15 ޑިސެމްބަރ 2023 - 11:42

ކަރަން ޖޯހަރުގެ ލޯބީގެ އާ ފިލްމަށް ސައިފް އަލީ ހާންގެ ދަރިފުޅު އިބްރާހިމް އަލީ ހާން އާއި ބޯނީ ކަޕޫރުގެ ދަރިފުޅު ޚުޝީ ކަޕޫރު ކާސްޓުކުރުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފި އެވެ.
މި ފިލްމުގައި މި ދެ ފަންނާނުން ފިލްމުގެ ލީޑުން ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ފިލްމަކީ "ރޮމްކޮމް"އެއް ކަމަށް ރިޕޯޓުކޮށްފައި ވާއިރު ފިލްމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.
ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުން މި ފިލްމަކީ އަންނަ އަހަރު ސްޓްރީމިން ޕްލެޓްފޯމުތަކަށް ނެރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. އަދި މި ފިލްމު ނެރޭނެ ވަކި ޕްލެޓްފޯމަކާއި ތާރީހެއް ވެސް ފައިނަލް ނުކުރާ ކަމަށް ވަނީ ބުނެފަ އެވެ.
މި ފިލްމުން ޚުޝީ ފެންނާނެ ކަމުގެ ހަބަރުތައް ފެތުރިފައި ވާއިރު، އޭނާގެ ޑެބިއު ރޯލް ފެނިފައި ވަނީ ދާދި ފަހުން ނެޓްފްލިކްސްއަށް ނެރުނު "ދަ އާޗީޒް" ސީރީޒްއިންނެވެ. މި ސީރީޒްގައި އޭނާ ވަނީ ބެޓީ ކޫޕާގެ ރޯލު ކުޅެފަ އެވެ.
މި ފިލްމުވެގެން ދާނީ އިބްރާހިމްގެ ދެ ވަނަ ފިލްމަށެވެ. އޭނާގެ ޑެބިއު ފިލްމު "ސަރްޒަމީން"ގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، އެ ފިލްމަކީ ވެސް ކަރަން ޖޯހަރުގެ ފިލްމެކެވެ.
ކަރަން ޖޯހަރު ވަނީ ބޮލީވުޑުން ގިނަ ބައެއްގެ ލޯބި ލިބުނު ތަރިންތަކެއް ސްކްރީނަށް ގެނެސްދީފަ އެވެ. އޭގެ ތެރޭގައި އާލިއާ ބަޓް އާއި ވަރުން ދަވަން ފަދަ ފަންނާނުން ވެސް ހިމެނެ އެވެ.