08 އޮކްޓޯބަރ 2023 - 20:28

ތެލްއަވީވް (އޮކްޓޯބަރު 8) - އިޒްރޭލުގެ ސިފައިން ގާޒާ ފަޅު ސަހަރަކަށް ހަދާލުމުގެ ކުރިން އާންމުން އެ ސިޓީ ދޫކޮށް ދިއުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖެމިން ނަތަންޔާހޫ ގޮވާލައްވައިފި އެވެ.
އިޒްރޭލްގެ ސަރުކާރުން އިއްޔެ ވަނީ ހަނގުރާމައިގެ ހާލަތު އިއުލާނުކޮށްފަ އެވެ. އެ ހާލަތުގެ ސަބަބުން އެ ގައުމުގެ ކެބިނެޓަށް ވަނީ އަސްކަރީ ފިޔަވަޅު އެޅުމުގެ ހުއްދަ ދިނުމަށް ސޮއި ކޮށްފަ އެވެ.
ކެބިނެޓުން އިތުރު ބާރު ބޭނުންކުރުމުގެ ހުއްދަ ނަތަންޔާހޫ އަށް ދިނުމުން، ޓީވީ މެދުވެރިކޮށް ދެއްވި ތަގްރީރުގައި އޭނާ ވިދާޅުވީ އިޒްރޭލާ ކުރިމަތިވެފައި ވަނީ ފަސޭހަ ހަނގުރާމައެއް ނޫން ކަމަށެވެ.
"މިއީ ދިގު ދެމިގެންދާ އުނދަގޫ ހަނގުރާމައެއް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަލަސްތީނުގެ ހަނގުރާމެރި ޖަމާއަތެއް ކަމަށްވާ ހަމާސް ސުންނާފަތި ކޮށްލަން އިޒްރޭލަށް ލިބެން ހުރި ހުރިހާ ބާރެއް ބޭނުން ކުރާނެ ކަމަށެވެ. ހަމާސް ނެތިކޮށްލުމަށްޓަކައި ދޭ ހަމަލާއަކުން އާންމުން ސަލާމަތްވެ ތިބުމުގެ އިލްތިމާސް އާ އެކު އޭނާ ވަނީ ގާޒާ ދޫކޮށް ދިއުމަށް ފަލަސްތީނުގެ އާންމުންނަށް ގޮވާލައްވައިފަ އެވެ.
"މިހާރު ތި ސިޓީ [ގާޒާ] ދޫކޮށް ދޭ. އިޒްރޭލުގެ އަސްކަރިއްޔާއިން ގާޒާ ފަޅު ސަހަރަކަށް ހަދާލުމުގެ ކުރިން ތި ސިޓީ ދޫކޮށްދޭ،" ގަޒާގެ އާންމުންނަށް އިލްތިމާސް ކުރާކަން ހާމަކުރައްވައި ނަތަންޔާހޫ ވިދާޅުވި އެވެ.
އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ބުނީ، މިވަގުތު ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކުން ކަންކަން ކުރަމުންދާނީ ސީދާ ނަތަންޔާހޫގެ އޯޑަރަށް ކަމަށެވެ.