ޕްރިމިއާ ލީގަށް ކަމުދަނީ އަހަރެންގެ ސްޓައިލް: މޮރީނިއޯ
ޕްރިމިއާ ލީގަށް ކަމުދަނީ އަހަރެންގެ ސްޓައިލް: މޮރީނިއޯ

މެންޗެސްޓާ (ފެބްރުއަރީ 6) - އިނގިރޭސި ޕްރިމިއާ ލީގަށް އެންމެ ކަމުދަނީ އޭނާގެ ޓެކްޓިކްސް އާއި ސްޓައިލް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ރޭ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީ އަތުން 3-0 އިން ޔުނައިޓެޑް މޮޅުވި މެޗަށް ފަހު މޮރީނިއޯ ބުނީ އިނގިރޭސި ފުޓްބޯޅަ އަށް އޭނާ ތައާރަފްކުރި ސްޓައިލަށް ގިނަ ބަޔެއްގެ ތަރުހީބު ލިބެމުން އަންނަ ކަމަށެވެ.

"ގިނަ ބަޔަކު ބުނޭ އަހަރެން ކުޅެނީ ޑިފެންސިވް ފުޓްބޯޅަ ކަމަށް. އެކަމަކު އެ ސްޓައިލް އެންމެނަށް މި ކަމުދަނީ. ޑިފެންސްކޮށްފައި ކައުންޓަ އެޓޭކުގައި ގިނަ ލަނޑުތަކެއް ޖަހައިގެން ގިނަ ޓީމުތަކުން މޮޅުވަނީ. މިކަމުން އެނގެނީ އަހަރެންގެ ސްޓައިލް ގިނަ ބަޔަކަށް ކަމުގޮސްފިކަން،" ކުރިން ޗެލްސީ އަށް ކޯޗުކޮށްދިން މޮރީނިއޯ ބުންޏެވެ.

ޔުނައިޓެޑް ލީގުގެ ހަ ވަނައިގައި އޮތްއިރު، ރޭގެ މެޗާ އެކު އެ ޓީމު ވަނީ ލީގުގައި ބަލިނުވެ 15 މެޗު ހަމަކޮށްފަ އެވެ.

"ޔުނައިޓެޑުގައި ހުރި މައްސަލަތައް ރަނގަޅު ކުރުމަކީ އަހަންނަށް ކުރިމަތިވި ގޮންޖެހުމެއް. ސީޒަންގެ ކުރީކޮޅުގައި އަހަންނަށް އެކަމުގެ ހައްލު ހޯދިއްޖެ. ދެން ދިމާވީ ލަނޑު ނުޖެހުމުގެ މައްސަލަތައް. އެއަށް ވެސް މިހާރު ހައްލެއް ހޯދިއްޖެ ކަމަށް މި ބަލަނީ. ދެން އޮތީ ރަނގަޅު ވަނައެއްގައި ނިންމާލުމަށް ގިނަ މެޗުތަކުން މޮޅުވުން،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ޔުނައިޓެޑްގައި މިހާރު އޮތީ ޕްރިމިއާ ލީގަށް ބެލިކަމުގައި ވިޔަސް އެންމެ ވަރުގަދަ ސްކޮޑު ކަމަށާއި އޭގެ ފައިދާ ސީޒަންގެ ފަހު މެޗުތަކުގައި އެ ޓީމަށް ކުރާނެ ކަމަށެވެ.

މޮރީނިއޯ ވަނީ އެ ޓީމުގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ދައްކަމުން އަންނަ ކުޅުމަށް ތައުރީފް ކޮށްފަ އެވެ. އިބްރަހިމޮވިޗް ވަނީ ލީގުގައި މިހާތަނަށް 15 ލަނޑު ޖަހައިފަ އެވެ. އަދި ތިން ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.