"މަހާނަ" ހަދައިގެން އުކުޅަހުން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް
"މަހާނަ" ހަދައިގެން އުކުޅަހުން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް

އެމްޑީޕީގެ އިސް އެކްޓިވިސްޓަކު ޕީޕީއެމަށް ސޮއި ކުރުމުން އއ. އުކުޅަހު މަގުމަތީގައި "މަހާނަ"އެއް ހެދި މައްސަލައިގައި ހައްޔަރުކުރި ހަ މީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްދީފި އެވެ.

ރަސްދޫ އާއި މާލެއިން ފުލުހުންގެ ޓީމެއް އުކުޅަހަށް ގޮސް، މި އެންމެން ރޭ ހައްޔަރުކުރީ ސިހުރު ފަންޑިތަ ހަދައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދި ކަމަށް ބުނެ އެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި އއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް މޫސާ ނަސީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އުކުޅަހު ކައުންސިލް މެމްބަރު އަލީ ޒަމީރު ވިދާޅުވި ގޮތުގައި ކުރިން އެ ރަށުގައި އެމްޑީޕީގެ އެންމެ އިސް އެކްޓިވިސްޓުގެ ގޮތުގައި ހަރަކާތްތެރިވި މީހަކު މިދިޔަ ހަފުތާގައި ޕީޕީއެމަށް ސޮއި ކުރުމުން، އެ ރަށުގެ އެމްޑީޕީގެ ސަޕޯޓަރުން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެ އެވެ. އަދި މަހާނައެއް ސިފަވާ ގޮތަށް، މަގުމައްޗަށް ވެލި އަޅައި އޭގެ މައްޗަށް މާ އަޅައި "މޮނިއުމަންޓް"އެއް ހެދި ކަމަށާއި އެއީ އޭނާގެ ނަން އެ ޕާޓީން ފޮހެލީ ކަމަށް ނިންމައި އެ މީހުންގެ ޝުއޫރު ފާޅުކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށް ވިދާޅުވި އެވެ.

"އެއީ ރަށުގެ ބޮޑު މަގުގައި ކުރި ކަމެއް. އަޅުގަނޑުމެން ބޮނޑިބަތް ކެއުމުގެ ހަރަކާތް ކުރިއަށް ގެންދަނިކޮށް ފުލުހުން އައިސް ސުވާލު ކުރަނީ ސިޔާސީ ލަވަ ޖަހައި، އެ ހަރަކާތް ކުރިއަށް ގެންދަނީ ކީއްކުރަންހޭ. ދެން އެ މޮނިއުމަންޓާ ގުޅޭ ގޮތުން ސުވާލުކުރުމުން އަޅުގަނޑުމެން ބުނިން އެއީ ހާޑްކޯ އެކްޓިވިސްޓަކު ޕާޓީން ވަކިވީމާ ކުދިންތަކެއް (ސަމާސާއަކަށް) ކުރި ކަމެކޭ،" ޒަމީރު ވިދާޅުވި އެވެ.

އެކަމަކު ސިހުރާއި ފަންޑިތައިގެ އެއްވެސް ކަމެއް އޭގައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.