ޑޮކްޓަރުން ބުނީ ސަރުބީއޭ، އޮތީ 59 ކިލޯގެ ޓިއުމަރެއް
ޑޮކްޓަރުން ބުނީ ސަރުބީއޭ، އޮތީ 59 ކިލޯގެ ޓިއުމަރެއް

އެމެރިކާގެ މިސިސިއްޕީގެ ފިރިހެނެއްގެ ހަށިގަނޑުން 59 ކިލޯގެ ޓިއުމަރެއް ނަގައިފި އެވެ.

މި މީހާ ކުރިން ދެއްކި ޑޮކްޓަރުން ބުނަމުން އައީ އެއީ ޓިއުމަރެއް ނޫން ކަމަށާއި އެމީހާ މާބޮޑަށް ފަލައީ ކަމަށެވެ. ރޯޖާ ލޯގަން، 57، ގެ މި ބޮޑު ޓިއުމަރު ނަގަން އޮޕަރޭޝަން ކުރީ ބެކާސްފީލްޑް މެމޯރިއަލް ހޮސްޕިޓަލުގައި މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.

މި ޓިއުމަރު ފުރަތަމަ އުފެދެން ފެށީ އިސްތައްޓެއްގެ ބުޑުގައި އުފެދުނު އިންފެކްޝަނަކުންނެވެ. އިންފެކްޝަންގެ ސަބަބުން އެތަން ދުޅަވެ ޓިއުމަރަކަށް ބަދަލުވީ ކަމަށް ޑރ. ވިޕުލް ދޭވް ވިދާޅުވި އެވެ. އޭނާ އަކީ މި އޮޕަރޭޝަން ކުރެއްވި ޑޮކްޓަރެވެ.

މި ޓިއުމަރު އިނީ އެ މީހާގެ ދަށްބަނޑުގައި މޫލައިގެން ހެދިފަ އެވެ. މިގޮތަށް ޓިއުމަރު އިންނަތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ލޯގަން ކުރިން ދެއްކި ގިނަ ޑޮކްޓަރުން އޭނާއާ ދިމާލަށް ބުނަނީ އޭނާ ހަމަ ފަލައީ ކަމަށެވެ. އަދި ޓިއުމަރަކީ ވެސް ސަރުބީގަނޑެއް ކަމަށް ބުންޏެވެ. ޓިއުމަރު ބޮޑުވެގެން ގޮސް، ލޯގަން އިށީންނައިރު ޓިއުމަރު ބިންމަތީގައި ޖެހެ އެވެ.

"އަހަރެން ޓިއުމަރު ހިފައިގެން އުޅެން އުނދަގޫކަމުން ވާޖަހާފައި ކަރުގައި ބައްދާފައި ބާއްވަނީ. ހީވަނީ ތިން ކޮތަޅު ސިމެންތި ކަރުގައި އެލުވައިގެން އުޅެވޭހެން. ހިނގާއިރު ހޫރިހޫރި އޮވޭ. އެގޮތަށް މި ހުރިހާ ދުވަހު ދިރިއުޅުނީ،" ލޯގަން ބުންޏެވެ.

ހެލިފެލިވެ އުޅެން ދަތިވުމުން ލޯގަން ގިނައިން އޮންނަނީ އޭނާގެ ކޮޓަރީގަ އެވެ. އެތަނުން ނުކުމެއެއް ނޫޅެ އެވެ.

ޓިއުމަރު ބޮޑުވަމުން ގޮސް 130 ޕައުންޑާއި 140 ޕައުންޑާ ދެމެދުގެ ވަރަކަށް ބޮޑުވުމުން އޭތި ނަގަން އޮޕަރޭޝަން ކުރުމަކީ ފުރާނައަށް ނުރައްކާ ވެދާނެ ކަމެއް ކަމަށް ޑޮކްޓަރުން ލޯގަން ގާތު ބުންޏެވެ. އަދި އޮޕަރޭޝަން ކާމިޔާބުވެ އޭނާ ސަލާމަތްވުމުގެ އޮތީ 50 ޕަސެންޓްގެ ފުރުސަތެއް ކަމަށް ވެސް ޑޮކްޓަރުން ބުންޏެވެ.

ނަމަވެސް އެމެރިކާގެ އެކި ހިސާބުތަކުގައި ތިބި މިފަދަ އޮޕަރޭޝަންތައް ކުރާ ޑޮކްޓަރުން ހޯދައި އެމީހުންނާ މަޝްވަރާ ކުރަމުން ދަނިކޮށް ޑރ. ދޭވްއާ ދިމާވ އެވެ. ޑރ. ދޭވް ވަނީ މީގެ ކުރިން ވެސް މިފަދަ ބޮޑެތި ޓިއުމަރުތައް ނެގުމަށް އޮޕަރޭޝަންތައް ކޮށްފަ އެވެ.

ލޯގަން ބުނީ ޓިއުމަރު ނެގޭނެކަމުގެ އުންމީދެއް އޭނާގެ ނެތް ކަމަށެވެ. ނަމަވެސް އަންހެނުން ކިޓީ އެކަމަށް ހިތްވަރުދީ ގަދައަޅައި މަސައްކަތް ކުރަމުން ގެންދިޔައީ އެވެ.

ޑރ. ދޭވްގެ ހޮސްޕިޓަލަށް ދިއުމަށް ލޯގަން 2،000 މޭލުގެ ދުރު ދަތުރެއް ކުރަން ޖެހުނެވެ. ސެންޓްރަލް ކެލިފޯނިއާ އަށް އޭނާ ކުރި މި ދަތުރުގައި 40 ގަޑިއިރު ހޭދަވި އެވެ. އެ ހުރިހާއިރު ވެސް އޭނާ އިނީ ކާގޯ އުފުލާ ވޭނެއްގައި ގޮނޑިއެއް ހަރުކޮށްގެން އޭގައި އިށީނދެގެންނެވެ.

ލޯގަން އޮޕަރޭޝަން ކުރިތަން ފަސޭހަވެ، އެތައް އަހަރަކަށް ފަހު ފުރަތަމަ ފަހަރަށް އޭނާއަށް އަމިއްލައަށް ހިނގާލުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ. އޭނާ ބުނި ގޮތުގައި މިހާރު އޭނާއަށް ދެ ފައިތިލަ ޖައްސާލެވެ އެވެ.

މިހާރު އޭނާ އިންތިޒާރު ކުރަމުންދަނީ ގެއަށް ދެވޭނެ ވަގުތަކަށެވެ. ފުރޮޅުލީގޮނޑިއާ ނުލައި ހިނގާފައި އޭނާއަށް ތަންތަނަށް ގޮސްލެވޭނެ އިރަކަށެވެ.