ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދޭން އެދިއްޖެ
ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދޭން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ ގަރާރު ކުރިއަށް ގެންދިއުމަށް މާދަމާއަށް ޖަލްސާއެއް ތާވަލްކޮށްދިނުމަށް އެމްޑީޕީ ޕާލަމެންޓަރީ ގުރޫޕުން އެދިއްޖެ އެވެ.

މާދަމާއަކީ އާންމުކޮށް މަޖިލީހުގެ ޖަލްސާ ބާއްވާ ދުވަހެއް ނޫނެވެ. އެމްޑީޕީ ޕީޖީ ގުރޫޕުން ބުނީ، މާދަމާ ޖަލްސާއެއް ބާއްވައިދޭން އެދުމަށް އެ ގުރޫޕުން ފާސްކޮށް، މިހާރު ރައްޔިތުންގެ މަޖިލީހަށް ރަސްމީކޮށް ހުށަހަޅާފައިވާނެ ކަމަށެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީ ޕީޖީ މެންބަރުން ވަނީ މިއަދު ވެސް މަޖިލީހުގައި އިހުތިޖާޖެއް ކޮށްފަ އެވެ. އެ އިހުތިޖާޖުގައި މެންބަރުން ބޭނުން ކޮށްފައިވާ ބޯޑުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ބުނެ، ނަޝީދު 2013 ވަނަ އަހަރު ކޮށްފައިވާ ޓްވީޓެއްގެ ލިޔުންކޮޅެއް ހިމަނައިފަ އެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ 49 މެމްބަރުން ސޮޔާ އެކު ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އެ ގަރާރު ކުރިއަށް ގެންދަން ޖަލްސާތައް ތާވަލުކުރި ނަމަވެސް، ޑެންގޫ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ އީވާ ވަނީ ސަލާން ފޮނުއްވައިފަ އެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ، ފާއިތުވި ތިން ދުވަހަކޭ އެއް ގޮތަށް މިއަދުގެ ޖަލްސާ އަށް ވެސް ވަޑައިނުގެންނެވޭކަން އަންގަވައި، އީވާ ސަލާން ފޮނުއްވާފައިވާތީ ޖަލްސާ ކެންސަލް ކޮށްފައިވާ ކަމަށެވެ. އެއީ މަޖިލީހުގެ ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާތީ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމައިފަ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ގަރާރާއެކު މަޖިލިސް ހުއްޓިފައި އޮތް މައްސަލަ އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލާގައި އެދިފައިވަނީ އެކަމުގައި ގޮތެއް ނުނިންމާ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.

އެ މައްސަލައިގެ އަޑުއެހުންތައް އަންނަ ހޯމަ ދުވަހު ފަށަން ވަނީ ތާވަލްކޮށްފަ އެވެ.