އަދީބު މިނިވަންކުރުމާ އެކު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފި
އަދީބު މިނިވަންކުރުމާ އެކު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފި

ހިޔާނާތާ ގުޅުން ހުރި މައްސަލަތަކެއްގައި ޖަލު ހުކުމް ތަންފީޒުކުރަމުން ގެންދިޔަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަންކުރުމާ އެކު އޭނާ ރާއްޖެ އިން ބޭރަށް ރޭ ފުރާވަޑައިގެންފި އެވެ.

އަނބިކަނބަލުންނާ އެކު އަދީބު ބޭރަށް ފުރާވަޑައިގެންނެވިކަން ޔަގީންވިޔަސް، އޭނާ ވަޑައިގަތީ ކޮން ގައުމަކަށް ކަމެއް އަދި ކިހާ ދުވަހަކަށް ކަމެއް ސާފެއް ނުވެ އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދުން އަދި މަނީލޯންޑަރިންގެ މައްސަލަތަކެއްގައި އޭނާ ޖަލަށް ލާން 2020 ވަނަ އަހަރު ހުކުމްކުރި އެވެ.

އޭގެ ތެރެއިން، އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި އެކަނި ވެސް އަދީބަށް 20 އަހަރުގެ ޖަލު ހުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ އެއް ކުރި އެވެ.

އެއީ ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމާ އެކު ދިން ލުއި އަދަބެވެ.

ނަމަވެސް، ސިއްހީ ސަބަބަކާ ހެދި ކަމަށް ބުނެ، އެ ހުކުމް ތަންފީޒުކުރަމުން ގެންދިޔައީ ގޭ ބަންދުގަ އެވެ

އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިނިވަންކޮށްފައިވަނީ، އެ ދެ ބޭފުޅުންގެ ހުކުމްގެ މުއްދަތު ހަތަރު ދުވަހަށް ކުރު ކޮށްދިނުމަށްފަހުގަ އެވެ.

ދައުލަތުން ގެއްލުނު ފައިސާ ހޯދައިދިނުމުގެ ވައުދާ އެކު އިބޫ ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު، ބޮޑު ކުށްވެރިއަކު މިނިވަންކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ ވެރިކަން އިއްޔެ ނިންމާލިއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުންނަށް ފިޔަވަޅު އަޅައި، އެކަށީގެންވާ އަދަބެއް ދީފައެއް ނެތެވެ.