21 ނޮވެމްބަރ 2023 - 12:15

މި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ނިންމާފައިވާ ކަންކަމުގައި ނަތީޖާ ނެރެދިނުމުގެ އަޒުމުގައި މަސައްކަތްކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.
ރައީސް އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ސަރުކާރު ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ރައީސް އޮފީހުން ކަމަށެވެ.
އެހެންވެ، ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކާއި މުއައްސަސާތަކަށް އިރުޝާދުތައް ދިނުމާއި ކަންކަން ބެލެހެއްޓުމުގެ ބޮޑު ޒިންމާ އަދާކޮށްދޭންޖެހޭނީ އެހެން އޮފީސްތަކަށް ރީތި މިސާލެއް ދައްކައިދޭ ގޮތަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ ކަންކަމާ ގުޅިގެން ރައީސް ވަނީ ފޯކަސްގައި ރައްޔިތުން ބަހައްޓައިގެން ނަތީޖާ ނެރެދިނުމުގެ އަޒުމުގައި މަސައްކަތްކޮށްދޭން އެދިވަޑައިގެންފަ އެވެ.
އޭގެ އިތުރުން އެއްބައިވަންތަކަމާ އެކު ހުރިހާ އޮފީސްތަކާ ގުޅިގެން އެއް ޓީމެއްގެ ގޮތުގައި ރައްޔިތުންނަށް ހިދުމަތްކުރުމުގެ އަމާޒުގައި މަސައްކަތްކޮށްދިނުމަށް، ވެސް އެ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.