09 އޮކްޓޯބަރ 2023 - 10:30

ފަލަސްތީނުގެ ހަމާސް ޖަމާއަތުން، އިޒްރޭލާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އަށް ބަދަލު ހިފުމުގެ ގޮތުން، އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 400 އަށް ވުރެ މަތިވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނެފި އެވެ.
ފަލަސްތީނު ސަރުކާރުން ބުނި ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 436 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި 120 އަށް ވުރެ ގިނަ ކުޑަކުދިން ވެސް ހިމެނެ އެވެ.
އޭގެ އިތުރުން ދެ ހާހާ ގާތްކުރާ އަދަދަކަށް މީހުން ޒަޚަމްވެ، ފަރުވާ ހޯދުމަށް އަންނަ މީހުންތަކުން ހޮސްޕިޓަލުތައް ފުރި ބާރުވެފައިވާތީ، ޒަޚަމްވެގެން ގެންނަ މީހުންނަށް ފަރުވާ ދިނުމުގައި ދަތިތައް ދިމާވާ ކަމަށް، އެހީދޭ ޖަމާއަތްތަކުން ބުނެ އެވެ.
އިޒްރޭލުން ބަދަލު ހިފުމުގެ ހަމަލާތައް ފެށީ ވެސް، ގާޒާ އިން ކަރަންޓު ކަނޑައިލުމަށް ފަހު އެވެ. މުޅި ގާޒާގައި ބޭނުންކުރާ ކަރަންޓުގެ 80 ޕަސެންޓަކީ އިޒްރޭލުން ވިޔަފާރީގެ އުސޫލުން ގާޒާ އަށް ދޫކޮށްފައި ހުންނަ ކަރަންޓެވެ. ގާޒާގައި ހިންގާ އިންޖީނުގެތަކުން ކަރަންޓު ފޯރުކޮށްދެވެނީ ގާޒާގެ ގާތްގަނޑަކަށް 20 ޕަސެންޓަށެވެ.
އޭގެ އިތުރުން ގާޒާގެ ގެތަކަށް ގުޅާފައި ހުންނަ ފެނަކީ ވެސް، އިޒްރޭލުގެ ތެރެއިން ގާޒާ އަށް ފޯރުކޮށްދޭ ފެނެވެ. ހަމާސް އިން ފެށި ހަނގުރާމައާ ގުޅިގެން، އިޒްރޭލުން ވަނީ ގާޒާ އަށް ފެން ފޮނުވައިދޭ ހޮޅިތައް ވެސް ބަންދުކޮށްފަ އެވެ. އޭގެ އިތުރުން ގާޒާގެ ތެރެއަށް އިޒްރޭލުން އެއްވެސް ބާވަތެއްގެ ކާބޯތަކެތި ގެންދިއުން އިއްޔެ އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރަމުން ދަނީ ގިނަ މީހުން ދިރިއުޅޭ އިމާރާތްތަކަށެވެ. މިދިޔަ 36 ގަޑިއިރުގެ ތެރޭގައި އިޒްރޭލުން ދިން ގިނަ ހަމަލާތައް އަމާޒުކުރީ، ގިނަ އެޕާޓްމަންޓްތައް ހިމެނޭ ގޮތަށް ހުންނަ، އާންމުން ދިރިއުޅޭ އުސް އިމާރާތްތަކާއި ޓަވަރުތަކަށެވެ.
އޭގެ އިތުރުން ހަމާސްގެ ހަނގުރާމަވެރިން ފިލައި ތިބި ތަންތަނަށް ކަމަށް ބުނެ، ބައެއް އިމާރާތްތަކަށް ހަމަލާ ދީފައިވެ އެވެ. އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުން ދަނީ، ޑްރޯންތަކާއި އަސްކަރީ ހެލިކޮޕްޓަރުތަކުގެ އިތުރުން ހަނގުރާމަމަތީ މަތިންދާބޯޓުތައް ބޭނުންކޮށްގެންނެވެ. އަދި މިއަދު ފަތިހުން ފެށިގެން ބޮޑުބަޑިން ވެސް ގާޒާގެ ތެރެއަށް ހަމަލާ ދެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ގާޒާގެ ބައެއް މިސްކިތްތަކާއި ސްކޫލްތަކަށް ވެސް އިޒްރޭލުގެ ހަމަލާތައް އަމާޒުވެ އެ ތަންތަނަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ގާޒާގެ އުތުރުގައި އޮންނަ އަވަށެއް ކަމަށްވާ ބައިތު ޙާނޫން އަށް އިޒްރޭލުން ރޭ ދިން މިސައިލް ހަމަލާތަކުގައި އެ އަވަށުގެ ބޮޑެތި ހުރިހާ މަގެއްހެން ހަލާކުވެފައިވާތީ، އިޒްރޭލުން ބޮން އެޅި އިމާރާތްތަކުން މީހުން ސަލާމަތް ކުރުމުގައި ދަތިތައް ކުރިމަތިވާ ކަމަށް ރެޑް ކްރެސެންޓުން ބުނެ އެވެ. އޭގެ އިތުރުން ބަލި މީހުން ގޮވައިގެން ދަތުރުކުރާ އެމްބިއުލާންސްތަކަށް ވެސް އިޒްރޭލު ސިފައިން ހަމަލާ ދޭ ކަމަށް، ސިއްހީ ޚިދުމަތް ދޭ އިދާރާތަކުން ބުނެ އެވެ.
އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައިގައި، އިޒްރޭލުގެ ތެރެއަށް ވަދެގަތުމުގެ ކުރިން، އެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ، ގާޒާގެ ތެރެއިން އިޒްރޭލަށް އެތައް ސަތޭކަ ރޮކެޓެއް ކުއްލި ގޮތެއްގައި ފޮނުވައިލުމެވެ. ހަމާސްގެ ރޮކެޓްތައް ވައިގެ ތެރެއަށް ގޮއްވައިލުމަށް އިޒްރޭލު ސިފައިން އަވަދިނެތި އުޅެމުން ދަނިކޮށް، ހަމާސްގެ ހަނގުރާމަވެރިންގެ ކުދި ގުރޫޕްތަކެއް ސައިކަލާއި ޕިކަޕް އަދި ޖިޕް ފަދަ އުޅަނދުތަކާއި ފައިމަގުގައި، ކަށިނަރުގެ ފާރާ ދިމާލަށް މިސްރާބު ޖެހި އެވެ.
ބުލްޑޯޒަރުތައް ބޭނުންކޮށްގެން ކަށިނަރުގެ ފާރުން ތަންތަންގަނޑު ހަލާކުކޮށްލުމަށް ފަހު، ހަމާސްގެ ހަނގުރާމަވެރިން ގާޒާ އިން ނުކުމެ ޔަހޫދީ އާބާދީތަކަށް ވަދެގަތެވެ. ގާޒާ އާ އިޒްރޭލު ގުޅޭ ސަރަހައްދީ އިމުން ފެށިގެން އިޒްރޭލުގެ އެތެރެއަށްވާ 40 ކިލޯމީޓަރުގެ ސަރަހައްދުގައި ޔަހޫދީންގެ 50 އާބާދީ (50 އަވަށް) އޮންނަ އިރު، ހަނގުރާމަވެރިން އެންމެ ފުރަތަމަ އަރައިގަތީ އޭގެ ތެރެއިން، ގާޒާއާ އެންމެ ކައިރީގައި އޮންނަ 11 އާބާދީއަށެވެ.
ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އާބާދީތަކަށް ވަދެގަތް އިރު، އެމީހުންނަށް މާ ބޮޑު ނުރައްކަލެއް ކުރިމައްޗެއް ނުވެ އެވެ. އެކަން އެގޮތަށް މެދުވެރިވީ، ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލަށް އަރައިގަތުމުގެ ކުރިން، ހަމާސްގެ ފަންނީ ޓީމުތަކުން އިލެކްޓޯރިނިކް ހަމަލާތަކެއް ދީ އިޒްރޭލުގެ ދިފާއީ ނިޒާމުގެ ބާރު ކަނޑުވައިލާފައިވާތީ އެވެ. އެހެންކަމުން، ޔަހޫދީ އާބާދީތަކުގެ ތެރެއިން ދަތުރުކުރަމުން ގޮސް، ހަމާސްގެ ހަނގުރާމަވެރިން މިސްރާބު ޖެހީ ގާޒާގެ އުތުރުން، އިޒްރޭލު ތެރޭގައި ހުންނަ އަސްކަރީ ކޭމްޕު ރީޢީމް އަށެވެ.
ހަމާސްގެ ހަނގުރާމަވެރިން އެ ކޭމްޕު ވަށައިލި އިރު ވެސް، އެ ކޭމްޕުގެ ހިމާޔަތުގައި ތިބި އިޒްރޭލު ސިފައިންނަށް އެކަން މޭރުންވާ ގޮތެއް ނުވި އެވެ. ކޭމްޕުގެ ވަށައިގެން އެއްފަހަރާ ކުއްލި ހަމަލާތަކެއް ދޭން ފަށައި، ކޭމްޕުގެ ތެރެއަށް ވަދެ އެ ތަން ހިފުމަށް ވެސް މާ ގިނަ ވަގުތެއް ނުނަގަ އެވެ.
ހަމާސްގެ ހަނގުރާމަވެރިން ޔަހޫދީ އާބާދީތަކަށް ވަދެގަތުމަށް ފަހު، އިޒްރޭލުގެ ބައެއް ސިފައިންނާއި ފުލުހުން އަދި އާންމުންގެ ބައެއް މީހުން ހައްޔަރުކޮށް، އަސީރުންގެ ގޮތުގައި ގާޒާގެ ތެރެއަށް ގެންދިޔަ އެވެ. އެމީހުން ވީ ތަނެއް ނޭނގޭ ކަމަށާއި އެއީ ކިތައް މީހުން ކަން ވެސް ނޭނގޭ ކަމަށް އިޒްރޭލުން ބުނެ އެވެ.
އިޒްރޭލުން ބުނި ގޮތުގައި ރީޢީމް އަސްކަރީ ކޭމްޕާއި އިޒްރޭލުގެ އަސްކަރިއްޔާއާ ދެމެދު ގާއިމުކޮށްފައިވާ އެންމެހައި މުވާސަލާތީ ގުޅުންތައް އޮތީ، ހަމާސްގެ ހަމަލާ ފެށުމުގެ ކުރިން ކޮންމެވެސް ބަޔަކު ކަނޑާލައިފަ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ދިފާއީ ނިޒާމުގެ ރާޑާރުތަކާއި ސަވައިލަންސް ނިޒާމުތައް ވެސް، އިލެކްޓްރޯނިކް ހަމަލާތަކެއްގައި ފެއިލްކޮށްލާފައި އޮތުމުން، ގާޒާގެ ތެރެއިން އިޒްރޭލަށް ބަޔަކު އަރައިގަތް ކަން އިޒްރޭލުގެ ކަމާ ބެހޭ އިދާރާތަކަށް ނޭނގެ އެވެ.