ގިނަ ދުވަސްތަކަކަށް ފަހު ބާއްވަން އުޅުނު އިމްރާންގެ އިސްތިއުނާފް އަޑުއެހުން ކެންސަލް
ގިނަ ދުވަސްތަކަކަށް ފަހު ބާއްވަން އުޅުނު އިމްރާންގެ އިސްތިއުނާފް އަޑުއެހުން ކެންސަލް

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ގިނަ ދުވަސްތަކަކަށް ފަހު މިއަދު ބާއްވަން ތާވަލް ކުރުމަށް ފަހު، އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.

މެއި، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވުމުން ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ނިންމައި، އިމްރާން 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުން އެންމެ ފަހުން ބޭއްވީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ.

އޭގެ 10 މަސް ފަހުން މިއަދު ހެނދުނު އެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން ތާވަލްކޮށްފައި ވަނިކޮށް އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. އެކަމަކު ކެންސަލްކުރި ސަބަބެއް އަދި އެ އަޑުއެހުން ދެން ބާއްވާނެ ދުވަހެއް އަދި ސާފެއް ނުވެއެވެ.

އެ މައްސަލާގައި އަޑުއެހުންތައް ކުރިން ނިންމާލާފައި އޮތަސް ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައިސްފައިވާތީ މިއަދު ބާއްވަން އުޅުނީ އިތުރު އަޑުއެހުމެކެވެ. އަޑުއެހުންތައް ނިންމާލާފައި އޮތަސް ފަނޑިޔާރުންގެ ބެންޗަށް ބަދަލެއް އަތުވެއްޖެ ނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ އެވެ.

އެ މައްސަލަ ބަލާ ބެންޗަށް ބަދަލު އައީ އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޝުޖާއު އުސްމާނު ހައި ކޯޓުގެ ދެކުނު ގޮތްޕަށް ބަދަލު ކުރުމުންނެވެ. ޝުޖާއުގެ އިތުރުން އެ ބެންޗުގައި އޭރު ތިއްބެވީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

ޝުޖާއުގެ ބަދަލުގައި އެ ބެންޗުގައި މިހާރު އިންނަވަނީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. ރިޔާސަތު ބަލަހައްޓަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.

އިމްރާން ޖަލަށް ލާން ހުކުމް ކުރިޔަސް މިދިޔަ އަހަރުގެ މެދު ތެރެއިން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާ ހުންނަވަނީ ގޭ ބަންދުގަ އެވެ. އޭނާ ގޭ ބަންދަށް ބަދަލުކުރީ ޖަލުގައި މަރާމާތެއް ކުރަމުންދާ ކަމަށް ބުނެއެވެ.