21 ނޮވެމްބަރ 2023 - 08:03

އައްޑޫ ޕޮލިސް އެކެޑަމީގައި ޑިއުޓީ ކުރާ ފުލުހަކު ރޭ އިޝާ ނަމާދަށް ދިޔަ ގޮތަށް ގެއަށް ނުދާ ކަމަށް ލިބުނު ރިޕޯޓާ ގުޅިގެން އޭނާ ހޯދަމުން ދަނިކޮށް މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މަރުވެފައި އޮއްވާ ފެނުނީ ސ. ހިތަދޫ ޒޫމްޕްލަސް އަބްދުﷲ ޔަމަން ފިރާގް 22، އެވެ.
ފުލުހުން ބުނީ ޕޮލިސް އެކެޑަމީގައި ޑިއުޓީ ކުރާ ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހަކު ރޭ އިޝާ ނަމާދަށް ދިޔަ ގޮތަށް ގެއަށް ނުދާ ކަމުގެ ރިޕޯޓް ލިބުނީ ދަންވަރުވި ފަހުން ކަމަށެވެ.
އެ ރިޕޯޓް ލިބުމާ ގުޅިގެން ފުލުހުން އޭނާ ހޯދަމުން ދަނިކޮށް، ހިތަދޫ ސްވިމިން ޓްރެކް ސަރަހައްދުން މޫދުން ފެނުނީ ރޭ މެންދަމު 1:40 ވެފައި ހުއްޓާ ކަމަށް ފުލުހުން ބުންޏެވެ.
"އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.