24 އޮކްޓޯބަރ 2023 - 09:36

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ފެށުމަށް ކޯރަމް ހަމަނުވާ މައްސަލަ ފަހަކަށް އައިސް ބޮޑުވެފައިވާ އިރު، މިއަދުގެ ޖަލްސާ ވެސް ކޯރަމް ނެތިގެން ކެންސަލް ކޮށްފި އެވެ.
މިއަދުގެ ޖަލްސާ ފެށުމަށްޓަކައި މަޖިލީހުގެ ގަވާއިދުގައި ބުނާ 22 މެމްބަރުން ނެތް ކަމަށް ވިދާޅުވެ، ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ނިންމެވީ ޖަލްސާ ބޭއްވެން ނެތް ކަމަށެވެ.
މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ އެންމެ މުހިންމު ކަމަކީ މިއަހަރުގެ ބާކީ ބަޔަށް ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމަންޓްރީ ބަޖެޓުގެ މަސައްކަތެވެ.
ފިނޭންސް މިނިސްޓްރީން ބަޖެޓަށް އިތުރު 6.5 ބިލިއަން ރުފިޔާ ހުށަހެޅީ ރިކަރަންޓް ހަރަދަށް 3.1 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް 3.3 ބިލިއަން ރުފިޔާ އެވެ.
ސަޕްލިމަންޓްރީ ބަޖެޓުގެ އިތުރުން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން ބަދަލުކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ބަހުސް ކުރިއަށް ގެންދިޔުން ވެސް މިއަދުގެ އެޖެންޑާގައި އޮތީ ހިމަނައިފަ އެވެ.
މަޖިލީހުގެ ތިން ވަނަ ދައުރު ފެށުނު ފަހުން ކޯރަމް ހަމަނުވުމުގެ މައްސަލަ ބޮޑުވެފައިވާ އިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތު ބަލަހައްޓަވައި ޖަލްސާ ތަކުގައި ކޯރަމް ހަމަކުރަން މެމްބަރުންނަށް ވަގުތު ދެއްވަ އެވެ.
އެކަމަކު ނަޝީދު މަގާމުން ވަކި ކުރަން އެމްޑީޕީން އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި ފަހުން އެ މަނިކުފާނު ރިޔާސަތަށް ވަޑައިނުގަންނަވަ އެވެ. މިހާރު ޖަލްސާތައް ހެނދުނު ފައްޓަވައި ދެއްވަނީ ނައިބު ރައީސް އީވާ އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް މިހާރު ފޮނުވާފައިވާ އިރު، މަޖިލީހުގެ ގަވާއިދުގައި ބުނާ 14 ދުވަހުގެ ނޯޓިސް ހަމަވެ، ދެން އެންމެ އަވަހަށް އަންނަ ބަންދު ނޫން ދުވަހަކަށް އެ މައްސަލަ އެޖެންޑާ ކުރަން ޖެހެ އެވެ.
އެ މުއްދަތު ހަމަވެ، އަންނަ އާދީއްތަ ދުވަހު ނަޝީދުގެ މައްސަލަ އެޖެންޑާކޮށް ޖަލްސާއެއް ބާއްވާނެ ކަމަށް ބެލެވެ އެވެ.