09 ފެބުރުއަރީ 2017 - 06:27

އިންޑިއާގެ އެންމެ ބޮޑެތި ފެޝަން ބްރޭންޑުތައް މި މަހު މުމްބާއިގެ ޖިއޯ ގާޑެން ބަންދްރަ ކުރްލާ ކޮމްޕްލެކްސްގައި ވަރަށް ކުލަގަދަކޮށް އެކި ޑިޒައިންތައް ދައްކާލި އެވެ. ހަފުތާއެއް ވަންދެން ކުރިއަށް ގެންދިޔަ މި ފެޝަން ވީކްގައި ގިނައިން ފެނުނީ އިންޑިއާގެ އެކި ވައްތަރުގެ ސަގާފީ ސާރީ އަދި ލެހެނގާ ހެދުމެވެ.

މިއަހަރުގެ ފެޝަން ވީކްގައި ގިނަ އަދަދެއްގެ ބޮލީވުޑް ތަރިން ވެސް ރަންވޭގައި މޮޑެލްކޮށްފައިވެ އެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ދައްކާލި ކަލެކްޝަންތަކުގައި ވަރަށް ތަފާތު ސްޓައިލަށް ފަރުމާކޮށްފައިވާ ހެދުންތައް ފެނުނެވެ.

އަނީތާ ޑޮންގްރޭގެ ޝޯގައި ފެނުނު ކަލެކްޝަންގައި އައިވޮރީ އަދި ކްރީމް ފަދަ މަޑު ކުލަތައް ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ދިގު ހެދުންތައް ވަރަށް ތަފާތެވެ. ލަތީފީ ޑިޒައިނުގެ ފަށުވި އަދި މިނާގެ މަސައްކަތް ހިމެނޭ ހެދުންތައް ލައިގެން މޮޑެލުން ފެހި ބަގީޗާއެއްގެ ތެރޭ މޮޑެލް ކޮށްލި އެވެ. ޝޯ ނިންމާލަން، އަތް ދިގު ހުދު ހެދުމެއް ލައިގެން މޮޑެލްކުރީ އެކްޓްރެސް ކަރީނާ ކަޕޫރެވެ.
އިންޑިއާގެ ފެޝަން ވީކްތައް ތަފާތުވާ މައިގަނޑު އެއް ސަބަބަކީ އެ ޝޯތަކަށް ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރީން މޮޑެލް ކުރާތީ އެވެ. ފަހުގެ މަގުބޫލު ބަތަލާއިން ކަމަށްވާ ޑަޔާނާ ޕެންޓީ، ބޭފިކްރްގެ ބަތަލާ ވާނީ ކަޕޫރް އަދި ޑިޝާ ޕަޓާނީ ފަދަ ރީތި ތަރިން ރަންވޭ މަތިން ފެނުނެވެ. ޓާބޫ، ބިޕާޝާ ބާސޫ، ޕްރީތީ ޒިންތާ، ކަރިސްމާ ކަޕޫރް އަދި މަލައިކާ އަރޯރާ ވެސް ފެނުނެވެ.
މި އަހަރުގެ ފެޝަން ވީކްގައި ގިނައިން ބޭނުން ކުރި ކުލަތަކުގެ ތެރޭގައި ނޫ، ދަނބު، އައިވޮރީ އަދި ރަން ކުލަ ހިމެނެ އެވެ.
ސަގާފީ ހެދުންތަކުގެ އިތުރުން ހުޅަނގު ސްޓައިލުގެ ހެދުމާއި ގައުން ވެސް ދައްކާލި އެވެ. އަންހެނުންގެ ޑިޒައިންތަކުގެ އިތުރުން ފިރިހެނުންނަށް ވެސް ހާއްސަ ކުރުތާ، ގަމީސް އަދި ފަޓުލޫނުތައް ދައްކާލި އެވެ. އެގޮތުން، ވަރުން ދަވަން އަދި އަރްޖުން ކަޕޫރް ހިތްގައިމު އަތްދިގު ކުރުތާ ލައިގެން ޑިޒައިނާ ކުނާލް ރަވާލްގެ ޝޯގައި މޮޑެލް ކުރި އެވެ. އިންޑިއާގެ ނަން މަޝްހޫރު ބްރޭންޑް ނަރެންދްރަ ކުމާރްގެ ބްރޭންޑް އެމްބެސަޑާ އަދި އެކްޓަރު ރަހުލް ހައްނާ، މާ ޖެހި ކަޅު ކޯޓެއް ލައިގެން ވެސް ފެނުނެވެ.
އިންޑިއާގެ ލެކްމޭ ފެޝަން ވީކްގެ ދެ ވަނަ ދުވަސް ހާއްސަ ކޮށްފައިވަނީ "ސަސްޓެއިނަބަލް ފެޝަން" އަށެވެ. އަދި އިންޑިއާގެ ސަގާފީ މަސައްކަތްތެރިކަމަށް ސަޕޯޓުކުރާ ބްރޭންޑުތަކުގެ އިތުރުން، އިކޯ ފްރެންޑްލީ ބްރޭންޑުތަކުގެ ކަލެކްޝަންތައް ފެނިގެން ދިޔަ އެވެ. ސަގާފީ ގޮތަށް ފޮތި ވިޔެގެން ފަރުމާކުރާ ބްރޭންޑު ސަންޖުކްތާ ދައްތާގެ ކަލެކްޝަނަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވެ އެވެ.