13 އޮކްޓޯބަރ 2023 - 16:08

ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކަށް ފުރަތަމަ ފަހަރަށް ރާއްޖެ ހޮވިއްޖެ އެވެ.
ރާއްޖެ އެ މަގާމަށް ހޮވުމުން އެ ބޯޑުގެ ޗެއާކަން ކުރައްވާނީ ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމެވެ. އެމްއެމްއޭ އިން ބުނީ، އެ މަގާމަށް އައްޔަނު ކުރަނީ ވޯލްޑް ބޭންކް ގުރޫޕާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑްގެ މެންބަރު ގައުމުތަކުގެ ވޯޓުން ކަމަށެވެ.
ޗެއާޕާސަންގެ މަގާމަށް އެމްއެމްއޭގެ ގަވަރުނަރު އިންތިހާބުވީ ވޯޓުގައި ބައިވެރިވި ހުރިހާ ގައުމުތަކެއްގެ ތާއީދާ އެކު އެވެ. އެ މަގާމަށް ރާއްޖެ ހޮވުނުކަން އިއުލާންކޮށްފައި ވަނީ މޮރޮކޯގެ މަރަކެޝްގައި މިހާރު ކުރިއަށް ގެންދާ ވޯލްޑް ބޭންކް ގްރޫޕް – އައިއެމްއެފް އަހަރީ ބައްދަލުވުމުގަ އެވެ. ޗެއާކަން ކުރައްވާ ބޭފުޅުން އައިއެމްއެފާއި ވޯލްޑް ބޭންކްގެ އަހަރީ އާންމު ޖަލްސާތައް ކުރިއަށް ގެންދިއުމުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުން ހަރަކާތްތެރިވާނެ އެވެ.
ވޯލްޑް ބޭންކް އަދި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއެއް ހަމަޖައްސަނީ ކޮންމެ އަހަރެއްގައި ވެސް ތަފާތު ސަރަހައްދަކުންނެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޗެއާމަންކަމަށް ހަމަޖައްސާފައިވަނީ އޭޝިއާ ޕެސިފިކް މެންބަރު ގައުމުތަކުންނެވެ.
ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މިއީ ތާރީހީ ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވި އެވެ.
"ރާއްޖެ އައިމްއެމްއެފްގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވާތާ 45 އަހަރު ވެފައި ވާއިރު މިއީ ރާއްޖެއަށް މި ފަދަ ފުރުސަތެއް ލިބުނު ފުރަތަމަ ފަހަރު. އެހެންކަމުން، ވޯލްޑް ބޭންކް ގްރޫޕް އަދި އައިއެމްއެފްގެ ޗެއާގެ މަގާމު ރާއްޖެއަށް ލިބުމަކީ ވަރަށް ތާރީހީ ކާމިޔާބީއެއް. މި ފުރުސަތުގައި މި ކަމުގައި އަޅުގަނޑުމެންނަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވި އެވެ.