02 އޮކްޓޯބަރ 2023 - 11:27

ރާއްޖެއަށް ޒިންމާދާރު، ވަރުގަދަ އިދިކޮޅު ޕާޓީއެއް މުހިއްމު ކަމަށާއި ޑިމޮކްރަސީ ކުރިއެރުވުމުގައި ކުރަން ޖެހޭ އެ މަސައްކަތުގައި އެމްޑީޕީއާ އެކު އެމަނިކުފާނު ދެމިހުންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޮނިހިރުދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގަތުމާ ގުޅިގެން ފުރަތަމަ ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލާ ގުޅިގެން ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް ފައްކާކުރަން ކުރަން އަދިވެސް ކުރަން ހުރި ކަންކަން އެބަހުރި ކަމަށާއި އެމްޑީޕީގެ ތެރެއިން އެ މަސައްކަތް ކުރައްވާނެ ކަަމަށެވެ. މިވަގުތު ކުރަމުން އަންނަ މަސައްކަތަކީ އެމްޑީޕީ ވަރުގަދަކުރުން ކަމަށް ވިދާޅުވި އެވެ.
"ސަރުކާރު ޖަވާބުދާރީ ކުރުވޭވަރުގެ ޕާޓީއެއް އޮންނަން ޖެހޭ. އެމްޑީޕީއަށް އެކަން ކުރެވޭނެ. އެހެންވީމަ އަޅުގަނޑު ހުންނަ މަގާމެއް ނޫން މުހިއްމުވަނީ. ސަރުކާރު ޖަވާބުދާރީ ކުރުވައި ރައްޔިތުންނަށް ހިދުމަތް ކުރުމަށްޓަކައި އެމްޑީޕީ ވަރުގަދަކޮށް ބޭއްވުމަށް ކުރަން ޖެހޭ މަސައްކަތް މިކުރަނީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވަނީ ފަށައިފަ އެވެ.
ރިޓަޔާކުރައްވާނެ ކަމަށް ވިދާޅުވީ ވެރިކަމުގެ ދެވަނަ ދައުރަކަށް ފަހުގައި ކަމަށާއި އޭގެ ކުރިން އެމަނިކުފާނުގެ މިވަގުތު އެންމެ ބޮޑު އިސްކަންދެއްވާނެ ކަމަކީ އެމްޑީޕީ ވަރުގަދަ ކުރުން ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސިޔާސީ ކުރިމަގާ މެދު ގޮތް ނިންމަވާނީ އޭގެ ފަހުންނެވެ.
"އަޅުގަނޑު ހުންނާނީ އެމްޑީޕީއާ އެކު. އެމްޑީޕީގެ ލީޑަޝިޕާއެކު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީއާ އެކު ފައްކާކުރަން. އެމްޑީޕީ ބަލިވެ ހަލާކުވެގެންދާތަން ބަލާކަށް ނުހުންނާން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕާޓީ ބައިބައިވެެގެންދާނެ އެއްވެސް ކަމެއް ނުކުރައްވާނެ އެވެ.
އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް އުފެއްދެވި ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާތީ އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން ވިދާޅުވީ ނަޝީދުގެ މެސެޖެއް ލިބިވަޑައިގަތް ކަމަށެވެ. އެމްޑީޕީއަށް މީހުން ވަންނަނީ ވަކި ޕަސެންޓެއްގެ ތާއީދު އޮވެގެން ނޫން ކަަމަށް ވިދާޅުވި އެވެ.
ނަޝީދު ފޮނުއްވި މެސެޖުގައި އޮތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 ޕަސެންޓް ތާއީދު އޮތް ނަމަ އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ވަކި މީހަކު ނެތުމަކުން އެމްޑީޕީއަށް ލިބޭނެ ގެއްލުމެއް އޮތް ކަމަކަށް ދެކިވަޑައިނުގަންނަވާ ކަަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ހެޔޮވެރިކަމެއް ކޮށްދެވުނު ކަމުގެ އުފާ އިހްސާސްކުރެއްވެ އެވެ. އެކަމަކު ރައްޔިތުން އިންތިހާބުގައި ގޮތް ނިންމެވުން އެކަން ގަބޫލުކުރައްވާ ކަަމަށާއި އެ ނިންމުމާ އެއްގޮތަށް ވެރިކަން ބަދަލުކުރުމުގެ ކަންކަން ސަރުކާރުން ފައްޓާފައިވާ ކަމަށް ވިދާޅުވި އެވެ.