މަޖިލިހުގެ އިންތިހާބަށް ވެސް ޕީޕީއެމް/ޕީއެންސީ ނުކުންނާނީ އެއްކޮށް: ތޮލާލް
މަޖިލިހުގެ އިންތިހާބަށް ވެސް ޕީޕީއެމް/ޕީއެންސީ ނުކުންނާނީ އެއްކޮށް: ތޮލާލް

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް ޕީޕީއެމް/ޕީއެންސީން ވާދަކުރާނީ ގުޅިގެން ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް އިއްޔެ "މިހާރު" އަށް އެހެން ވިދާޅުވީ، ޕީއެންސީގެ ލީޑަޝިޕަށް ބަދަލުތަކެއް ގެނެސް އެ ޕާޓީ ވަރުގަދަ ކުރަން ކުރާ މަސައްކަތްތަކާ އެކު، ޕީޕީއެމާ ވަކިން ޕީއެންސީން ކަންކަން ކުރަން އުޅޭ ކަމަށް ފެތުރޭ ވާހަކަތަކާ ގުޅިގެން ސުވާލު ކުރުމުންނެވެ.

ތޮލާލް ވިދާޅުވީ، 2019 ގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާއި އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވެސް ޕީޕީއެމް/ޕީއެންސީން ވާދަކުރީ ގުޅިގެން ކަމަށް ވާތީ ކުރިއަށް އޮތް މަޖިލިހުގެ އިންތިހާބުގައި ވެސް އަމަލު ކުރާނީ އެ އުސޫލަށް ކަމަށެވެ.

"އެއީ އަޅުގަނޑުމެން އެ ދެ އިންތިހާބުގައި ވެސް ދަމަހައްޓަމުން އައި ސިޔާސަތެއް. ދެ ޕާާޓީން ވަކިން އިންތިހާބުތަކުގައި ވާދަކުރާ ސިޔާސަތެއް ނިންމައިފައެއް ނެތް. އެހެންވެ، މަޖިލިސް އިންތިހާބުގައި ވެސް ޕީޕީއެމާއި ޕީއެންސީ ވާދަކުރާނީ ގުޅިގެން،" ތޮލާލް ވިދާޅުވި އެވެ.

ޕީއެންސީގެ ލީޑަޝިޕަށް މި މަހުގެ ހަތަރު ވަނަ ދުވަހު ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެ ޕާޓީގެ ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ޗެއާޕާސަނަކަށް އަދި ރައީސްގެ މަގާމަށް ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ކޮށްފައިވާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅައިފަ އެވެ.

ޕީއެންސީގެ ކައުންސިލްގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ގޮތުން އެ ޕާޓީގެ ނައިބު ރައީސަކީ ކުރިއަށް އޮތް ދައުރުގައި ރާއްޖޭގެ ނައިބު ރައީސަކަށް އިންތިހާބުކުރި ހުސައިން މުހައްމަދު ލަތީފެވެ.

ޕީއެންސީގެ ލީޑަޝިޕަށް އެ ބަދަލުތައް ގެނައީ މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމަށް ހާޒިރުވި 40 މެމްބަރުންގެ އިއްތިފާގުންނެވެ.

ޕީޕީއެމާއި ޕީއެންސީން ގުޅިގެން މަޖިލިސް އިންތިހާބަށް ނުކުންނައިރު، އެ ކޯލިޝަނުން އެމްއެންޕީއާ އެކު މިދިޔަ މަހު ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތަށް، އެމްއެންޕީން ވެސް ކުރިއަށް އޮތް އިންތިހާބުތަކުގައި އެ ކޯލިޝަނާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް އިއްޔެ ރޭ ވަނީ ވިދާޅުވެފަ އެވެ.

"އިންތިހާބެއް ކުރިމަތިވުމުން ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެ ނަމަ ޕްރައިމަރީއެއް ބާއްވައި އެ ޕްރައިމަރީ އިން މޮޅުވާ މީހަކަށް ހުރިހާ ޕާޓީއަކުން ތާއީދު ކުރާނީ،" ޕީޕީއެމް/ޕީއެންސީއާ އެކު މިދިޔަ މަހުގެ 12 ވި އެއްބަސްވުމުގައި މަޖިލިހުގެ އިންތިހާބަށް ވާދަކުރުމާ ގުޚޭ މާއްދާ ތަފުސީލް ކޮށްދެއްވަމުން ނާޒިމް ވިދާޅުވި އެވެ.