23 ނޮވެމްބަރ 2023 - 18:53

މި އަހަރުގެ އުރީދޫ "ފަން ރަން" އާ އެކު ބޭއްވުމަށް ހަމަ ޖެހިފައިވާ ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭހަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސްޓެބިސިސް އާ ގުޅިގެން ބާއްވާ މި މުބާރާތަކީ ދެ ކެޓަގަރީއަކަށް ބަހާލައިގެން ބޭއްވުމަށް ނިންމާފައިވާ މުބާރާތެކެވެ. އެ ދެ ކެޓަގަރީ އަކީ އެފްޕީވީ ޑްރޯންއަށް ހާއްސަ "ސްކައި އެލީޓް" ކެޓަގަރީ އާއި ނޮން-އެފްޕީވީ ޑްރޯންތަކަށް ހާއްސަ "ސްކައި ވޯކާ" ކެޓަގަރީ އެވެ.
"ސްކައި އެލީޓް" ކެޓެގަރީ ގައި ބައިވެރިވެވޭނީ މި އަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހަށް 16 އަހަރު ފުރިފައިވާ 16 އަހަރުން މަތީގެ އެފްޕީވީ ޑްރޯން ޕައިލެޓުންނަށެވެ. މި ކެޓަގަރީގައި ވާދަކުރާ ބައިވެރިން އަމިއްލަ ޑްރޯން ގެންދަން ޖެހޭނެ އެވެ. އަދި އެ ޑްރޯން އަކީ 30 ސެންޓިމީޓަރަށްވުރެ ބޮޑު ނޫން، އުދުހޭ ބަރުދަން 800 ގްރާމަށްވުރެ ދަށުގެ ޑްރޯން ގެ ގޮގްލްސްގައި އެޗްޑީ ވީޑިއޯ އުފެއްދުމުގެ ގާބިލުކަން ހުރި ޑްރޯންއަކަށް ވާން ޖެހޭނެ އެވެ.
"ސްކައި ވޯކާ" ކެޓްގަރީގައި ބައިވެރިވެވޭނީ މި އަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހުގެ ނިޔަލަށް 12 އަހަރު ފުރިފައިވާ 12 އަހަރުން މަތީގެ ނޮން އެފްޕީވީ ޑްރޯން ޕައިލެޓުންނަށެވެ. މި ކެޓަގަރީން ވާދަކުރާ ބައިވެރިންނަށް ސްޓެބިސިސް ގެ ފަރާތުން ރޭހުގައި ބޭނުންކުރުމަށް ޑީޖޭއައި ޑްރޯން ފޯރުކޮށްދޭނެ އެވެ. މި ކެޓަގަރީގައި ވާދަކުރާ ބައިވެރިންނަކީ ރޭހުގެ ކުރިން ޕްރީ ކޮލިފިކޭޝަން ރައުންޑުގައި ބައިވެރިވެ ރޭހަށް ކޮލިފައި ވާންޖެހޭނެ އެވެ. ޕްރީ ކޮލިފިކޭޝަން ރައުންޑް އޮންނަ ތާރީހާއި ގަޑި ރެޖިސްޓާ ކުރާ ފަރާތްތަކަށް ރެޖިސްޓްރޭޝަން މަރުހަލާ ނިމުމުން އަންގާނެ އެވެ.
މި މުބާރާތުގައި "ސްކައި އެލީޓް" ކެޓަގަރީގެ ވަނަތަކަށް ދޭ އިނާމުތަކަކީ:
1 ވަނަ: ޑީޖޭއައި މިނީ 3 ޕްރޯ (ޑީޖޭއައި އާރްސީ)
2 ވަނަ: 5ޖީ އެއާ ފައިބަރު ޑިވައިސް އާއި ތިން މަސް ދުވަހުގެ 1536ޖީބީގެ ހިލޭ ޕެކޭޖް
3 ވަނަ: 2000ރ. ގެ މޫލީ ވައުޗަރު
މި މުބާރާތުގައި "ސްކައި ވޯކާ" ކެޓަގަރީގެ ވަނަތަކަށް ދޭ އިނާމުތަކަކީ:
1 ވަނަ: ޑީޖޭއައި މިނީ 2 އެސްއީ
2 ވަނަ: 5ޖީ އެއާ ފައިބަރު ޑިވައިސް އާއި ތިން މަސް ދުވަހުގެ 750ޖީބީގެ ހިލޭ ޕެކޭޖް
3 ވަނަ: 1000 ރުފިޔާގެ މޫލީ ވައުޗަރު
އުރީދޫން ބުނި ގޮތުގައި މި ދެ ކެޓެގަރީގައި ގެ ރޭހުގައި ވެސް ގިނަ އޮބްސްޓެކަލްސް ހިމެނޭނެ އެވެ. އަދި ބައިވެރިން އިސްކަން ދޭން ޖެހޭނީ އޮބްސްޓެކްލްސްތައް ހުރަސްކޮށް އަވަހަށް ރޭސް ނިންމުމަށް ކަމަށް ވެސް ބުންޏެވެ.
މި މުބާރާތުގައި ކޮންމެ ބައިވެރިއަކަށް ވެސް ރެޖިސްޓާ ކުރެވޭނީ ކޮންމެވެސް އެއް ކެޓެގަރީއަށެވެ. މުބާރާތަށް އުރީދޫގެ ވެބްސައިޓުން ރަޖިސްޓާކުރެވޭނެ އެވެ.