މިދިޔަ މަހު 1.7 ބިލިއަން ރުފިޔާ އިތުރަށް ޗާޕުކޮށްފި
މިދިޔަ މަހު 1.7 ބިލިއަން ރުފިޔާ އިތުރަށް ޗާޕުކޮށްފި

މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް މިދިޔަ މަހު 1.7 ބިލިއަން ރުފިޔާ ސަރުކާރުން އޯވަޑްރޯކޮށްފި އެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުން މިއީ އޭގެ ކުރީ މަހަށްވުރެ 300 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ސަރުކާރުން އަންނަނީ 2020 ވަނަ އަހަރުން ފެށިގެން ކޮންމެ މަހަކު ވެސް ފައިސާ ޗާޕު ކުރަމުންނެވެ.

މިއަހަރުގެ ކުރީކޮޅު ސަރުކާރުން ޗާޕުކުރި 4.2 ބިލިއަން ރުފިޔާ ވަނީ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކޮށްފަ އެވެ. އެއަށް ފަހު ކޮންމެ މަހަކު ޗާޕުކުރާ އަދަދު ވަނީ ދެ ބިލިއަން ރުފިޔާއަށް ލިމިޓުކޮށްފަ އެވެ. އެހެންވެ، ކޮންމެ މަހަކު އެއަށް ވުރެ އިތުރަށް ސަރުކާރަށް ފައިސާ ޗާޕެއް ނުކުރެވޭނެ އެވެ.

މިއަހަރު 4.2 ބިލިއަން ރުފިޔާ ބޮންޑަކަށް ބަދަލު ކުރުމުން، އަހަރު ނިމޭއިރު ދެ ބިލިއަން ޗާޕުކޮށްފި ނަމަ، މިއަހަރު ޖުމްލަ ޗާފުކުރާ ވަރު 6.2 ބިލިއަން ރުފިޔާއަށް އެރުމުގެ ފުރުސަތު އެބަ އޮތެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެމްއެމްއޭ އަށް ދިގު މުއްދަތުގައި ދައްކާ ބޮންޑުގެ ގޮތުގައި 13 ބިލިއަން ރުފިޔާ އެބަހުއްޓެވެ. މިއީ ސަރުކާރުން މިގޮތަށް ޗާފުކުރާ ފައިސާ އެވެ.

ސަރުކާރުން ވަނީ 2020 އިން ފެށިގެން، ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން 4.4 ބިލިއަން ރުފިޔާއާ ހަމައަށް ފައިސާ ޗާޕު ކުރެވޭނެ ލިމިޓެއް ކަނޑައަޅައިފަ އެވެ. އެ ލިމިޓަށް މި އަހަރުގެ ނިޔަލަށް ފައިސާ ނެގޭނެ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ޕީބީއޭ އިން ހައްދެއް ނެތި އޯވާޑްރޯކުރުމަކީ، 2013 ގެ ކުރިން ސަރުކާރުތަކުގެ އާންމު ކަމެކެވެ. އެކަމަކު ސަރުކާރު ހިންގަން ބޭނުންވާ ފައިސާ ނެގުން 2014 ގައި ހުއްޓާލި އެވެ. އޭގެ ބަދަލުގައި ޕީބީއޭ ބޭނުންކުރީ ހަމައެކަނި ސަރުކާރުގެ ދަރަނި އަދާކުރާށެވެ.