށް ހުށަހަޅައިފި. އޭނާ ވިދާޅުވީ ހަމަލާިދިނީ މެންހެޓަން ހޮޓަލުގައި، މަރަދުދާއިރާގެ ވޯޓުލުމުގެ އިންތިޒާމް ދަނިކޮށް ގޭންގަކުން ވަދެގަނެ ކަމަށް.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވަމުން ދަނިކޮށް އިންޒާރު ދީފައިވާ ކަމަށް އަދާލަތު ޕާޓީން ބުނެފި. އެ ޕާޓީން ބުނީ ޣިޔާސުއްދީން ސްކޫލްގައި ހުރި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވަނިކޮށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އަވަގުރާނަ ގޮވައި އަޑުގަދަކޮށް އިންޒާރުދީފައިވާ ކަމަށް. އެކަމަކު މި ތުހުމަތު ނަރީޝް ދޮގުކުރެއްވި. އޭނާ ވިދާޅުވީ އިމްރާނަށް އެތަނަށް ވަޑައިގަތުމުން ސުވާލުކުރީ އެއީ ކޮޅުފޮށީގެ ވޯޓު ފޮށި ނޫން ކަަމަށާއި އެތަަނަށް ވަޑައިގަތް ސަބަބާ މެދު ކަަމަށް.

އިލެކްޝަންސް ކޮމިޝަން: ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ވޯޓުލުމުގެ ހައްގު ލިބިގެންވާ ދެބައިކުޅަ އެއްބައި މީހުން ވޯޓުލި އިރު އަމާންކަމާއި އޮމާންކަމާ އެކު އިންތިހާބު ކުރިއަށް އެބަދާ ކަމަށް. ފޮނަދޫގައި ދިމާވި މައްސަލަ ހައްލުކޮށްފައިވާ ކަމަށާއި ވޯޓު ކަރުދާސް ދޫކުރާ އޮފިޝަލް އަތުގައި ގަލަމެއް ނޯންނާނެ ކަމަށް ވިދާޅުވި. އަދި ވޯޓުކަރުދާސް ދޫކުރާ މޭޒުން ވޯޓުކަރުދާހާއި ކުރެހުމުގެ ފުރުސަތެއް ވެސް ނޯންނާނެ ކަމުގެ ޔަގީންކަން ދެއްވި.

ވޯޓުލުމުގެ އެންމެހައި ކަންތައްތައް ހިނގަމުން އަންނަނީ އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައި.
ވޯޓު ލާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް ވޯޓު ލުމުގައި ދަތިތަކެއް ނެތް ކަމަށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި "މިހާރު"ގެ މޮނީޓަރުން ބުނޭ. އެ މީހުން ބުނާ ގޮތުގައި އެކި ރަށްރަށުގައި ވެސް، އަދި މާލޭގައި ވެސް މިހާރު ވޯޓު ލަމުން އަންނަނީ މާ ދިގު ކިޔޫތަކެއް ނެތި.
ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ، 282،804 މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން މިހާތަނަށް ވޯޓު ލައިފައިވާ ކަމަށް އީސީން ބުނެފި. އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ދެންމެ އެކްސް ޕޯސްޓެެއްގައި ވިދާޅުވި ގޮތުގައި މިހާތަނަށް 140،000 އަށް ވުރެ ގިނަ މީހުން ވޯޓު ލައިފައިވާ ކަމަށް. މިއީ، މި އިންތިހާބުގެ ފުރަތަމަ ބުރާ އަޅާބަލާއިރު ވަރަށް ގިނަ އަދަދެއް.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ އަޅާބަލާއިރު ދެވަނަ ބުރުގެ އިންތިޒާމްތައް ރަނގަޅު. ކިޔޫތަކުގައި ގިނަ އިރު މަޑުކުރަން ނުޖެހި ވޯޓުލުން ނިންމާލެވޭ. މާލެ އާއި ރަށްރަށުގައި ވެސް ވެސް އޮމާންކަމާ އެކު ވޯޓުލުން ކުރިއަށް އެބަދޭ. ވޯޓުލާން ފެށި އިރު ވޯޓުލާ ހުރިހާ މަރުކަޒެއްގައި ވެސް އޮފިޝަލުން ގަޑިއަށް ހާޒިރުވެ ތިބި ކަމަށާއި ވޯޓު ލާން ފެށުމުގެ ކުރިން ވޯޓު ކަރުދާސްތައް ގުނާ ހަމަކުރެވުނު ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ފާހަގަކޮށްފައި.
އީސީ: ލ. ފޮނަދޫގައި ދިމާވި މައްސަލަ ހައްލުކޮށް ވޯޓުލުން އަލުން ފަށައިފި. އެ ފޮށީގެ ވޯޓުލުން މެދުކަނޑާލީ ވޯޓު ކަރުދާސްކޮޅުގައި މާކެއް ހުރި ކަމުގެ ޝަކުވާ ހުށަހެޅުމުން. އެކަމުގައި އަމަލުކުރަންވީ ގޮތް އެ ފޮށީގެ ވެރިންނަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އަންގާފައި.
އިލެކްޝަންސް ކޮމިޝަނުން ދެންމެ އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން މެންދުރު 12 ޖެހުމާ ހަމައަށް ލައްކައަކަށް ވުރެން ގިނަ (126،866) މީހުން ވަނީ ވޯޓުލާފައި. އެއީ 61،343 ފިރިހެންނާއި 65،523 އަންހެނުން. މިއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 44.8 ޕަސެންޓް.
ވޯޓުނުލާ އަދި 55.1 ޕަސެންޓް މީހުން ތިބިއިރު ވޯޓުލުމުގެ ހައްގު 282،804 މީހުންނަށް ލިބިގެންވޭ.
ލ. ފޮނަދޫގައި ދިމާވި މައްސަލަ: އީސީން ބުނީ ފޮނަދޫ 3 ނަމްބަރު ވޯޓު ފޮށީގައި ވޯޓުލުން ކުރިއަށް ދަނިކޮށް ވޯޓު ކަރުދާހުގެ މާކެއް ހުރި މައްސަލަ ކޮމިޝަނުގެ ސަމާލުކަމަށް އައުމުން އެކަމުގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދު ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް ދީފައިވާ ކަމަށް. އެ ފޮށީގައި ވޯޓުލުން ވަރަށް އަވަހަށް ފައްޓަން ވެސް ވޯޓު ފޮށީގެ ވެރިޔާއަށް އަންގާފައިވާ ކަމަށް އީސީން ބުނި.
ކޮމިޝަންގެ ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ވޯޓުކަރުދާސް ދޫކުރާ އޮފިޝަލް އަތުގައި ގަލަމެއް ނޯންނާނެ ކަމަށް. އެހެންކަމުން އޮފިޝަލުންނަށް ވޯޓުކަރުދާހުގައި ފާހަގައެއް ޖެހުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް.
ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާހުގެ ފޮޓޯ ނެގުމާ ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކުރި. އޭގެ ތެރެއިން 7 މީހަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނޭ.
ވޯޓު ލުމުގެ އިންތިޒާމުތަކަށް ދެ ވަނަ ބުރުގައި ގެނައި ބަދަލުތަކުގެ ސަބަބުން ވެސް ވޯޓު ލާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ. ފުރަތަމަ ބުރުގައި ވޯޓު ލުމުގެ އިންތިޒާމުތައް ގޯސްކަމުން، ވޯޓު ލީ މީހުންގެ އަދަދު މަދު ކަމަށް ޕާޓީތަކުން ކުރިން އޮތީ ތުހުމަތުކޮށްފައި. އެކަމަކު، ދެވަނަ ބުރުގެ ވޯޓު ލުން މިއަދު ހެނދުނު ފެށީއްސުރެ އެ ކަންކަން ވަނީ ރަނގަޅުކޮށްފައި. ކުރިން ދިލަ ހޫނުގައި ކިޔޫ ޖެހުނު ތަންތަނުގެ ބަދަލުގައި އެ ޓެންޓްތައް ނަގައި، ކްލާސް ރޫމްތަކަށް ވަނީ ބަދަލުކޮށްފައި.
ފުރަތަމަ ބުރާ ހިލާފަށް މިއަދުގެ 12 ޖެހުމާ ހަމައަށް ވޯޓު ލާން ހަމަޖައްސާފައިވާ އިންތިޒާމުތައް ވަރަށް ރަނގަޅުކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ. ފުރަތަމަ ބުރުގައި މައްސަލަ ބޮޑުވެ، އިންތިޒާމުތައް ގޯސްވެ، ކިޔޫތައް ދިގުވި މައްސަލަ މިހާތަނަށް އައިއިރު ވަނީ ހައްލުވެފައި. ބައެއް ވޯޓު ފޮށިތައް ކައިރީގައި ދިގު ކިޔޫއެއް ނެތް. އެންމެ ގިނަ ވެގެން ވެސް 10-15 ވަރަކަށް މިނެޓްގެ ތެރޭގައި ވޯޓު ލެވޭ ކަމަށްވޭ.
މިހާތަނަށް 97،220 މީހަކު ވޯޓު ލައިފި. މިއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 34.38 ޕަސެންޓް. މިއީ ތިން ގަޑިއިރު ތެރޭ ވޯޓު ލީ އަދަދު
ފޮނަދޫގައި ބަހައްޓާފައިވާ ތިން ނަމްބަރު ވޯޓު ފޮއްޓަށް ވޯޓު ލާ މީހުންނަށް ވޯޓު ކަރުދާސް ދޫކުރާއިރު، އެ ކަރުދާސާތަކުގައި އޮފިޝަލަކު ކުރަހާ ކަމުގެ ޝަކުވާ އެބަކުރޭ. މައްސަލައަކަށް ވެފައި ވަނީ އެ ވޯޓުތައް ބާތިލްވުން. އެ މީހާ ބުނީ އޭނާ އަށް ދިން ތިން ކަރުދާހުގައި ވެސް ހުރީ ކުރަހާފައި ކަމަށް.
ފުލުހުން: ލ. ފޮނަދޫގައި ވޯޓު ލާ މަރުކަޒުގެ އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރަހާފައި ދޭ ކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅާފައިވޭ. މި ކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން.
ރައީސް ވިދާޅުވި ގޮތުގައި، ފުރަތަމަ ބުރަށް ފަހު މިވީ ވިއްސަކަށް ދުވަސް ތެރޭ އެމްޑީޕީން ކުރި ކަމަކީ ކަންކަން އިންތިޒާމްކުރުން ކަމަށާއި އެ އިންތިޒާމްތަކާ އެއްގޮތަށް ކުރިއަށްދާތަން ފެނިވަޑައިގަންނަވާ ކަމަށް. ރައީސް ވިދާޅުވި ގޮތުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ގިނަވުމަކީ އެ މަނިކުފާނަށް ކާމިޔާބުވުމަށް ލިބޭ ބާރަކަށް ވާނެ ކަމަށް.
ވޯޓު ދެއްވުމަށް ފަހު ރައީސް ވިދާޅުވީ މި ބުރު ކާމިޔާބުވާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް. އެކަމަކު އެކަން ބިނާވާނީ ވޯޓުލާން ނުކުންނަ މީހުންގެ އަދަދުން ކަމަށާއި އަދި ފެންނަނީ ފުރަތަމަ ބުރާ ހިލާފަށް ގިނަ ބަޔަކު ވޯޓުލާން ނުކުންނަ މަންޒަރު ކަމަށް. ރައީސް ވިދާޅުވީ ވަކި ޕަސެންޓެއް ދަންނަވަން އެނގިވަޑައިނުގަތަސް ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށް. ރައީސް ވިދާޅުވީ ސޯޝަލް މީޑިއާގައި ތަފާތު ތުހުމަތުތައް ކުރި ނަމަވެސް އެމްޑީޕީން ގާނޫނާ ހިލާފް އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށް.
ޖަމާލުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ފޮއްޓަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ދެންމެ ވަނީ ވޯޓު ލައްވާފައި
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި 10:00 އާ ހަމައަށް 282،804 މީހުންގެ ތެރެއިން ވޯޓު ލީ 65،600 މީހުން. މިއީ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 23.20 ޕަސެންޓް މީހުން. ވޯޓު ދިން މީހުންގެ ތެރޭގައި ހިމެނެނީ 38،309 ފިރިހެނުން އަދި އަދި 27،291 މީހުން.
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބަޔާން: 9 ގެ ކުރިން ވޯޓުލުން ފެށުން ޖުމްލަގޮތެއްގައި ކުރިއަށް ދިޔައީ ރަނގަޅަށް. ހުރިހާ ފޮއްޓެއް 8:10 އާއި 8:30 އާ ދެމެދު ވަނީ ހުޅުވާފައި. ވޯޓުލުން ފަށަން ހަމަޖައްސާފައިވާ ގަޑީގެ 10 މިނެޓް ތެރޭ 94 ޕަސެންޓް މަރުކަޒުގައި ވޯޓުލުން ފެށި. ވޯޓުލާން ފެށި އިރު ހުރިހާ ތަނެއްގައިގެން އޮފިޝަލުން ހަމައަށް ތިބި އަދި ވޯޓު ކަރުދާސް ހުރިހާ ތަނެއްގައި ވެސް ހަމަޔަށް ހުރިކަން ޔަގީންކޮށްފައިވޭ.
ބައެއް ފޮށިތަކުގެ ކައިރީގައި ވޯޓުލާން ގިނަ ބަޔަކު ތިއްބަސް ގިނަ ތަންތަނުގައި ފެންނަނީ މީހުން މަދުކޮށް.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ހަބީބް ވިދާޅުވީ، އަބޫދާބީ އާއި އިނގިރޭސި ވިލާތް ފިޔަވައި އެހެން ހުރިހާ ތަނެއްގައި ވޯޓު ލުން ފަށާފައިވާ ކަމަށް. ބައެއް މަރުކަޒުތަކުގައި ގާތްގަނޑަށް މިނިޓަކު ދެ މީހުން ވޯޓު ލާ ކަމަށް އޭނާ ވިދާޅުވި.
ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް ދެންމެ ވިދާޅުވީ، މާފުށީ ޖަލުގައި ހުންނަ ފޮއްޓަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެންމެ ވޯޓު ލައްވައިފި ކަމަށް. ފުރަތަމަ ބުރުގައި ވޯޓު ނުލެއްވުނީ އިންތިޒާމުތައް ހަމަނުޖެހުމުން ކަމަށް އެ މަނިކުފާނުގެ ވަކީލުންގެ ޓީމުން އޭރު ބުނެފައިވޭ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ދެންމެ ވޯޓު ލައްވައިފި. އޭނާގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ވެސް ވަނީ މީގެ އިރުކޮޅެއް ކުރިން ވޯޓު ލައްވާފައި.
ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުން ހިންގާ "އޮޕަރޭޝަން ބްލޫވޭވް" ގެ ކޮމާންޑަރު ޝާކިރު ވިދާޅުވީ، ވޯޓު ލާން ދާއިރު ގެންދަން ޖެހޭ ތަކެތި ފިޔަވައި އެހެން އެއްވެސް އެއްޗެއް ނުގެންދިއުމަކީ އެދުމެއް ކަމަށް. އޭނާ ވިދާޅުވީ، މޮބައިލް ފޯނާއި އަތްދަބަސް ފަދަ ތަކެތި އިންތިހާބާ ބެހޭ މަރުކަޒުތަކަށް ނުވައްދަން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަށް. އަދި ވޯޓު ލުމަށް ފަހު، ވޯޓު މަރުކަޒުތަކުގައި މަޑުނުކޮށް ދިއުމަށް ޝާކިރު އެދިވަޑައިގެންނެވި.
އީސީގެ ނައިބު ރައީސް ހަބީބް ދެންމެ ވިދާޅުވީ، 80 ޕަސެންޓަށް ވުރެ ގިނަ މަރުކަޒުތަކުގައި ވޯޓު ލުން ފަށާފައިވާ ކަމަށް.
އައްޑޫ މަރަދޫގައި ހުންނަ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން އޮފީހުގެ ބިއްލޫރިތައް ތަޅާލައި ދިދަފަތިތައް ކަނޑާލާފައިވާ ކަމަށް އެ ކެމްޕެއިންގެ އިސް އޮފިޝަލަކު ދެންމެ ވިދާޅުވެއްޖެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ހަބީބް ދެންމެ ވިދާޅުވީ، ދެ ވަނަ ބުރުގެ އޮބްޒާވަރުންނާއި މޮނިޓަރުންގެ ދައުރު ބައެއް ޕާޓީތަކުން ބަދަލު ކޮށްފައި ވާތީ، އެ ގޮތަށް ބަދަލުކުރި ބައެއް އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވޯޓު ލާ މަރުކަޒަށް ނުވަދެވުމުގެ މައްސަލަ ދިމާވެދާނެ ކަމަށް. އޭނާ ވިދާޅުވީ، އެއީ އެ ކޮމިޝަންގެ މައްސަލައެއް ނޫން ކަމަށާއި އެކަމަކު އެކަން ހައްލުކޮށް ވީހާ ވެސް އަވަހަކަށް އެކްސެސް ދިނުމުގެ ކަންކަން ކޯޑިނޭޝަން ސެންޓަރުން ކުރިއަށް ގެންދާ ކަމަށް.
ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ވޯޓު ލައްވައިފި. ވޯޓު ލެއްވުމަށް ފަހު އޭނާ އެދިވަޑައިގަތީ ވޯޓު ލުމުގެ ކަންކަން ވީހާ ވެސް އަވަހަކަށް ނިންމުމަށް.
ވޯޓު ލުން ދެންމެ ފަށައިފި. ވޯޓު ކުރިއަށް ގެންދާނީ ހަވީރު ފަހެއް ޖެހުމާ ހަމައަށް. އޭގެ ފަހުން ވަގުތު އިތުރު ނުކުރާނެ ކަމަށއް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވޭ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓު ލުމަށް މާލެ އާއި އެކި ރަށްރަށުގައި ކިއު ހަދަން ފަށައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ގޮތުން ވޯޓު ލުން ފަށާނީ ހެނދުނު އަށެއް ޖަހާއިރު އެވެ. ވޯޓު ލުމުގެ އެންމެ ފަހު ގަޑިއަކީ ހަވީރު ފަހެކެވެ. އޭގެ ފަހުން ގަޑި އިތުރު ނުކުރާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
"ވީހާ ވެސް އަވަހަކަށް ވޯޓު ލުމުގެ ހައްގު އަދާކުރައްވާ،" އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ދެ ވަނަ ބުރުގައި 586 ވޯޓުފޮށި ބަހައްޓާނެ ކަމަށެވެ. ވޯޓު ލުމުގެ ހައްގު 282،804 މީހަކަށް ލިބެ އެވެ. އެއީ، 138،394 އަންހެނުންނާއި 144،410 ފިރިހެނުންނެވެ. މި ފަހަރު ލިސްޓަށް ވަނީ ފުރަތަމަ ބުރުގެ އަދަދަށް ވުރެ 408 މީހުން އިތުރު ވެފަ އެވެ.
ރާއްޖެ އިން ބޭރުގައި މި ފަހަރު ވޯޓުފޮށި ބަހައްޓަނީ ފަސް ގައުމެއްގަ އެވެ. އެއީ އިންޑިއާ އާއި ސްރީ ލަންކާ އާއި މެލޭޝިއާ އާއި ޔޫއޭއީ އަދި އިނގިރޭސި ވިލާތުގަ އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ލާ މީހުން ވޯޓު ލީ ކަމުގެ ނިޝާން ވައަތުގެ މެދު އިނގިލީގައި ޖަހަން އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމި ނަމަވެސް ފަހުން ވަނީ އެ ނިންމުން ބަދަލުކޮށް، ވައަތުގެ ކަށި އިނގިލީގައި އެ ފާހަގަ ޖަހާ ގޮތަށް ކަނޑައަޅައިފަ އެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ފާހަގަ ޖެހީ ވައަތުގެ ޝަހާދަތް އިނގިލީގަ އެވެ. ވޯޓު ކަރުދާސްކޮޅު އަތަށް ދިނުމުގެ ކުރިން އެ ފާހަގަ ޖަހާނީ ގިނަ ދުވަހަށް ދެލި ނުފިލާ ހުންނަ މާކަރަކުންނެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި 15،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތުން އެއްވަނަ ކެންޑިޑޭޭޓުގެ ގޮތުގައި ދެ ވަނަ ބުރަށް ދަތުރު ކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ އަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.