28 ނޮވެމްބަރ 2023 - 12:19

މާލެ ރަށްވެހިންނަށް ދިން ގޯތީގެ ތެރެއިން އާބަންކޯގެ އިހްތިސާސްގައި ހިމެނޭ ބިންތަކުން ދިން ގޯތީގެ ބަދަލުގައި އެ ކުންފުންޏަށް އިތުރު އެސެޓްތަކެއް ދޭން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.
މިދިޔަ ހަފްތާގައި ބޭއްވި ބަޖެޓު ކޮމިޓީގައި ފިނޭންސް މިނިސްޓްރީން ބުނީ، މާލެ ރައްޔިތުންނަށް ބިން ދޫކުރީ ބަންޑާރަ ގޯތި ދޭ އުސޫލުގެ ތެރެއިން ކަމަށެވެ. ހުޅުމާލެ އާއި ގުޅިފަޅަކީ އާބަންކޯގެ ބެލުމުގެ ދަށުގައި ހުރި ތަންތަނެވެ. ފިނޭންސުން ބުނީ އެޗްޑީސީން ހިއްކާފައިވާ ސަރަހައްދުތަކުން ގޯތި ދޭތީ، އެ ކުންފުންޏަކީ ކޮމާޝަލް އެންޓިޓީއަކަށް ވުމުން ބަދަލެއް ދޭން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެ ކުންފުނީގެ ބުކްސް ރަނގަޅު ކުރުމަށް ބަދަލެއް ދޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ބުންޏެވެ.
"އެޗްޑީސީއަށް ފައިސާ ދިނުމުގެ ބަދަލުގައި އެސެޓަކުން އެއަށް ކޮމްޕެންސޭޝަން ކުރެވޭނެ މެކޭނިޒަމެއް ހޯދަން އެޗްޑީސީއާ އެކު ވާހަކަދެއްކީ،" ފިނޭންސް މިނިސްޓްރީގެ އެކައުންޓެންޓް ޖެނެރަލް މުހައްމަދު އާޒާދު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ގޯތި ދިން ބިންތަކުގެ ބަދަލުގައި އިތުރު ރަށްތަކެއް ނުވަތަ ފަޅުތަކެއް ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ނަމަވެސް، އެއީ ކޮން ރަށްތަކެއް ކަމެއް އަދި ކޮން ފަޅުތަކެއް ކަމެއް ފިނޭންސް މިނިސްޓްރީން ކަނޑައެއް ނާޅަ އެވެ.
މިދިޔަ ސަރުކާރުން ވަނީ މާލެ ސަރަހައްދުން 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާކަމަށް ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން ގުޅިފަޅުން 2،218 ގޯތި ދޭ އިރު ހުޅުމާލެއިން 1،351 ގޯތި އަދި ގިރާވަރުފަޅުން 5،432 ގޯތި ދޫކޮށްފަ އެވެ.