12 އޮކްޓޯބަރ 2023 - 13:27

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި މި ތަކެތި އަތުލައިގަތީ މިދިޔަ ހޮނިހިރު ދުވަހު ޕާކިސްތާނުން ރާއްޖެ އައި އެ ގައުމުގެ 20 އަހަރުގެ އަންހެނެއްގެ އަތުން ކަމަށެވެ. އޭނާގެ އަތުން 4.7 ކިލޯގެ ޑްރަގް ފެނުނު ކަމަށާއި އޭގެ އަގު 5.8 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އެ ތަކެތި ފެނުނީ އަންހެން މީހާއާ މެދު ޝައްކުވެގެން އޭނާގެ ލަގެޖު ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.
ލަގެޖުން ފެނުނު ޕެކެޓްގައި ހުރި ޑްރަގަކީ ހެރޮއިން ކަމަށް ޓެސްޓުތަކުން ދައްކާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސް އިން މިހާރު ވަނީ ޑްރަގާ އެކު އަތުލައިގަތް މީހާ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތަށް ހައްޔަރުކުރާ މީހުންގެ ތެރޭގައި ޕާކިސްތާނު މީހުން ވަރަށް ގިނަ އެވެ. ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި މިގޮތަށް ގެންނަ ތަކެއްޗާ ހަވާލުވެގެން އަންނަ ގިނަ މީހުންނަކީ ބޮޑެތި ބަލިތައް ހުންނަ ދާއިމީ ފަރުވާ ބޭނުންވާ މީހުންނެވެ.