ޑެހެއާ ގެންދިއުމުގެ މަސައްކަތް މެޑްރިޑުން އަލުން ފަށަނީ
ޑެހެއާ ގެންދިއުމުގެ މަސައްކަތް މެޑްރިޑުން އަލުން ފަށަނީ

މެޑްރިޑް (ފެބްރުއަރީ 10) – މެންޗެސްޓާ ޔުނައިޓެޑުގެ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާ ގެންދިއުމުގެ މަސައްކަތް ރެއާލް މެޑްރިޑުން ޖޫން ޓްރާންސްފާ ބާޒާރުގައި އަލުން ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޑެހެއާ ގަތުމާ ވަރަށް ގާތަށް މެޑްރިޑުން 2015 ވަނަ އަހަރުގެ ޖޫން ޓްރާންސްފާގައި ދިޔަ އެވެ. ދެ ކްލަބުން އެއްބަސްވުމަކަށް އައި ނަމަވެސް މެޑްރިޑަށް އެ މަސައްކަތް ކާމިޔާބުނުވީ ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ލިޔެކިޔުންތައް ފުރިހަމަނުކުރެވުމުންނެވެ. އެކަން ނާކާމިޔާބުވުމާ އެކު ޑެހެއާ ވަނީ ޔުނައިޓެޑާ އެކު ކޮންޓްރެކްޓް އާކޮށްފަ އެވެ.

ސްޕެއިނުގެ ނޫސްތަކުން ބުނާ ގޮތުގައި މެޑްރިޑުން ވަނީ ޑެހެއާ ގެންދިއުމަށް ޔުނައިޓެޑާ އެކު ކޮންމެވެސް ވަރަކަށް ވާހަކަތައް ބާއްވައިފަ އެވެ. އަދި އޭނާ ގަތުމަށް މެޑްރިޑުން 65 މިލިއަން ޔޫރޯ ހޭދަކުރަން ޖެހިދާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

އިކާ ކަސިޔަސް ދިޔަ ފަހުން މެޑްރިޑުގައި އެންމެ މަތީ ފެންވަރުގެ ދާއިމީ ގޯލްކީޕަރެއް ނެތެވެ. އެހެންވެ ޑެހެއާ ގެނެސް އެ ޓީމުގެ އެއް ނަމްބަރު އަންގި އޭނާއާ ހަވާލުކުރަން މެޑްރިޑް އޮތީ ކެތްމަދުވެފަ އެވެ. އަނެއްކޮޅުން ޑެހެއާ އަކީ ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްޒީދާން ޒިދާން ވެސް ބޭނުންވާ ކުޅުންތެރިޔެކެވެ.

މިކަމާ ބެހޭގޮތުން ސުވާލުކުރުމުން ޑެހެއާ ބުނީ ކުރިމަގުގައި ވާނެ ގޮތެއް އެކަކަށް ވެސް ނޭގޭނެ ކަމަށާއި މެންޗެސްޓާ ޔުނައިޓެޑުގައި އޭނާ ހުރީ އުފަލުގައި ކަމަށެވެ.

"ތިކަމާ (މެޑްރިޑަށް ބަދަލުވުން) ބެހޭގޮތުން އަހަރެން ވާހަކަ ނުދައްކާނަން. އަހަރެން ހުންނަން ޖެހޭނީ މެންޗެސްޓާ ޔުނައިޓެޑަށް ސަމާލުކަންދީގެން. އަހަރެމެން އޮތީ ލީގު ކަޕުގެ ފައިނަލުގައި. އަދި އަހަރެމެން މި އަންނަނީ އެފްއޭ ކަޕާއި ޔުރޮޕާ ލީގު ހޯދަން މަސައްކަތްކުރަމުން،" އެތުލެޓިކޯ މެޑްރިޑުން 2011 ވަނަ އަހަރު ޔުނައިޓެޑާ ގުޅުނު ޑެހެއާ، 26، ބުންޏެވެ.

ޑެހެއާގެ އިތުރުން މެޑްރިޑުން ޝައުގުވެރިވާ ކީޕަރުންގެ ތެރޭގައި ޗެލްސީގެ ބެލްޖިއަމް ކީޕަރު ތިބައޫ ކޯޓުއާ އަދި އޭސީ މިލާނުގެ އުމުރުން 17 އަހަރުގެ އިޓަލީ ކީޕަރު ޖިއަންލުއިޖީ ޑޮއްނަރުއްމާ ހިމެނެ އެވެ. މެޑްރިޑުގެ ގޯލް މި ވަގުތު ބަލަހައްޓަނީ ކޮސްޓަ ރީކާގެ ކޭލާ ނާވަސް އާއި ސްޕެއިނުގެ ކިކޯ ކަސިލާ އެވެ.