ފިހާރައެއް ތެރޭ މީހަކު މަރާލި މައްސަލާގައި ދައުވާކޮށްފި
ފިހާރައެއް ތެރޭ މީހަކު މަރާލި މައްސަލާގައި ދައުވާކޮށްފި

މާލޭގެ ފިހާރައެއްގެ ތެރޭގައި ހިންގި މާރާމާރީއެއްގައި ވަޅި ހަރައި، މީހަކު މަރާލި މައްސަލާގައި ދެ މީހަކަށް ދައުވާކޮށްފި އެވެ.

މާފަންނު މުރަނގަ މަގުގައި ހުންނަ "ކްލާސް" ފިހާރަ ތެރެއަށް މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ބަޔަކު ވަދެ ދިން ހަމަލާގައި މަރުވީ ސ. ހިތަދޫ އިޒުމީރު، މުހައްމަދު އަހުމަދުދީދީ އެވެ.

އޭނާ މަރުވީ ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިއަދު ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ދައުވާ އުފުލީ ސ. މަރަދޫފޭދޫ ރަށްދެބައިގެ، އިބްރާހިމް ފައިހް ނިޒާމާއި ތ. ގާދިއްފުށި ގުލޭނޫރައްމާގެ، ޝިރުހާން އަލީގެ މައްޗަށެވެ.

ދެ މީހުންގެ މައްޗަށް ވެސް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.