އެފްއޭއެމްގެ އޮޑިޓެެއް ހަދަން އޮޑިޓަ ޖެނެރަލްގެ އޮފީހުގައި މަޖިލީހުން އެދެނީ
އެފްއޭއެމްގެ އޮޑިޓެެއް ހަދަން އޮޑިޓަ ޖެނެރަލްގެ އޮފީހުގައި މަޖިލީހުން އެދެނީ

އެފްއޭއެމްގެ އޮޑިޓެއް ހަދަން އޮޑިޓަ ޖެނެރަލްގެ އޮފީހުގައި އެދެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ނިންމައިފި އެވެ.

އެފްއޭއެމްގެ އޮޑިޓެެއް ހަދަން އޮޑިޓަ ޖެނެރަލްގެ އޮފީހުގައި މަޖިލީހުން އެދެނީ
އެފްއޭއެމްގެ އޮޑިޓެެއް ހަދަން އޮޑިޓަ ޖެނެރަލްގެ އޮފީހުގައި މަޖިލީހުން އެދެނީ

އޮޑިޓަ ޖެނަރަލްގެ އޮފީހުގެ އަންނަ އަހަރުގެ ވޯކް ޕްލޭނުގެ ދަށުން އޮޑިޓްކުރަން ބޭނުންވާ ހާއްސަ އިދާރާތަކެއް އޮތްތޯ ބެލުމަށް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ހުޅުވާލުމުން، އެ ލިސްޓްގައި އެފްއޭއެމް ހިމަނަން ހުށަހެޅުއްވީ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

"ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އާއްމު ކޮމިޓީއަށް ވަޑައިގަތުމުގެ ކުރިން ދަންނަވާފައި އެދިޔައީ އެފްއޭއެމްގެ ހާއްސަ އޮޑިޓެއް އޮޑިޓާ ޖެނެރަލް އޮފީހުގައި ދަންނަވަނައިގެން ކުރުމަށް،" މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު، ކޮމީޓީގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

"އެއީ އެފްއޭއެމްގައި މިހާރު ހިނގަމުންދާ މައްސަލަތަކާ ގުޅިގެން އެކަމުގެ ތަފުސީލު ހޯދުމަށްޓަކައި."

އެފްއޭއެމްގެ އިތުރުން، އެހެން ތިން އިދާރާއެއް ވެސް އެ ލިސްޓްގައި ހިމަނައިދޭން އެދެން، ކޮމިޓީން ވަނީ ނިންމައިފަ އެވެ. އެއީ މާލެ ސިޓީ ކައުންސިލާއި އާބަންކޯގެ އިތުރުން މިހާރު ކުރިއަށްގެންދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީގެ މަޝްރޫއު އެވެ.

އެފްއޭއެމް އޮޑިޓް ކުރަން އެދެން ކޮމިޓީން ނިންމި އިރު، އެ އެސޯސިއޭޝަނަށް ބޭރުގެ އިދާރާތަކުން ފޮނުވާ ފައިސާ އެ އިދާރާގެ ވެރިން ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ ތަހުގީގާ ގުޅިގެން ފުލުހުން އެދިގެން އިމިގްރޭޝަނުން ވަނީ ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓައިފަ އެވެ. އެނގިފައިވާ ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ ހަ މަސް ދުވަހަށެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އަންގަވައިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގުގައި، މިދިޔަ އޮކްޓޯބަރު 22 ގައި ފުލުހުން އެފްއޭއެމްގެ އިދާރާ ރެއިޑް ވެސް ކުރި އެވެ.

އެ މައްސަލައާ ބެހޭގޮތުން ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަ ދައްކަވަމުން މިދިޔަ މަހުގެ 30 ގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޝަމީމު ވިދާޅުވީ، އެފްއޭއެމްގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކޮށްފައިވާ މައްސަލައިގެ "ޕްރައިމް ސަސްޕެކްޓަކީ" އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ކަމަށާއި ދައުވާކުރަން ކޯޓަށް ފޮނުވާނެ ކަމަށެވެ. ދައުވާކުރަން ފޮނުވުމުގެ ކުރިން މިހާރު ކުރިއަށް ގެންދަނީ އިތުރަށް ބަލަން ޖެހޭ ކަންތައްތައް ކަމަށް ޝަމީމް އޭރު ވިދާޅުވި އެވެ.

"އެ މައްސަލައިގައި ތުހުމަތު ކުރެވެނީ އެފްއޭއެމްގެ ހިންގެވުމާ ހަވާލުވެ ތިއްބެވި ބޭފުޅުންނަށް. ޕްރައިމް ސަސްޕެކްޓަކަށް އަޅުގަނޑުމެންނަށް މިހާތަނަށް ފެންނަން އޮތީ އެފްްއޭއެމްގެ ރައީސް ބައްސާމް،" އެ މީޑިއާ ބްރީފިންގައި "މިހާރު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝަމީމު ވިދާޅުވެފައި ވެ އެވެ.

އެކަމަކު އެ ތުހުމަތުތައް ބައްސާމް ދޮގުކުރައްވަ އެވެ.

ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި އެފްއޭއެމްގެ ގިނަ އަދަދެއްގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައި ހުންނަ ކަން ތަހުގީގަށް ވަނީ އެނގިފަ އެވެ. އެފްއޭއެމްގެ ބައެއް ވެރިން ބޭރަށް ކުރައްވާ ދަތުރުތަކުގައި، އެ ފައިސާ ހަރަދުކޮށްފައި ހުންނަ ގޮތް ފެންނަން ހުންނަ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގޭ ކޮންތާކުން ކޮންތާކަށްކަން ދިޔައީ ވެސް. ކޮން ހޮޓަލަކުން ކޮން ހޮޓަލަކަށްކަން ދިޔައީ، ކޮން މޯލަކަށް ކަން ދިޔައީ. ވަނީ ކޮން ފިހާރައަކަށްކަން ގަތީ ކޯއްޗެއްކަން. މި ހުރިހާ މައުލޫމާތެއް ނިޒާމެއްގައި ރައްކާކުރެވިފައި އެބަހުރޭ،" އެފްއޭއެމްގެ ވެރިން ބޭރު ދަތުރުތަކުގައި ވަޑައިގެން ހަރަދު ކުރައްވާ ގޮތް ފެންނަން ހުންނަކަން ފާހަގަކުރައްވައި ޝަމީމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބޭރުގެ އިދާރާތަކުން ފޮނުވާ ފައިސާއާ މެދު އަމަލުކުރެވޭނެ އުސޫލުތަކެއް ރާއްޖޭގައި ހުރެ އެވެ. ފީފާ އިން އެފްއޭއެމަށް އެ ފައިސާ ފޮނުވިޔަސް، އެއީ ދިވެހިންނަށް ފޮނުވާ ފައިސާ ކަމަށް ޝަމީމް ވިދާޅުވި އެވެ.