14 ނޮވެމްބަރ 2023 - 11:35

ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް ފުލުހުން ދެންމެ ވަދެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ކޯޓު އަމުރެއްގެ ދަށުން އާރުޑީސީއަށް ވަން ކަން ޔަގީންކޮށްދެއްވައިފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން ތަހުގީގުކުރަނީ މީގެ ކުރިން ފެންމަތިވި 13 މިލިއަން ރުފިޔާގެ ޕެޓީކޭޝްގެ މައްސަލަ އެވެ. އެ ކުންފުނީގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް 2019 އިން ފެށިގެން ފައިސާ ވަދެފައިވާ އިރު އެ ފައިސާ އަކީ ޕެޓީ ކޭޝް ކަމަށް އާރުޑީސީން ވަނީ ބުނެފަ އެވެ.
ފައިނޭންސް ޑިޕާޓްމަންޓްގެ ތިން މުވައްޒަފުންގެ އެކައުންޓްތަކަށް ގިނަ އަދަދެއްގެ ފައިސާ ކޮންމެ މަހަކު ވެސް ފޮނުވަނީ ޕެޓީ ކޭޝް ގެންގުޅުމާ ގުޅޭ ގޮތުން އެ ކުންފުނިން އެކަލަވާލި އުސޫލެއްގެ ދަށުން ކަމަށް ވެސް އާރުޑީސީން ބުންޏެވެ.
އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު ވެސް ވަނީ އާރުޑީސީގައި ފަޅާއެރި 13 މިލިއަން ރުފިޔާގެ އެ މައްސަލަ ދޮގުކުރައްވައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެ ކުންފުނީގައި ވައްކަމެއް ނުހިނގާ ކަމަށެވެ.
އެކަމަކު އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ންނެވެ.