16 ނޮވެމްބަރ 2023 - 18:07

ޅަދަރިމައިވުމުގެ ސަބަބުން ކަނޑައެޅިފައިވާ ގަޑިތަކަށް އޮފީހަށް ނުކުމެ އުޅުމުގައި އުނދަގޫވާ ސިވިލް ސާވިސް މުވައްޒަފުންނަށް ފަސޭހައިން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެ އެންމެ ދިގު މުއްދަތަަކީ ދަރިފުޅަށް ދެ އަހަރު ވަންދެން ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ކަނޑަޅައިފި އެވެ.
އެ ކޮމިޝަނުން މިއަދު ސަރުކާރުގެ އޮފީސްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ޅަދަރިމައިވުމުގެ ސަބަބުން ކަނޑައެޅިފައިވާ ގަޑިތަކަށް އޮފީހަށް ނުކުމެ އުޅުމުގައި ދަތި އުނދަގޫވާ މުވައްޒަފުންނަށް "ފްލެކްސިބަލްކޮށް" މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސިވިލް ސާވިސް އިދާރާތަކުގެ މެދުގައި ހަމަހަމަ އުސޫލަކުން އަމަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ސީއެސްސީން ބުނީ އެ މުވައްޒަފުންނަށް ފަސޭހައިން މަސައްކަތް ކުރެވޭނެ ވަގުތުތައް ކަނޑައަޅަންވާނީ އިދާރާގެ މަސައްކަތަށް ދަތިނުވާނެ ގޮތުގެ މަތިން އެ މުވައްޒަފެއްގެ މަސައްކަތުގެ ވަގުތުގެ ދެބައިކުޅަ އެއްބަޔަށް ވުރެ މަދުނުވާނެ ގޮތުގެ މަތިން ކަމަށެވެ.
ނަމަވެސް، އެ މުއްދަތުގައި އެއްވެސް މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތްތައް އުނިކޮށްގެން ނުވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ސަރުކާރުން ވަނީ 2019 ވަނަ އަހަރުން ފެށިގެން، ސިވިލް ސާވިސް މުވައްޒަފުންނަށް ވިހެއުމާއި ގުޅިގެން މަންމަ އަށް ހަ މަސްދުވަހުގެ މެޓާނިޓީ ލީވް އަދި ބައްޕަ އަށް އެއް މަސްދުވަހުގެ ޕެޓާނިޓީ ލީވް ވެސް ލިބޭނެ ގޮތަށް ހަމަޖައްސައިފަ އެވެ.