09 ނޮވެމްބަރ 2023 - 14:50

ގެދޮރުވެރިޔާ ސްކީމުން ފުރަތަމަ 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތަށް ދިން މުއްދަތު އިތުރުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ފްލެޓު ކޮމިޓީގެ ޗެއާ އަކްރަމް ކަމާލުއްދީން ވިދާޅުވީ، މުއްދަތު އިތުރުކުރަން ނިންމީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ. ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މާދަމާގެ ނިޔަލަށެވެ.
މިނިސްޓްރީން ނެރުނު ދާއިމީ ލިސްޓުގެ މައްސަލަ ބޮޑުވެ އެ ލިސްޓަށް ވެސް ޝަކުވާ އަށް ހުޅުވާލި އިރު އެއްވެސް މީހަކަށް ޕޮއިންޓް ދިން ގޮތުގެ ތަފްސީލެއް އެ މިނިސްޓްރީ އިން ހާމައެއް ނުކުރެ އެވެ.
އެކަމާ ގުޅިގެން ޝަކުވާ ބޮޑުވެ، ޕޮއިންޓް ލިބުނު ގޮތުގެ ތަފްސީލް އިއްޔެއިން ފެށިގެން ވަނީ އާންމުކޮށްފަ އެވެ. މައުލޫމާތު އާންމު ކުރުމާއެކު ގިނަ ބަޔަކު ޕޯޓަލް އަށް ވަނުމުން ގެދޮރުވެރިޔާ ޕޯޓަލް ޑައުންވުމުގެ މައްސަލަތަކެއް ވެސް އިއްޔެ ކުރިމަތިވެފައިވެ އެވެ.
މާދަމާ އަށް މުއްދަތު ހަމަވާއިރު ފްލެޓު ލިސްޓުގައި 20،000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އެ މީހުންނަށް ވެސް ޕޮއިންޓް ލިބުނު ގޮތުގެ ތަފްސީލްތައް އަޅާފައި ވަނީ ޕޯޓަލް އަށެވެ. މިނިސްޓްރީން ބުނެފައިވަނީ 24 ގަޑިއިރު ތެރޭގައި ހުރިހާ ޝަކުވާތަކަށް ޖަވާބު ދޭނެ ކަމަށެވެ.
ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން، މި ސަރުކާރުން ދޭ ފުރަތަމަ 4،000 ފްލެޓް ލިބޭނެ މީހުން ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެ 4،000 ފްލެޓް ދެނީ ތިން ކޮޓަރީގެ ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.