ހަމާސް؛ އިޒްރޭލްގެ ލޮލަށް ހެރުނު އެންމެ ތޫނު ކަށި
ހަމާސް؛ އިޒްރޭލްގެ ލޮލަށް ހެރުނު އެންމެ ތޫނު ކަށި

އިސްރާއީލް ނުވަތަ އިޒްރޭލްއޭ ކިޔުނު ޔަހޫދީ ދައުލަތުގެ ލޮލަށް ހެރުނު އެންމެ ތޫނު ކަށްޓަކީ، ފަލަސްތީނުގެ ގާޒާގައި ހަރަކާތްތެރިވާ ސިޔާސީ އަދި އަސްކަރީ ޖަމާއަތް ހަމާސް އެވެ. ހަމާސް ޖަމާއަތުގެ ބިންގަލަކީ، 1928 ވަނަ އަހަރު މިސްރުގައި އުފެދުނު ދީނީ ސިޔާސީ ޖަމާއަތް، އަލް އިޚްވާނުލް މުސްލިމޫން (މުސްލިމް ބްރަދަހޫޑް) އެވެ.

ހަމާސް؛ އިޒްރޭލްގެ ލޮލަށް ހެރުނު އެންމެ ތޫނު ކަށި
ހަމާސް؛ އިޒްރޭލްގެ ލޮލަށް ހެރުނު އެންމެ ތޫނު ކަށި

ހަމާސް ޖަމާއަތުގެ ހަރަކާތްތައް ފެށިގެން އައީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އިޚްވާނުލް މުސްލިމޫންގެ ގާޒާ ގޮފީގެ ފަރާތުން 1987 ވަނަ އަހަރު އިންތިޒާމުކުރި، ހަށިފޮޅައިލުމުގެ ފުރަތަމަ ހަރަކާތް (ފުރަތަމަ އިންތިފާޟާ)ގެ ތެރެއިންނެވެ. އޭގެ ފަހުން ފަލަސްތީނު ރައްޔިތުންގެ މެދުގައި ހަމާސް ޖަމާއަތުގެ މަގުބޫލުކަން އިތުރުވަމުން އައިސް، އޭރު އޮތް ފަލަސްތީނުގެ ހުރިހާ ސިޔާސީ، ދީނީ އަދި އަސްކަރީ ހުރިހާ ޖަމާއަތްތަކެއްގެ މައްޗަށް ކުރި ހޯދި އެވެ.

ހަމާސް؛ އިޒްރޭލްގެ ލޮލަށް ހެރުނު އެންމެ ތޫނު ކަށި
ހަމާސް؛ އިޒްރޭލްގެ ލޮލަށް ހެރުނު އެންމެ ތޫނު ކަށި

ހަމާސް އިން ފަލަސްތީނު މީހުންގެ ހިތްތައް ފަތަހަކުރަމުން އައީ، އެ ޖަމާއަތުގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ގާޒާ އާއި ހުޅަނގު އައްސޭރީގައި ފޯރުކޮށްދެމުން އައި އެހީތެރިކަމާ އެކުގަ އެވެ. އެ އެހީތެރިކަމުގެ ފަހަތުގައި އޮތީ މިސްރާއި ސީރިޔާ އަދި އުރްދުންގައި ހިންގި އިޚްވާނުލް މުސްލިމޫންގެ ގޮފިތަކުން، ހަމާސް އަށް ފޯރުކޮށްދިން މާލީ އެހީތެރިކަމާއި ސިޔާސީ ތާއީދެވެ.

ހަމާސް؛ އިޒްރޭލްގެ ލޮލަށް ހެރުނު އެންމެ ތޫނު ކަށި
ހަމާސް؛ އިޒްރޭލްގެ ލޮލަށް ހެރުނު އެންމެ ތޫނު ކަށި

ހަމާސްގެ ސިޔާސީ ހަރަކާތްތަކުގެ ނާރެހަކީ، ފަލަސްތީނުގެ ބިން ބައިނުކުރެވޭނެ ކަމާއި ފަލަސްތީނުގެ ބިމުގައި ޔަހޫދީންގެ ދައުލަތެއް ގާއިމު ކުރުމަށް ރުހެވިގެން ނުވާނެކަމުގެ ވިސްނުން، ފަލަސްތީނުގެ ރައްޔިތުންގެ ސިކުނޑިތަކުގައި ހަރުލެއްވުމެވެ. އެ ސްޓްރެޓެޖީގެ މަތީގައި ރައްޔިތުންގެ މަގުބޫލުކަން ހޯދަމުން އަންނަނިކޮށް، ފަލަސްތީނާއި އިޒްރޭލާ ދެމެދު 1993 ވަނަ އަހަރު ސޮއިކުރި އޯސްލޯ މުއާހަދާއާ ގުޅިގެން، އޭރު ފަލަސްތީނުގައި ވެރިކަން ކުރަމުން އައި، ޕަލެސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)އާއި އެ ކޯލިޝަންގައި ހިމެނޭ ފަތަހް ޖަމާއަތާ އިދިކޮޅު ސިޔާސީ ހަރަކާތެއްގެ ގޮތުގައި ހަމާސް މަޝްހޫރުވެގެން ދިޔަ އެވެ.

އޯސްލޯ މުއާހަދާގައި އެއްބަސްވެފައިވަނީ، 1967 ވަނަ އަހަރު އިޒްރޭލުން ހިފާފައިވާ އަރަބީންގެ ބިންތަކުގެ ތެރެއިން، ހުޅަނގު އައްސޭރި އާއި ގާޒާގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށެވެ. އަދި އެނޫން ބިންތަކަކީ އިޒްރޭލުގެ ޔަހޫދީ ދައުލަތުގެ ބިންތައް ކަމަށެވެ.

ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތަކާއި އިޒްރޭލުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ މި ސިޔާސަތަށް ޕީއެލްއޯ އާއި ފަތަހް ޖަމާއަތުން ތާއީދުކުރި އެވެ. ނަމަވެސް، ހަމާސް ޖަމާއަތް މި ސިޔާސަތާ މުޅިން ދެކޮޅެވެ.

މި ކޯޅުމުގެ ތެރެއިން ހަމާސް އާއި ފަތަހް ޖަމާއަތް ވާދަކުރީ، 2006 ވަނަ އަހަރު ބޭއްވި ފަލަސްތީނުގެ އާންމު އިންތިޚާބުގަ އެވެ. ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ ޖުމްލަ 132 ގޮނޑީގެ ތެރެއިން 74 ގޮނޑި ކާމިޔާބުކޮށް، ހަމާސް ޖަމާއަތުން މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދައި ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު ހޯދި އެވެ.

ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއީލް ހަނިއްޔާ ފަލަސްތީނުގެ ބޮޑުވަޒީރު ކަމުގެ މަގާމާ މާޗް 29، 2006 ގައި ހަވާލުވެވަޑައިގަތުމާ އެކު، ފަތަހް އާއި ހަމާސްއާ ދެމެދު ވެރިކަމުގެ ކޯޅުން ފެށުނެވެ. ސިޔާސީ ގޮތުން އެ މައްސަލަ ހައްލުނުކުރެވި، ޖޫން 10، 2007 ގައި ދެ ޖަމާއަތުގެ މެދުގައި ގާޒާގައި އަސްކަރީ ކުރިމަތިލުންތަކެއް ފެށުނެވެ.

ފަސް ދުވަސް ފަހުން ޖޫން 15ގައި މި ކުރިމަތިލުންތައް ނިމުނު އިރު، ފަލަސްތީނުގެ 118 މީހުން މަރުވެ އިތުރު 550 މީހުން ޒަޚަމްވި އެވެ. މިކުރިމަތިލުންތައް ނިމިގެން ދިޔައިރު، ހަމާސް ޖަމާއަތުން ގާޒާގެ ފުރިހަމަ ކޮންޓްރޯލް ނަގައި، ގާޒާގައި ތިބި ފަތަހް ޖަމާއަތުގެ ހުރިހާ އިސް ވެރިން ގާޒާ އިން ބޭރުކުރި އެވެ.

ހަމާސް ޖަމާއަތުގެ ފުރިހަމަ ބާރުގެ ދަށަށް ގާޒާ ދިއުމާއެކު، 2006 ވަނަ އަހަރުން ފެށިގެން ގާޒާއާ ދެކޮޅަށް އިޒްރޭލުން އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް، އެއްގަމާއި ވަޔާއި ކަނޑު މަގުން ގާޒާ ހިސޯރުކުރި އެވެ.

އިޒްރޭލުގެ މި ނިންމުމާއެކު، ހަމާސް ޖަމާއަތުގެ އަސްކަރީ ބާރު ގަދަކުރުމުގެ މަސައްކަތް އެތައް ގުނައަކަށް ހަލުވިކޮށް އިތުރުކުރި އެވެ. ތަފާތު އާލާތްތަކާއި ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން އަސްކަރީ ހަތިޔާރު އުފައްދައި، އިޒްރޭލާ ދެކޮޅަށް އަސްކަރީ ހަމަލާތައް ދޭން ފެށި އެވެ.

އިޒްރޭލުގެ ހިސޯރުގެ ސަބަބުން އެހެން ގައުމަކުން ގާޒާ އަށް ހަތިޔާރު އެތެރެ ކުރުމަކީ ނާދިރު ކަމެކެވެ. އެހެންކަމުން، ގާޒާގައި ތިބި ފަލަސްތީނު ރައްޔިތުންގެ އިންޖިނޭރުކަމުގެ ދަށުން، ހަނގުރާމަވެރި އާލާތްތައް އުފައްދައި ބޭނުންކުރަމުން އައީ އެނޫން ގޮތެއް ނެތުމުންނެވެ.

އޭގެ ފަހުން މިދިޔަ 16 އަހަރުގެ ތެރޭގައި ހަމާސް އިން އިޒްރޭލުގެ ތެރެއަށް އެތައް ހާސް ރޮކެޓެއް ފޮނުވާލައިފި އެވެ. ނަމަވެސް އެ އަދަދާ އަޅައިބަލާއިރު އެ ހަމަލާތަކުން އިޒްރޭލަށް މާ ބޮޑު ގެއްލުމެއް ނުލިބެ އެވެ.

ސަބަބަކީ، ހަމާސްގެ ރޮކެޓްތަކުގެ ބާރު ދަށްވުމެވެ. އަނެއް ސަބަބަކީ އެ ރޮކެޓްތައް އުފެއްދުމުގައި ބޭނުންކޮށްފައިވާ ޓެކްނޮލޮޖީގެ ފެންވަރު ދަށްވުމުން، އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުތަކުން ފަސޭހަކަމާ އެކު އެ ރޮކެޓްތައް ދެނެގަނެ އޭގެ އަމާޒަށް ފޯރުމުގެ ކުރިން ވައިގެ ތެރޭގައި ގޮއްވައިލެވުމެވެ. ނިސްބަތުން ބަލާއިރު ވަރަށް މަދު ރޮކެޓެއް ނޫނީ އޭގެ އަމާޒަށް ފޯރައިފައެއް ނެތެވެ.

ނަމަވެސް މިފަހަރު ހަމާސް އިން ފަށާފައިވާ ހަނގުރާމަ އިން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ހަމާސްގެ އަސްކަރީ ގާބިލުކަން ފެންނަނީ މުޅިން އެހެން މަރުހަލާއަކަށް ފޯރާފައިވާ މަންޒަރެވެ. ޒަމާނީ ޓެކްނޮލޮޖީގެ ޤާބިލުކަން ލިބިގަނެ، އިޒްރޭލުގެ ޖާސޫސީ އަދި އަސްކަރީ އިދާރާތަކުގެ ލޯތައް ކަނުކޮށްލުމުގެ ގާބިލުކަން ހަމާސްގައި އެބަހުރި ކަމަށް މިހާރު ގަބޫލުކުރަންޖެހެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ހަމާސް އިން، އަގްސާ ތޫފާންގެ ނަމުގައި ފެށި ވަރުގަދަ ހަނގުރާމައިގައި ހޭދަވަމުންދާ ކޮންމެ ހިނދުކޮޅެއް ސާބިތުކޮށްދެނީ، ހަނގުރާމައިގެ އުކުޅުތަކަށް ހަމާސް ފައްކާވެފައިވާ މިންވަރާއި އަސްކަރީ ގޮތުން ކުރިއަރާފައިވާ މިންވަރެވެ. ސޯޅަ އަހަރު ވަންދެން ހިސޯރުކޮށްފައި ބިމުން ނުކުމެ، އިޒްރޭލުގެ އެންމެ އެތެރެއަށް ވަދެ ދެމުންދާ ހަމަލާތައް ހުއްޓުވުމަށް، އެންމެ ޒަމާނީ ހަތިޔާރުތަކާ އެކު އިޒްރޭލުން މަސައްކަތް ކުރާތާ ފަސް ދުވަސް ވެގެން ދިޔައިރު ވެސް، ހަމާސްގެ ކުރިއެރުން ހުއްޓުވައެއް ނުލެވެއެވެ.

މިފަހަރުގެ ހަނގުރާމައިގައި އިޒްރޭލުން ބޭނުންކުރާ ހަތިޔާރުތަކުގެ ތެރޭގައި ބާރު ގަދަ ރޮކެޓްތަކާއި، ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯންތަކާއި މޯޓަރު ބަޑީގެ އިތުރުން، ޓޭންކަށް ހަމަލާ ދޭ ޒާތުގެ ހަތިޔާރު ވެސް ހިމެނެ އެވެ.

އިޒްރޭލުގެ ތެރެއަށް ވަދެގަތުމަށް ހަމާސް ޖަމާއަތުން ބޭނުންކުރި ގޮތްތަކާ މެދު، އަދި އެކަން ކާމިޔާބުވި ގޮތަކާ މެދު އިޒްރޭލުގެ އަސްކަރީ ވެރިންގެ މެދުގައި މިހާރުވެސް ހުރީ ޖަވާބު ނުދެވޭ ސުވާލުތަކެވެ.

ވަށައިގެން ސީސީޓީވީ ކެމެރާތައް ހަރުކޮށްފައިވާ، ކަށިނަރުގެ ފާރު ގޮއްވާލައި ހަލާކުކޮށްލެވުނީ ކިހިނެއްހެއްޔެވެ؟ ހަމާސްގެ ހަނގުރާމަވެރި ޑިންގީތައް އިޒްރޭލުގެ ކޯސްޓް ގާޑްގެ ރާޑަރުތަކަށް ނުފެނި، ގާޒާ އިން ފުރައިގެން ކަނޑު މަގުން ގޮސް އިޒްރޭލުގެ ތެރެއަށް ވަނީ ކިހިނެއް ހެއްޔެވެ؟ އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުގެ ރާޑަރުތަކަށް ނުފެނި، މޯޓަރުލީ ވައިކުޑަތަކުގައި، ހަނގުރާމަވެރިން ވައިގެ މަގުން އިޒްރޭލުގެ އެތެރެއަށް އެތެރެވީ ކިހިނެއް ހެއްޔެވެ؟

މީގެ އިތުރުން އިޒްރޭލަށް އަދިވެސް ޖަވާބު ނުލިބޭ ވަރަށް މުހިންމު ސުވާލެއް އެބަ އޮތެވެ. މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި، ހަނގުރާމަވެރިންގެ ހަރަކާތްތައް އިޒްރޭލަށް ފޯރުކޮށްދޭ ފަލަސްތީނުގެ ޚިޔާނާތްތެރި އެތައް ހާސް ޖާސޫސުންނެއް ގާޒާގެ ތެރޭގައި އުޅޭއިރު، ހަމާސްގެ އެ ފުރިހަމަ ރޭވުންތަކާއި އެ ހަމަލާ ދޭން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް އިޒްރޭލަށް ނުލިބުނީ ކީއްވެ ހެއްޔެވެ؟

މި ސުވާލުތަކުގެ ޖަވާބު ނުލިބުނަސް، އިޒްރޭލުގެ ޖާސޫސީ އިދާރާތައް ފެއިލްވެފައިވާ ކަމަށް އެމީހުން އެއްބަސްވި އެވެ. އަދި އެކަންކަން ހައްލު ކުރުމުގެ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ވެސް މިދިޔަ ހޯމަ ދުވަހު އިޒްރޭލުން ބުންޏެވެ.

ނަމަވެސް އަންގާރަ ދުވަހުގެ ވެސް ހަމާސްގެ ހަނގުރާމަވެރިން ގާޒާ އިން ފުރައިގެން ކަނޑު މަގުން ދަތުރުކޮށް ގާޒާގެ އުތުރުން ޔަހޫދީން ވަޒަންވެރިވެ ދިރިއުޅޭ އަސްގަލާން ސަހަރަށް ވަދެފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން މިއަދު ބުންޏެވެ. ރޭ އަސްގަލާނަށް ކަނޑު މަގުން އެތެރެވި ހަނގުރާމަވެރިން ވެސް، އެކަން ކުރި އިރު އެ ސަރަހައްދުގެ ސިފައިންނަށް ނޭނގޭ ކަމަށް އަސްކަރިއްޔާ އިން ބުންޏެވެ.

ހަމާސްގެ އަގްސާ ތޫފާންގެ ފަސް ދުވަސް ތެރޭގައި ދިން ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ 1200 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ. އޭގެ ތެރޭގައި އިޒްރޭލުގެ 170 އަށް ވުރެ ގިނަ ސިފައިން ހިމެނެ އެވެ. އަދި އިތުރު 3500 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލައިފަ އެވެ.

ހަމާސްގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގައި، މިހާތަނަށް ފަލަސްތީނުގެ 1055 މީހުން ޝަހީދުވެ 5180 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

ގާޒާގެ ރަށްބޭރުގައިވާ ޔަހޫދީ އާބާދީތަކުގެ ތެރޭގައި، ހަމާސްގެ ހަނގުރާމަވެރިންނާއި އިޒްރޭލުގެ އެއްގަމު ސިފައިންނާ ދެމެދު އިއްޔެ ވެސް ވަރުގަދަ އަށް ހަމަލާތައް ބަދަލު ކުރަމުން އަންނަ އިރު، ވައިގެ މަގުން ގާޒާ އަށް ދޭ ހަމަލާތައް އިޒްރޭލުން ވަނީ ވަރުގަދަކޮށްފަ އެވެ. އިޒްރޭލުގެ ހަމަލާތަކުގައި ބިންގަރާސް ބޮންތައް ބޭނުންކޮށް، ފަލަސްތީނުގެ އެތައް ސަތޭކަ އިމާރާތެއް މިހާރު ވަނީ ބިމާ ހަމަކޮށްލައިފަ އެވެ.