ރޭންކިންގެ ގަދަ 10 ސީޑްކޮށް އޯޕަން ޑިވިޝަން ފަށައިފި
ރޭންކިންގެ ގަދަ 10 ސީޑްކޮށް އޯޕަން ޑިވިޝަން ފަށައިފި

ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ ރަންނަމާރި ޗެލެންޖް 1445 ގައި ދިވެހި ސާފް ލީގުގެ ގަދަ 10 ގައި ހިމެނޭ ރާޅާއެޅުންތެރިން ސީޑްކޮށް ފިރިހެން އޯޕަން ކެޓެގަރީގެ ހީޓްތައް މިއަދު ފަށައިފި އެވެ.

މިއަހަރުގެ ލީގަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ރޭންކިންގައި ކުރި ހޯދައިގެން ލީގުގެ އެންމެ ފަހު އިވެންޓް ކަމަށްވާ ރަންނަމާރި ޗެލެންޖަށް ކޮލިފައިވުން ހިމެނެ އެވެ. ރަންނަމާރި ޗެލެންޖަށް ކޮލިފައިވީ ލީގުގައި ފުރަތަމަ ބޭއްވި ހަތަރު ސީރީޒްގެ ތެރެއިން އެންމެ މަތިން ސްކޯ ކުރި ތިން މުބާރާތުގެ ޖުމްލަ ސްކޯއާ އެކު ރޭންކިންގެ އެންމެ ކުރީގައި އުޅޭ 28 ރާޅާއެޅުންތެރިންނެވެ.

ރަންނަމާރި ޗެލެންޖަށް ކޮލިފައިވި ރާޅާއެޅުންތެރިންގެ ތެރެއިން، އެތުލީޓުން ސީޑް ކޮށްގެން މުބާރާތް ކުރިއަށް ގެންދާ މިއީ ފުރަތަމަ ފަހަރެވެ. އެންމެ ކުރީގައި އޮތް ހަތަރު އެތުލީޓުން ހަތަރުވަނަ ބުރުގައި ސީޑް ކުރެވިފައި ވާއިރު، ރޭންކިންގެ 5 އިން ފެށިގެން 10 އާ ހަމައަށް ތިބި ހަ އެތުލީޓުން ސީޑް ކޮށްފައިވަނީ ތިންވަނަ ބުރުން ފަށާ ގޮތަށެވެ.

ހަތަރުވަނަ ބުރަށް ސީޑް ކޮށްފައި ވަނީ ހުސެއިން އަރީފް (އިބޫ)، އިސްމާއިލް ރަޝީދު (ސްމައިލީ)، ނަޖާހު މުހައްމަދު (ކަބޯ) އަދި އަހުމަދު އާގިލް (އަންމަޑޭ) އެވެ. ތިންވަނަ ބުރުން ފަށާނީ ހޫދު އަހުމަދު (ހޫބްޒް)، އާދަމް މުއީން އިބްރާހިމް، މުހައްމަދު އިރުޝާދު (ބިއްލޫ)، ސައްޔިދު ސަލާހުއްދީން، އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އަދި ހަސަން ނާސިހު (ޗިކާ) އެވެ.

ގަދަ ވިއްސާރައިގެ ތެރޭގައި ފިރިހެން އޯޕަން ކެޓެގަރީގެ ފުރަތަމަ ބުރުގެ ހީޓުތައް މިއަދު ވަނީ ނިންމާލައިފަ އެވެ. ފުރަތަމަ ބުރުގައި ހަ ހީޓެއް ކުރިއަށް ގެންދިޔަ އެވެ. ކޮންމެ ހީޓަކުން އެއްވަނަ ހޯދި ރާޅާއެޅުންތެރިންނަށް ތިންވަނަ ބުރުން ސީދާ ޖާގައެއް ލިބިފައި ވާއިރު، ބާކީ އެތުލީޓުން ޖެހޭނީ ދެވަނަ ބުރުގައި ވާދަކުރާށެވެ.

• ހީޓް 1: ޔަމާން އިބްރާހިމް، މުހައްމަދު ފަޔާޒް (ޕެލޭ)، އިބްރާހިމް ލަތީފް، އަބްދުﷲ އަރުޝަދު

• ހީޓް 2: މުހައްމަދު ޒަޔާން (ޗޮއްޕު)، ޔޫސުފް ކަޔާން ހަމްދާން ޒަކީ، މުހައްމަދު އިނާން އަބްދުލް ހަންނާން، އަހުމަދު މިދުޝާން

• ހީޓް 3: ކަޔާން އަބްދުﷲ އަރީފް، މުހައްމަދު ރިފާސް އަބްދުއްރައްޒާގް، އަޒްލީ ނަސީމް، ޝާނިފް ޝަފީގު

ދެވަނަ ބުރުގައި ކުރިއަށް ގެންދާނެ ތިން ހީޓުގެ ތެރެއިން ކޮންމެ ހީޓަކުން ވެސް އެންމެ ރަނގަޅު ދެ އެތުލީޓުންނަށް ތިންވަނަ ބުރުން ފުރުސަތު ލިބޭނެ އެވެ.

އޯޕަން ބައިގެ ފުރަތަމަ ބުރުގެ ފުރަތަމަ ހީޓުގައި، ޖުމްލަ ހަތް ޕޮއިންޓް ސްކޯ ކޮށްގެން އެއްވަނަ ހޯދީ އިބްރާހިމް އައިމަން އާރިފެވެ. ދެވަނައަށް ދިޔަ ޔަމާން އިބްރާހިމަށާއި ތިންވަނައަށް ދިޔަ މުހައްމަދު އިނާން އަބްދުލް ހަންނާނަށް ލިބުނީ 5.50 ޕޮއިންޓެވެ. ވާދަވެރި ދެވަނަ ހީޓު، 0.66 ޕޮއިންޓްގެ ތަފާތަކުން ކާމިޔާޞު ކުރީ އަބްދުﷲ އަރީފް (ފުކޫ) އެވެ. ފުކޫ ވަނީ ޖުމްލަ 11.66 ޕޮއިންޓް ހޯދައިގެން މުހައްމަދު ފަޔާޒް (ޕެލޭ) ފަހަތަށް ޖައްސާލައިފަ އެވެ.

ޖުމްލަ 10.33 ޕޮއިންޓް ސްކޯ ކޮށްގެން ތިންވަނަ ހީޓު ކާމިޔާބުކުރީ ޔަސީން އަހުމަދު ނާޝިދެވެ. ދެވަނައަށް ދިޔަ ކަޔާން އަބްދުﷲ އަރީފް އަށް ލިބުނީ 8.07 ޕޮއިންޓެވެ.

ގައުމީ ޓީމުގެ އެތުލީޓް ޖައިލަމް ނިޒާރު ހަތަރުވަނަ ހީޓު ކާމިޔާބުކުރީ މުހައްމަދު ރިފާސް އަބްދުއްރައްޒާގަށް ވުރެ 0.01 ޕޮއިންޓް އިތުރަށް ހޯދައިގެން، ޖުމްލަ 7.17 ޕޮއިންޓާ އެކު އެވެ. މި ހީޓުގެ ތިންވަނައަށް ދިޔަ އަބްދުﷲ އަރުޝަދަށް ލިބުނީ 4.36 ޕޮއިންޓެވެ.

ފަސްވަނަ ހީޓުން އެއްވަނަ ހޯދީ ޖުމްލަ 6.83 ޕޮއިންޓް ސްކޯ ކުރި އައިހަމް އަދުނާން އެވެ. ދެވަނައިގައި ނިންމި މުހައްމަދު ޒަޔާން (ޗޮއްޕު) އަށް ލިބުނީ ޖުމްލަ 5.13 ޕޮއިންޓެވެ. ފަހު ހީޓު ކާމިޔާބު ކުރި އަހުމަދު އަރުޒާން ވަނީ ޖުމްލަ 8.66 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނައަށް ދިޔަ ޔޫސުފް ކަޔާން ހަމްދާން ޒަކީ އަށް 6.03 ޕޮއިންޓް ލިބުނުއިރު ތިންވަނައަށް ދިޔައީ 5.04 ޕޮއިންޓް ހޯދި އަޒްލީ ނަސީމް އެވެ.

މާސްޓާސް ކެޓެގަރީގެ ތިންވަނަ ބުރުގެ ހީޓްތައް ވެސް މިއަދު ކުރިއަށް ގެންދިޔަ އެވެ. ކޮންމެ ހީޓެއްގެ އެއްވަނަ އަދި ދެވަނަ އެތުލީޓް ވަނީ ހަތަރުވަނަ ބުރަށް ހޮވިފަ އެވެ.

މިދިޔަ އަހަރުގެ މާސްޓާސް ކެޓެގަރީގެ ޗެމްޕިއަންކަން ހޯދި އަހުމަދު ރަޝީދު މިއަހަރުގެ މުބާރާތުގައި ވާދަ ނުކުރި ނަމަވެސް، ރަނަރަޕް މުހައްމަދު ވިޝާލް އަލީ ވާދަކުރި އެވެ. އެކަމަކު ތިންވަނަ ބުރުގެ ފުރަތަމަ ހީޓުގައި މިއަދު ގަދަ ދެ އެތުލީޓުންގެ ތެރޭގައި ނުހިމެނި، އޭނާ އަށް މިވަނީ މުބާރާތް ނިމިފަ އެވެ.

ތިންވަނަ ބުރުގެ ފުރަތަމަ ހީޓުގައި ޖުމްލަ 4.03 ޕޮއިންޓް ސްކޯ ކޮށްގެން އެއްވަނަ ހޯދީ މުހައްމަދު ފަޔާޒް (ޕެލޭ) އެވެ. ދެވަނައަށް ދިޔައީ 3.87 ޕޮއިންޓް ހޯދި އަބްދުލް ގަފޫރު އަލީ (ގައްބެ) އެވެ. ވިޝާލް އަށް ލިބުނީ 2.50 ޕޮއިންޓެވެ.

ދެވަނަ ހީޓު ކާމިޔާބުކުރި ހުސެއިން ނިޒާމް ވަނީ ޖުމްލަ 7.83 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނައަށް ދިޔަ އަޒްލީ ނަސީމް އަށް ލިބުނީ 5.73 ޕޮއިންޓެވެ. ތިންވަނައަށް ދިޔަ އަހުމަދު ޝަރޫން އަހުމަދަށް ލިބުނީ 3.10 ޕޮއިންޓެވެ.

ތިންވަނަ ހީޓު ކާމިޔާބުކުރީ ޖުމްލަ 6.57 ޕޮއިންޓް ހޯދި އިބްރާހިމް ލަތީފެވެ. ދެވަނައަށް ދިޔަ ހުސެއިން ފަޔާޒް 5.06 ޕޮއިންޓް ހޯދި އެވެ. ތިންވަނައަށް ދިޔަ އަލީ ނިޔާޒަށް ލިބުނީ 3.80 ޕޮއިންޓެވެ.

މާސްޓާސް ކެޓެގަރީގެ ހަތަރުވަނަ ބުރުގައި ދެ ހީޓު ކުރިއަށް ދާނެ އެވެ. ފުރަތަމަ ހީޓުގައި ވާދަކުރާނީ މުހައްމަދު ފަޔާޒް (ޕެލޭ)، އަބްދުލް ގަފޫރު އަލީ (ގައްބެ) އަދި ހުސެއިން ފަޔާޒް އެވެ. ދެވަނަ ހީޓުގައި ވާދަކުރާނީ އިބްރާހިމް ލަތީފް، ހުސެއިން ނިޒާމް އަދި އަޒްލީ ނަސީމް އެވެ.

ހަތަރުވަނަ ބުރުގެ ކޮންމެ ހީޓަކުން އެންމެ މަތިން ސްކޯ ކުރާ ދެ އެތުލީޓެއް ކުއާޓާ ފައިނަލަށް ދަތުރު ކުރާނެ އެވެ.