08 އޮކްޓޯބަރ 2023 - 09:50

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުުގެ އިސްތިއުނާފް ޝަރީއަތް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން މިއަދު ވެސް ކެންސަލް ކޮށްފި އެވެ.
މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ޔާމީނަށް އިއްވާފައިވާ ހުކުމާއި ރިޝްވަތު ދިނުމުގެ ކުރުގައި ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވާފައި ޖަލު ހުކުމުގެ އިސްތިއުނާފް ޕީޖީން އެދިގެން ކުރިން ވެސް ކެންސަލްކުރި އެވެ.
މިއަދު މެންދުރު ފަހު 2:00 އަށް ތާވަލްކުރި ޝަރީއަތް ކެންސަލްކުރަން ޕީޖީން އެދުނީ މައްސަލައިގައި ކޯޓަށް ވަޑައިގަންނަވާ ބައެއް ވަކީލުންނަށް ހާޒިރުވެ ވަޑައިގެންނެވެން ނެތުމުން ކަމަށް ވަނީ އެނގިފަ އެވެ.
އިސްތިއުނާފް މަރުހަލާގައި މިހާރު ކުރިއަށްދަނީ ޔާމީންގެ މައްޗަށް އިއްވާފައިވާ ދެ ހުކުމުގެ ތެރެއިން މަނީ ލޯންޑަރިންގެ މައްސަލަ އެވެ. އެ މައްސަލައިގައި ފަނޑިޔާރުންނާއި ވަކީލުން ސުވާލުކުރުމުގެ މަރުހަލާ ކުރިއަށް ދާއިރު، އަދި މި މައްސަލައިގެ އަޑުއެހުންތައް ނިމޭނެ އިރެއް ނޭނގެ އެވެ.
ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތް ކާމިޔާބީއާ އެކު ޔާމީން ގެޔަށް ބަދަލުކޮށްދިނުމަށް ގޮވައިލެއްވުމާ އެކު ޔާމީން މިހާރު ހުންނެވީ ގޭބަންދުގަ އެވެ. ޔާމީންގެ ވަކީލުން މީގެ ކުރިން ވަނީ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދަން ވެސް ގޮވާލައިފަ އެވެ.