16 އޮކްޓޯބަރ 2023 - 10:57

އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ބޮމުގެ ހަމަލާތަކުގައި ޝަހީދުވާ ފަލަސްތީނު އާންމުންގެ އަދަދު ގިނަވެ އެ ހަށިތައް ހޮސްޕިޓަލްތަކާއި މޯޗަރީތަކަށް ގެންދިއުމުގެ މަސައްކަތް ވެސް ބޮޑު ނުރައްކަލަކަށްވެ އައިސްކްރީމް ފްރީޒަރުތަކުގައި ވެސް ހަށިތައް ބާއްވަން ފަށާފައިވާ ކަމަށް އެ ސަރަހައްދުގެ ސިއްހީ އޮފިޝަލުން ބުނެފި އެވެ.

ފަހުގެ ތާރީހެއްގައި ފަލަސްތީނުގެ ހަމާސްއިން އިޒްރޭލަށް ދިން އެންމެ ވަރުގަދަ ހަމަލާތަކަށް ފަހު އިޒްރޭލުން ރައްދު ހަމަލާ ދެމުން ގެންދަނީ އިންސާނިއްޔަތުކަމަށް ބެލުމެއް ނެތި އެވެ.

ހަމަލާތަކުގައި ގާޒާއިން 2،300 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު ސިއްހީ އޮފިޝަލުން ބުނަމުން ދަނީ މަރުވާ މީހުންނާއި ޒަހަމްވާ މީހުން ހޮސްޕިޓަލްތަކަށް އުފުލުމަކީ ވެސް ނުރައްކަލެއް ކަމަށެވެ. މަރުވާ މީހުން ސަހަރާތަކަށް ގެންދަން ބަލާއިރު އެ ތަންތަނުގައި ހުރި މޯޗަރީތަކުގައި ޖާގައެއް ނެތް ކަމަށާއި އެހެންވެ އައިސްކްރީމް ފްރީޒަރު ޓްރަކްތަކަށް ވެސް މިހާރު ހަށިތައް އަޅަންޖެހޭ ކަމަށް ބުންޏެވެ.
"ހޮސްޕިޓަލްގެ މޯޗަރީގައި ބޭއްވެނީ 10 ހަށިގަނޑު. އެހެންވެ އަަހަރެމެން އައިސްކްރީމް ފެކްޓަރީތަކުން އައިސްކްރީމް ފްރީޒަރު ޓްރަކްތައް ގެނެސްގެން ވެސް، ޝަހީދުންގެ ހަށިތައް އެބަ ރައްކާކުރަން،" ޝުހަދާ އަލް އަގްސާ ހޮސްޕިޓަލްގެ ޑރ. ޔާސިރް އަލީ ވިދާޅުވި އެވެ.
އެ ފްރީޒަރުތަކުގެ ބޭރުގައި ހުރީ، ގާޒާގެ ހާލަތާ ދިމާ އިދިކޮޅު މަންޒަރުތައް ފެންނަ، އުފާވެރިކަމާ އެކު އައިސްކްރީމް ބޯން ތިބި ކުޑަކުދިންގެ ފޮޓޯތަކެވެ. އެއީ މި ހުރިހާ ދުވަހަކު، ފެކްޓަރީތަކުން ސުޕަމާޓްތަކަށް އައިސްކްރީމް އުުފުލަން ގެންގުޅުނު ވެހިކަލްތަކެވެ. އެއީ މިހާރު ވަގުތީ މޯޗަރީތަކެވެ.
ޑރ. ޔާސިރު ވިދާޅުވި ގޮތުގައި ފްރީޒަރުތައް ބޭނުންކުރަމުން ދާއިރު ވެސް މައި ހޮސްޕިޓަލްގެ މޯޗަރީގެ ކެޕޭސިޓީއަށްވުރެ އިތުރުވެ އެވެ.
"ގާޒާ މި އޮތީ ވަރަށް ބޮޑު ކާރިސާއެއްގެ ތެރޭ. މިގޮތަށް ހަނގުރާމަ ކުރިއަށްދާ ނަމަ، މަރުވާ މީހުން ވަޅުލެވޭނެ ގޮތެއް ވެސް ނޯންނާނެ. ސަހަރާތައް ވެސް ފުރިއްޖެ. މީހުން ވަޅުލަން އާ ތަންތަން ބޭނުންވޭ،" ޑރ. ޔާސިރު ވިދާޅުވި އެވެ.
އެހެންވެ އެއް ވަޅެއްގައި ގިނަ އަދަދެއްގެ މީހުން ވަޅުލެވޭ ގޮތަށް ޖަނާޒާތައް އިންތިޒާމްކުރަން ފަށައި 100 އަށް ވުރެ ގިނަ މީހުން އެއް ތަނެއްގައި ވަޅުލާން ވަނީ ތައްޔާރުވެފަ އެވެ.
މި ހާލަތުގައި ގާޒާ އޮތް އިރު ވެސް އިޒްރޭލުން ބުނަނީ ރައްކާތެރި ހިސާބުތަކަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. އިޒްރޭލުން މިހާރު ވަނީ ގާޒާގެ ދެކުނު ސަރަހައްދުގައި ތިބި އެންމެން އުތުރަށް ބަދަލުވާން އަންގައިފަ އެވެ. ބެލެވޭ ގޮތުން އިޒްރޭލުން ތައްޔާރުވަނީ އެ ސަރަހައްދަށް ބޮން އެޅުމަށް ފަހު އެއްގަމު މަގުން އަރާށެވެ.
ގާޒާގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި އިޒްރޭލުން ވައިގެ މަގުން މިހާތަނަށް ދިން ހަމަލާތަކުގައި 2،300 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު އޭގެ ތެރެއިން ހަތަރު ބައިކުޅަ އެއް ބަޔަކީ ކުޑަކުދިންނެވެ. ހޮސްޕިޓަލްތަކަށް ގެންދާ މީހުންގެ އަދަދު ގިނަވެ، ފަރުވާ ދޭނެ ވަސީލަތްތައް ނެތި ބޭހުގެ ތާށިކަން ވެސް ވަނީ ވަރަށް ބޮޑުވެފައި ކަމަށް އެ ތަންތަނުން އަންނަނީ ބުނަމުންނެވެ. -- ރޮއިޓާސް