21 ނޮވެމްބަރ 2023 - 11:19

ފަލަސްތީނުގެ ހަމާސް ޖަމާއަތް ނައްތައިލުމުގެ ބަހަނާގައި، ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލުން ދެމުންދާ ހަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށް، ހަމާސް ޖަމާއަތުން މިއަދު ބުނެފި އެވެ.
ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ޚާރިޖީ ވެރިޔާ އިސްމާއީލް ހަނިއްޔާ ވިދާޅުވި ގޮތުގައި ދެ ފަރާތުގެ މެދުގައި ހަމަލާ ބަދަލުކުރުން ހުއްޓައިލުމާ ބެހޭ ގޮތުން ގަތަރާއި އެހެން ބައެއް ގައުމުތައް މެދުވެރިވެގެން، ކުރަމުން އައި މަސައްކަތުން މިހާރު ވަނީ އެއްބަސްވުމަކާ ހަމައަށް އާދެވިފަ އެވެ. އެ ގޮތުން، ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވެ އިޒްރޭލުން އެންމެ ފަހުން ހުށަހެޅި ހުށަހެޅުމަށް، ހަމާސް ޖަމާއަތުން ވެސް ރުހޭ ކަމަށް މިހާރު ވާނީ ހުރިހާ މެދުވެރިންނަށް އަންގާފައި ކަމަށް ހަނިއްޔާ ވިދާޅުވި އެވެ.
ގަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުހައްމަދު ބިން އަބްދުއްރަހްމާން އާލް ޘާނީ އިއްޔެ ވިދާޅުވެފައިވަނީ ހަނގުރާމައިގެ އަސީރުން ބަދަލުކުރުމާ ބެހޭ ގޮތުން ދެ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، އެއްބަސްވުމެއް ގާއިމުކުރުމާ ވަރަށް ކައިރި އަށް މިހާރު އާދެވިފައިވާ ކަމަށެވެ.
އޭގެ އިތުރުން އިޒްރޭލުގެ ސަރުކާރު މީޑިއާ އިން ވެސް އިއްޔެ ބުނެފައިވަނީ ހަމަލާ ބަދަލުކުރުން މެދުކަނޑާލައި އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމަށް އިޒްރޭލު ސަރުކާރުން ރުހޭކަން އަންގައި، އެކަމަށް ހަމާސް ޖަމާއަތުން ދޭ ޖަވާބަކަށް އިޒްރޭލު ސަރުކާރު އޮތީ އިންތިޒާރުގައި ކަމަށެވެ. އިޒްރޭލުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ދެ ފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބަސްވެފައިވަނީ، ފަސް ދުވަހުގެ މުއްދަތަށެވެ.
އެ މުއްދަތުގެ ތެރޭގައި އޮންނާނީ ދެ ފަރާތުން އަސީރުން ބަދަލުކުރުމާއި، ޣައްޒާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ބޭނުންވާ ޒަރޫރީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އަވަސް ކުރުމެވެ. އެ މުއްދަތު ހަމަވުމަށް ފަހުގައި، އިޒްރޭލުން އަނެއްކާ ވެސް ޣައްޒާގައި އަސްކަރީ ހަރަކާތްތައް ފަށައިގަންނާނެ އެވެ.
ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް ގާއިމުކުރަން އިޒްރޭލުން މި އެއްބަސްވީ، ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލުގެ ޔަހޫދީންގެ އާއިލާތަކުގެ ފަރާތުން ބޮޑުވަޒީރު ނަތަންޔާހޫ އަށް ފާޑުކިޔުން އިތުރުވެ، ނަތަންޔާހޫގެ ސަރުކާރަށް، ގައުމުގެ އެތެރެއިންނާއި ބޭރުންތައް ފިއްތުންތައް އިތުރުވާން ފެށުމާ ގުޅިގެންނެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހަމާސް އާއި އިޒްރޭލުން މިއަދު ސޮއިކުރާ އެއްބަސްވުމުގެ ދަށުން، އިޒްރޭލުގެ ހަމަލާތައް މެދުކަނޑައިލާނީ ތިން ދުވަހަށެވެ. އަދި އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީންގެ ތެރެއިން ބައެއް ކުޑަކުދިންނާއި އަންހެނުން މިނިވަން ކުރާނެ އެވެ. އޭގެ ބަދަލުގައި ހަމާސް އިން ކުރަންޖެހޭނެ ކަމަކީ، އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ އަސީރުންގެ ތެރެއިން 50 އަސީރަކު މިނިވަން ކުރުމެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ދެމުންދާ ހަމަލާތަކަށް 45 ދުވަސް ވެގެން ދިޔައިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް 13300 އަށް ވުރެ މަތިވެއްޖެ އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 6000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 3500 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޒަޚަމްވެފައިވާ މީހުންގެ އަދަދު 31000 އަށް ވުރެ މަތިވެފައިވާ އިރު، އޭގެ 75 އިންސައްތައަށް ވުރެ މަތީ ނިސްބަތެއް ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި އިޒްރޭލުގެ ހަމަލާތަކުގައި ގެއްލިފައިވާ މީހުންގެ އަދަދު 6000 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ކަމަށް ބެލެވެ އެވެ.