އަށް އަހަރު ކުރިން ޝުމްބާ ހައްޔަރުކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައިފި
އަށް އަހަރު ކުރިން ޝުމްބާ ހައްޔަރުކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައިފި

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) ސްރީލަންކާގައި ހުއްޓާ ހައްޔަރު ކޮށްގެން ރާއްޖެ ގެނައީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އޭނާގެ ކިބައިން ދައުލަތުން މާފަށް އެދެން އިންތިގާލީ އިންސާފުގެ އޮފީހުން މިއަދު އަންގައިފި އެވެ.

ނޮވެމްބަރު، 2015 ގައި ލަންކާގައި ހުއްޓާ ޝުމްބާ ހައްޔަރުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރު ކުރެއްވި ފިނިފެންމާ ލޯންޗް ގޮއްވާލި މައްސަލާގެ ތުހުމަތުގައި އޭރުގެ ނައިބު ރައީސްގެ އަހުމަދު އަދީބު ހައްޔަރު ކުރުމުންނެވެ.

އަދީބުގެ ގާތް މީހެއް ކަމަށްވާ ޝުމްބާ އޭރު ހޯދަން އިއުލާން ކުރީ އެ މައްސަލައާ ގުޅިގެންނެވެ. އޭނާ އޭރު ލަންކާގައި ހުއްޓާ ރާއްޖޭގެ އެމްބަސީން ދިން މައުލޫމާތުތަކެއްގެ މައްޗަށް ލަންކާގެ ފުލުހުން ޝުމްބާ ހައްޔަރުކޮށް ދިވެހި ފުލުހުންނާ ހަވާލުކުރީ ބައިނަލްއަގުވާމީ މުއާހަދާތަކާއި ލަންކާގެ ގާނޫނުތަކާ ވެސް ހިލާފަށް ކަމަށް ބައެއް ފަރާތްތަކުން އޭރު ބުންޏެވެ.

އެހެންވެ، އިންތިގާލީ އިންސާފުގެ އޮފީހަށް ސެޕްޓެމްބަރު، 2021 ގައި ހުށަހެޅި މައްސަލާގައި އެދިފައިވަނީ ޝުމްބާ ހައްޔަރު ކުރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި އޭރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގުމަށެވެ.

މީގެ އިތުރުން އޭރުގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފާއި އޭރުގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒުގެ އިތުރުން ލަންކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނެވި ސަފީރު ޒާހިޔާ ޒަރީރާއި އެމްބަސީގެ މުވައްޒަފުންތަކެއްގެ މައްޗަށް ވެސް ޖިނާއީ ތަހުގީގު ހިންގަން އެދިފައިވެ އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލަ ބެލުމަށްފަހު އިންތިގާލީ އިންސާފުގެ އޮފީހުން ވަނީ ޝުމްބާގެ އަސާސީ ހައްގުތަކެއް ނިގުޅައިގެންފައިވާތީ އޭނާ ހައްޔަރުކުރީ ގޯސްކޮށް ކަމަށް މިއަދު ނިންމައިފަ އެވެ. އެކަމަށް އޭނާގެ ކިބައިން ދައުލަތުން މާފަށް އެދުމަށާއި ބަންދުކޮށްފައި ހުރި މުއްދަތަށް މާލީ ގެއްލުމުގެ ބަދަލު ދޭން ވެސް އެ އޮފީހުން ނިންމި އެވެ. ނަމަވެސް ގެއްލުމުގެ ބަދަލާއި ކުރީގެ ސަރުކާރުގެ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގުމުގެ ބަޔާ މެދު ކަނޑައެޅި ގޮތެއް ސާފެއް ނުވި އެވެ.

ޝުމްބާ ހައްޔަރު ކޮށްގެން ރާއްޖެ ގެނައުމަށްފަހު މާޗް، 2017 އާ ހަމައަށް ހުރީ ޖަލު ބަންދުގަ އެވެ. އޭގެ ފަހުން ޑިސެމްބަރު 2018 އާ ހަމައަށް ގޭ ބަންދުގައި ބެހެއްޓުމަށްފަހު ކްރިމިނަލް ކޯޓުން ފަހުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.

އެ މުއްދަތުގެ ތެރޭގައި ޝުމްބާ މައްޗަށް ދައުވާކުރީ ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒަށް މަރުގެ އިންޒާރު ދިން ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް 2019 ވަނަ އަހަރު ޕީޖީން އެ ދައުވާ އަނބުރާ ގެންދިޔައީ އެވެ. އެކަމަކު ލަންކާގައި ހައްޔަރުކުރި މައްސަލައާ ގުޅޭ އެއްވެސް ދައުވާއެއް ނުއުފުލަ އެވެ.