22 ނޮވެމްބަރ 2023 - 05:56

އާދިއްތަ ދުވަހާ ގުޅޭ
ލައްކަ ދުވަސް ވެއްޖެ މި ވާހަކަދައްކަން އުޅޭތާ! އަހަރެން ވަރިކޮށްދީ!" އެންމެ ފަހުން ލުބާނާ ބުންޏެވެ.
ރަޒީނަށް ފުރަތަމަ ލިބުނީ ސިހުމެކެވެ. ދެން ހޭންފެށިއެވެ. ލުބާނާ ސަމާސާކުރަނީކަމަށް ހީކޮށެވެ.
"ސަމާސާއަކަށް ވެސް ވަރިޔަށް އެދޭކަށް ނުވާނެ،" އަނެއްކާ ވެސް ފޯނަށް ސަމާލުކަންދެމުން ރަޒީން ބުންޏެވެ. "ދޭބަލަ ފެންތަށްޓެއް ހިފައިގެންއަންނަން."
ޗާބީދީފައިވާ ބުދެއްހެން ލުބާނާ ނުކުމެގެން ގޮސް ފެންތަށި ހިފައިގެން އައިސް ރަޒީނަށް ދިނެވެ.
"އަހަރެން ވަރިކޮށްދީ!" ލުބާނާ ތަކުރާރުކޮށް ބުންޏެވެ. "މިހެނެއް ނޫޅެވޭނެ."
"މިހެނެއް ނޫޅެވޭނޭ؟" ރަޒީން ވަރަށް ސީރިޔަސްވެފައި ބުންޏެވެ. "ކިހިނެއް ނޫޅެވޭނީ؟ ކޮބާ މައްސަލައަކީ؟"
"މައްސަލައަކީ އަހަރެން،" ލުބާނާ މަޑުމަޑުން ބުންޏެވެ. "އަހަންނާ ހެދި ރަޒީނަށް ތިހެންވީ. އެހެންވެ ހަމަ އަހަރެން މި ކަން ބަދަލުކުރަން ވެސް ވަރަށް މަސައްކަތްކޮށްފިން. އެކަމަކު ރަޒީން ހިޔެއްނުވޭ ބަދަލުވާން ބޭނުންވާހެނެއް."
ރަޒީން އެއްޗެއް ނުބުނެ އެތައް އިރަކު ވިސްނަންއިނެވެ. ވެގެންްއުޅޭ ގޮތް ވިސްނުނުހެން ވެސް ހީވިއެވެ.
"ކިތަންމެ ބޭނުންވިޔެކޭ ކިޔާފަ ކަންފަތުން އަހަންނަށް ނޭވާލެވޭނެތަ ލުބާނާ؟" އޯގާވެރިކަމާއެކު ރަޒީން ބުންޏެވެ. "ހީނުކުރާތި އަހަރެން މި އުޅެނީ ޖެއްސުންކުރާށޭ! ބަދަލުވާން އަހަރެން ހާދަ މަސައްކަތެއްކޮށްފީމޭ! އެކަމަކު، މިހާ ޒަމާންކޮށްފަ ދެނެއް އަހަންނަކަށް އެހެން ގޮތަކަށް ނޫޅެވޭނެ."
"އަހަންނަކަށް ދެނެއް މި ގޮތަކަށް ވެސް ނޫޅެވޭނެ." ލުބާނާ ބުންޏެވެ.
ރަޒީން ވަރަށް ދެރަވިއެވެ. އޭގެ އަސަރު ރަޒީންގެ މޫނުމަތިން ލުބާނާއަށް ފެނުނެވެ. އެހެނަސް، ދެމީހުންނަށް ވެސް ކުރިމަތިވެފައިވާނީ މަޖުބޫރީ ހާލަތެކެވެ.
"ހާދަ ދެރަޔޭ! ހާދަހާ ދެރަޔޭ!" ވަރަށް ދެރަވެފައި ރަޒީން ބުންޏެވެ. "އަހަރެން ވަރަށް އެކަނިވާނެ. ލުބާނާޔާ ނުލައި އުޅެން ވަރަށް، ވަރަށް އުނދަގޫވާނެ މިހާރު. ވަރަށް ލަދު ވެސް ކަމެއް މީ. އަހަރެން މީހަކާ ހިތާވީކީ ނޫން. ލުބާނާ އެހެން މީހަކާ އިންނަން ބޭނުންވީތަ؟ އެހެންވިޔަސް އަހަރެންގެ މައްސަލައެއް ނެތް. ލުބާނާ ހިތްހަމަޖެހެނީ އެހެން މީހަކާ.."
"އަހަރެން ހިތްހަމަޖެހެނީ މީހަކާ ނީނދެހުންނަން،" ލުބާނާ ބުންޏެވެ. "ބޭނުމެއް ނޫން އެކަކާ ވެސް އިންނާކަށް."
"އެކަމަކު ކޮން ތާކު ލުބާނާ އުޅޭނީ؟" ރަޒީން އެހިއެވެ. "މި ގެއިން އެޕާޓުމަންޓެއް ދެންތަ؟"
"އުހުނ! އަހަރެން ދާނީ ރަށަށް،" ލުބާނާ ބުންޏެވެ. "ރަށުގަ އެހެރީނު އަހަރެންގެ ގެ."
އަނެއްކާ ވެސް ފުން ފިކުރެއްގެ ތެރެއަށް ރަޒީން ގެއްލުނެވެ.
"މައްސަލައެއް ނެތް،" ރަޒީން އެއްބަސްވިއެވެ. "އަހަރެން ބޭނުން ލުބާނާ އުފާވާން. އަހަރެން ދެން ކޮން ކަމެއް ކޮށްދޭންވީ؟"
"ވަރި." ލުބާނާގެ ޖަވާބު ވަރަށް ކުރެވެ.
ލުބާނާ ވަރިކުރުމަށް ޓަކައި ރަޒީން ކޯޓަށް ފޯމުލިއެވެ. އެކަކަށް ވެސް އެއީ އުފަލެއް ނޫނެވެ. ލުބާނާ މަޑުމަޑުން ލުބާނާގެ އަންނައުނު ރަށަށް ފޮނުވަން ފެށިއެވެ. އެހައި ދުވަހު އެކުގައި އުޅުމުން ލުބާނާގެ ލައްކަ ސާމާނު ހުއްޓެވެ. އެކަމަކު ލުބާނާ ރަށަށް ފޮނުވީ އަންނައުނު އެކަންޏެވެ. އެހެން އެއްޗެއް ބޭނުމެއް ނުވިއެވެ.
ކޯޓަށް ދިޔަ އިރު ލުބާނާގެ ބާކީ ހުރީ، ކުޑަ ފޮށްޓަކަށް އަޅައިލެވޭހައި އަންނައުނުކޮޅެކެވެ. ލުބާނާ ކޯޓަށް ދިޔައީ އެ ފޮށި ތައްޔާރު ވެސް ކޮށްފައެވެ. ދެމަފިރިންގެ ވާހަކަ އަޑުއަހާފައި ގާޒީ ބުރަވީ ލުބާނާ ކޮޅަށެވެ. އެކުގައި އުޅެން ލުބާނާ ބޭނުން ނުވެފައި، ވަރިކުރަން ރަޒީން ވެސް ބޭނުންވާތީއެވެ. ކޯޓުގައި ވެސް ލުބާނާ ބުނީ ރަޒީންގެ ފަރާތުން އެއްވެސް އެއްޗެއް ބޭނުން ނޫންކަމުގައެވެ.
ވަރިވުމަށް ފަހު، ދަރިންނަށް ވެސް ނާންގައި ލުބާނާ ގެއަށް ގޮސް ފޮށި ހިފައިގެން ދިޔައީ ޒާހިދާގެ ގެއަށެވެ. އެއްވެސް ދަރިޔަކަށް އުނދަގުލެއް ޖައްސާކަށް ލުބާނާ ބޭނުމެއް ނޫނެވެ. ރަޒީނާ އިނުމާއި، ވަރިވުމާއި، ހުސްހަށިބަޔަށް ހުންނަން ނިންމި ނިންމުމަކީ ވެސް ލުބާނާގެ އަމިއްލަ ނިންމުމަކަށް ވާތީއެވެ. ދަރިންގެ ހިއްސާއެއް ނެތް ކަމެއް ދަރިންނަށް ބައްސާކަށް ލުބާނާ ބޭނުމެއް ނޫނެވެ.
"މިރޭ މި ގޭގަ މަޑުކޮށްލަންކަމަށް،" ލުބާނާ ބުންޏެވެ. "ބުނީމެއްނު ހުސް ކޮޓަރިއެއް އެބަ ހުއްޓޭ! މާދަން ރަށަށް ފުރާނަން. ފެރީން ޓިކެޓު ވެސް ނަގައިފިން. ވަރިވެގެން މިއައީ. ބުނީމެއްނު އަހަންނަކަށް ނުކެރޭނޭ!"
ޒާހިދާ ހިނިތުންވެފައި ފޮށި ގެންގޮސް ކޮޓަރިއަށް ލިއެވެ.
"އެހާ މުއްސަނދި މީހަކާ އިނދެގެން، އެހާ ދުވަހު އުޅެފަ ވަރިވީމަ ކޯޗެއް އޭނަ ދިނީ؟" ސަމާސާގެ ރާގަކަށް ޒާހިދާ އެހިއެވެ.
"މަ ބުނީ އެއްވެސް އެއްޗެއް ބޭނުމެއް ނޫނޭ!" ލުބާނާ ބުންޏެވެ. "ދެނެއް މީހަކާ ވެސް ނީންނާނަން. ސައުވީސް ގަޑި އިރު މީހަކު ފުލުގަލައިގެން އުޅެއުޅެ އަހަރެން ވަރުބަލިވެއްޖެ! އެކަމަކު ހިތްވަރު އެބަ ހުރި. ކުޑަކުޑަ މަސައްކަތެއް ވެސް ކުރެވިދާނެ. ރަށަށް ގޮސް ވެސް ކުރެވޭނެ ކުދިކުދި ކަންކަން ހުންނާނެ. އަމިއްލަ ކަމެއް ވެސް ކުރެވިދާނެ. ތިމާގެ ކުއްޖަކާ ގުޅިލައިގެން ހެދިކާ ވެސް ހެދިދާނެ. އެ ވަރުން އަހަންނަށް ފުދޭނެ. ރަޒީން އެކި ފަހަރު މަތިން ދިން ލާރި ރައްކާކޮށްކޮށް، ކަމެއް ފަށާލެވޭ ވަރަށް މިހާރު ވެސް ލާރި އެބަ ހުރި. އަހަރެން ބުނިން ރަޒީން ކައިރީގަ ލާރިކޮޅެއް ވެސް އެބަ ހުއްޓޭ! ގެންދާށޭ! އޭނަ ބުނީ ބޭނުމެއް ނޫނޭ! އަހަންނަށް ދީފަހުރި އެއްޗެކޭ!"
ލުބާނާ ދެކެން ބޭނުންވާ އެއްވެސް ހުވަފެނެއް ނެތެވެ. ހަމަޖެހިލައިގެން ނޭވާލުން ފިޔަވައެވެ.
"މިހާ ދުވަހު މާލޭގަ އުޅެފަ ކީއްކުރަން ރަށަށްދަނީ؟" ޒާހިދާ އެހިއެވެ. "ދާނެކަމެއް ނެތް. މި ގޭގަ އަހަރެން ވެސް މި އުޅެނީ އެކަނި. ކުދިން ކިޔަވައިގެން ބޭރުގަ އެ އުޅެނީ. ލުބާނާގެ ފޮށި މި ބެހެއްޓީ ހުސް ކޮޓަރިއެއްގަ. އުޅޭ އެ ތާ! އެކައްޗެއް ވެސް ދޭނެކަމެއް ނެތް. ގެ މިހިރީ ހަދާފަ. އަހަންނަށް ފުދިފަ ބާކީވާ ވަރަށް ވެސް ލާރިލިބޭ! އަހަރެން ބަލާނީ ތީ އަހަރެންގެ ދައްތައެއް ކަމަށް. ދެ އަހަރު ވެސް ދޮށީ ވިއްޔާ ވާނީ ދޮށިކަމަށްތާ!"
"އުނދަގުލެއް ނުވާނެ؟" ލުބާނާ ސުވާލުކުރިއެވެ.
"އުނދަގޫވެއްޖެއްޔާ ނަގައި ބޭރަށް ހޫރާލީމަ ނިމުނީނު!" ޒާހިދާ ސަމާސާކޮށްލިއެވެ. "އަހަންނަށް މައްސަލައެއް ނެތް އުމުރުދުވަހު ހުއްޓަސް. ކިހާ ފޫހިފިލާނެ. ތީ ނުލާހިކު ރަނގަޅު ރައްޓެއްސެއް."
ލުބާނާ ދެން އުޅުނީ ޒާހިދާގެ ގޭގައެވެ. ރަށަށް ފޮނުވި އަންނައުނުތައް އަލުން ގެނައީއެވެ. ހަ ދަރިން ވެސް ލުބާނާއަށް ބަރާބަރަށް ލާރި ފޮނުވައެވެ. ކޮންމެ ކުއްޖަކު ވެސް މަހަކު އެއް ހާސް ރުފިޔާ ލުބާނާގެ އެކައުންޓަށް ލައެވެ. ނުފޮނުވާށޭ ބުނީމައި ވެސް ގަބޫލެއް ނުކުރެއެވެ. ރަޒީން ވެސް ތިން މަހުގެ ހަރަދޭ ބުނެފައި ފަސްދޮޅަސް ހާސް ރުފިޔާ ލުބާނާގެ އެކައުންޓަށް ލިއެވެ. ލުބާނާ އެންމެ ދެރަވާ ކަމަކީ، ރަޒީންގެ އެއްވެސް ކުށެއް ނެތީސް ވަރިވާންޖެހުމެވެ.
ޒާހިދާގެ ގެ ލުބާނާއަށް ވަރަށް ހިތްހަމަޖެހެއެވެ. ފަތިސްނަމާދުކޮށްގެން ދެމީހުން އެކުގައި ދަނީ ހިނގާށެވެ. ގެއަށް އައިސް ދެ މީހުން ސައިހަދައިގެން ސައިބޮއެ، ބައެއް ދުވަސްދުވަހު ބޭރު ތަނަކުން ވެސް ސައިބޮއެވެ. ޒާހިދާ ވެސް ވަރަށް ފޫހިފިލައެވެ. ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ވެސް އެކުގައި ދަތުރުކުރެއެވެ. ހުރިހާ ހަރަދެއްކުރާނީ ޒާހިދާއެވެ. ލުބާނާ އަތުން އެންމެ ލާރިއެއް ނުނަގައެވެ.
ހުރިހާ ދަރިންނާ ވެސް ލުބާނާޔާ ގުޅުން އޮވެއެވެ. މާމަދަރިންނާ ވެސް ގުޅުން އޮވެއެވެ. ލުބާނާ ވަރިވިތާ ކައިރީގައި، އިރުއިރުކޮޅާ ފޯނަށް ބަލައިލެވެއެވެ. ރަޒީން މަތިން ހަނދާންވެއެވެ. އެކަމަކު ރަޒީންގެ އުނދަގޫ ނުޖެހޭތީ ހައްޓަށް ވަރަށް ލުއިވިއެވެ. ހީވީ ކޮނޑުމަތީގައި އޮތް ބަރު އެއްޗެއް ނެގިހެންނެވެ. ނަމާދުކޮށް ނިންމައިފައި ކިޔަވަން ވެސް ބޭނުން އިރަކު ލުބާނާއަށް އިނދެވެއެވެ. ރޯދަޔަށް ހުންނަ ދުވަސްދުވަހު ވެސް ގުރުއާން ކިޔަވަން ވަރަށް ގިނަ ވަގުތު ހޭދަކުރެވެއެވެ.
ރަޒީން ނެތްކަމުގެ ފަޅުކަން ލުބާނާއަކަށް އިހުސާސެއް ނުކުރެވެއެވެ. ނިންމުނު ނިންމުމާ މެދު އުފާވިއެވެ. ނިންމުން އަވަސްކުރެވުނު ނަމައޭ ހިތަށްއެރިއެވެ. ލުބާނާ ދެކޭ ގޮތުގައި، ފިރިމީހާ ހެޔޮވުމަކުން އެކަންޏެއް ނުފުދެއެވެ. ފިރިމީހާއަކީ ބުރަޔަކަށްވެގެން ވެސް ނުވާނެއެވެ. ބަލިވީމައި އެހީވުން އެއީ މުޅީން އެހެން ކަމެކެވެ. ލުބާނާގެ ނަޒަރުގައި، ގަދަވެ ސަލާމަތުން ހުންނަ ފިރިމީހާއަކީ، އަމިއްލަ އަތުން ފެންފޮދެއް އަޅައިގެން ނުބޮވޭ މީހެއް ނަމަ އެއީ ފިރިޔަކަށް ނުފުދެއެވެ. ލުބާނާގެ އަށް އަހަރުގެ މާމަދަރިއަށް ވެސް އެ ވަރު ކުރެވެއެވެ. މައްސަލައަކީ ފިރިމީހާއަށް ކަންތައްކޮށްދޭންޖެހުމެއް ނޫނެވެ. ދެމަފިރިން ވެސް އެކަކު އަނެކަކަށް އަޅާލައި، ކަންތައްތައް ކޮށްދޭންޖެހޭނެއެވެ. ލޯތްބަކީ އެއީއެވެ. މައްސަލައަކީ، ފިރިމީހާގެ ނަމުގައި، ބޮޑުނުވާ ކުއްޖެއް ލުބާނާއަށް ގެންގުޅެންޖެހުމެވެ.
ލުބާނާ ވަރިވިތާ އަހަރު ނުވަނީސް ރަޒީން އެހެން މީހަކާ އިނެވެ. ލުބާނާއަށް އެ ޚަބަރުތައް ބަރާބަރަށް ލިބެއެވެ. ދޮށީ ދަރިފުޅު މާހީ ދޮންމަންމަގެ ފޮޓޯއެއް ލުބާނާއަށް ފޮނުވިއެވެ. އެއީ މީހެއް ނޫނެވެ. މާހީއަށް ވުރެ ޒުވާން ކުއްޖެކެވެ. ގޭތެރެ ސާފުކޮށް، ކައްކައި، ދޮވެއިސްތިކުރަން ބިދޭސީއެއް އާދެއެވެ. ގެޔަކު ބިދޭސީއެއް ނުގެންގުޅެއެވެ. އެ ގެއަށް ލުބާނާ ދިޔަސް، ވަންނަނީ ކުދިންގެ ބަޔަށް އެކަންޏެވެ. ރަޒީން ފެނިއްޖެއްޔާ ރަޒީނަށް ވެސް ގޮވައިލައެވެ. ދެ މީހުން ރުޅިއެއް ނޫނެވެ.
އެއްދުވަހަކު ލިފުޓު އައުން ލަސްވެގެން ލުބާނާއާއި މާހީ ސިޑިން ތިރިޔަށް ފޭބިއެވެ. ކާއެއްޗެއް ހިފައިގެން މާހީ ވަނީ ރަޒީންގެ އެޕާޓުމަންޓަށެވެ. އެޕާޓުމަންޓުގެ ދޮރު ހުރީ އެއްކޮށް ނުލެއްޕިއެވެ. އެ ހިސާބަށް ލުބާނާ އަރައި ހަމަވެފައި، ބޭއިހުތިޔާރުގައި އެތެރެ ބަލައިލެވުނެވެ. ރަޒީންގެ ޒުވާން އަނބިމީހާ އިނީ ސޯފާގައި އިށީނދެލައިގެން ފޯނާ ކުޅޭށެވެ. ރަޒީން ހުރީ ތަށިދޮންނާށެވެ.
"ބައްޕަތަ މިހާރު ތަށިދޮންނަނީ؟" މާހީ އެހި އަޑުއިވުނެވެ.
"އާނ! މި ދެން ސިންކުގަ ތަންކޮޅެއް ތަށި ގިނަވީމަ ދޮވެލަނީ،" ރަޒީން ބުނި އަޑުއިވުނެވެ. "ސާފުކުރާމީހާ މިއަދު ބައްޔޯ!"
ލުބާނާ ގާތަށް އައީ ލާނެތް ހިންޏެކެވެ. ހިތަށްއެރިއެވެ. ޅަކުއްޖަކާ އިނދެވުމުން ފިރިހެނުންނަށް މި ލިބެނީ އަޖައިބެއް ކަހަލަ ހިތްވަރެކެވެ. އެތައް އަހަރެއްވީ އިރު ލުބާނާއަށް ބަދަލުނުކުރެވުނު އާދަ، ފުރާވަރުގެ އަންހެންކުއްޖަކު ހަފުތާއަކުން ބަދަލުކޮށްލައިފިއެވެ. ފިރިހެނުންނަކީ، ދަސްކުރަން ހާދަހާ އުނދަގޫ މަހުލޫގެކެވެ. އަމުދުން ވެސް ދެން މީހަކާ ނީންނާނަމެވެ.
-ނިމުނީ-