18 ޑިސެމްބަރ 2023 - 14:46

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭ ގޮތް ހަދައި، އެ މަރުހަލާ ވެސް އަވަސްކުރަން މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްފި އެވެ.
މަޖިލީހުގެ ގަވާއިދު އޮތް ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން ފާސްކުރެވޭނީ މަޖިލީހުގެ ދެ ބައި ކޮށްފައި ތިން ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.
އެކަމަކު އާ ސަރުކާރުގެ މަގާމުތަކަށް ވަޑައިގަންނަވަން ހަތް މެމްބަރަކު އިސްތިއުފާ ދެއްވާފައިވާ އިރު، އެ ދާއިރާތަކަށް އާ މެމްބަރުން އިންތިހާބު ކުރާނެ މުއްދަތު ނެތުމުން، މަޖިލީހުގެ ޖުމްލަ އަދަދު ކަނޑައަޅާނެ ގޮތް ބަދަލުކުރުމަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ.
ޝިފާއު ހުށަހެޅުއްވި މައްސަލައިގައި ވަނީ 19 ވަނަ މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވާއިރު މަޖިލީހުގެ ޖުމްލަ އަދަދަކީ 87 މެންބަރުންގެ ގޮތުގައި ބެލުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.
އެކަން ކުރައްވަނީ ހަމައެކަނި މަޖިލީހުގެ މަސައްކަތްތަކަށް ދަތިވާނެތީ ކަމަށް ކުރިން ވިދާޅުވިޔަސް، ޝިފާއުގެ ރާގު ފަހުން ވަނީ ބަދަލުވެފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިވަގުތަށް އޮތް އެންމެ މުހިންމު މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުން ކަމަށާއި އެކަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ހުށަހަޅުއްވާނެ ކަމަށެވެ.
"މިއަދު ސަރުކާރު ހިނގަމުން މިދާ ގޮތާމެދު އަޅުގަނޑުމެން ވިސްނަން އެބަ ޖެހޭ. މި ހިނގާ ސަރުކާރުގައި ގާނޫނީ ހުކޫމަތެއް ނެތޭ މި ބުނަނީ އިއްޔެ އިކޮނޮމިކް މިނިސްޓްރީން ވެބްސައިޓްގައި ހުރި މައުލޫމާތުތައް ނަގާ ގާނޫނާ ހިލާފަށް އެ ނިންމި ނިންމުން ހެއްކަކަށް ފުދޭނެ،" ޝިފާއު ވިދާޅުވި އެވެ.
ޝިފާއު ހުށަހެޅުއްވި އިސްލާހާ މެދު ބައެއް މެމްބަރުން މިއަދުގެ ޖަލްސާގައި ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ ރައީސް އާއި ނައިބު ވަކިކުރަން އުޅޭއިރު ސަރުކާރުގެ ކެބިނެޓަށް ރުހުން ވެސް ދީފައި ނުވާ ކަމަށާއި މިނިސްޓްރީތަކުގެ މެންޑޭޓު ވެސް ކަނޑައަޅާފައި ނެތް ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ ބޭނުން ކޮށްގެން، ރައީސް އަޒުލްކުރުން ފަދަ ކަމެއް ކުރަން އުޅުން ހުތުރު ކަމަށެވެ.
"ގާނޫނުއަސާސީއާ ހިލާފަށް އެ މަސައްކަތް [ރައީސް އަޒުލު ކުރަން އުޅުމަކީ] އަޅުގަނޑުމެންގެ ވާޖިބެއް ނޫން. އަޅުގަނޑު ދަންނަވަން ހުއްޓާލަން މިހާރުން މިހާރަށް،" ގާސިމް ވިދާޅުވި އެވެ.
އެފަދަ ކަންބޮޑުވުންތައް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވެސް ފާޅުކުރައްވާފައިވާ އިރު، ޝިފާއު ހުށަހެޅުއްވި އިސްލާހު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ އިސްލާހާ ދެކޮޅަށް 10 މެމްބަރަކު ވޯޓު ދެއްވި އިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވައި އެއް މެމްބަރަކު އިންނެވި އެވެ.
މި އިސްލާހު ފާސްވުމާ އެކު، އެމްޑީޕީގައި މިހާރު އޮތް މެޖޯރިޓީން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނެ އެވެ. އެ ހާލަތުގައި މައްސަލަ ފާސްކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގައި މިވަގުތު ތިއްބަވަނީ 56 މެންބަރުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދުގައި ހިމަނާފައިވާ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުތައް ވެސް މަޖިލީހުން މިއަދު ފާސްކުރި އެވެ.
މެދުހެންވޭރު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އަލީ އާޒިމް ހުށަހަޅުއްވި އިސްލާހުތައް ފާސްކުރީ 19 ވަނަ މަޖިލީހުގެ ގަވައިދުގެ 202 ވަނަ މާއްދާ އާއި 203 ވަނަ މާއްދާއަށް ބައެއް ބަދަލުތައް ގެނައުމަށެވެ.
އެ އިސްލާހުގެ ދަށުން ރައީސާއި ނައިބު ރައީސް ވަކިކުރުމަށް މަޖިލީހަށް ގަރާރެއް ލިބިއްޖެ ނަމަ، ދެ ދުވަސް ތެރޭގައި ނޯޓިސް ފޮނުވައި، އެ ދުވަހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބާއްވަން ޖެހޭނެ އެވެ.
އާ އިސްލާހާއެކު ކުރިން ދެ ގަޑިއިރަށް ކަނޑައަޅާފައި އޮތް އެ މައްސަލައިގެ ބަހުސް ތިން ގަޑިއިރަށް ވަނީ އިތުރު ކޮށްފަ އެވެ. ރައީސާއި ނައިބު ރައީސަށް ދިފާއުގައި ވާހަކަ ދެއްކެވުމަށް 30 މިނެޓު ލިބިވަޑައިގަންނަވާއިރު، ކުރެވޭ ތުހުމަތުތަކުން ދިފާއުވެވަޑައިގަތުމަށް ތިން ވަކީލުން ގެންދެވޭނެ ކަމަށް އިސްލާހުގައިވެ އެވެ. އަދި ކޮމިޓީގައި މައްސަލަ ކުރިއަށްދާއިރު ވެސް ހާޒިރުވެވަޑައިގެން ޖަވާބުދާރީވާން ފުރުސަތު ލިބޭނެ އެވެ.
ރައީސް ވަކިކުރަން ހުށަހަޅާ ގަރާރު މަޖިލީހުގައި ކުރިއަށް ގެންދަން ފާސްވުމުން، އެކުލަވާލަން ޖެހޭ ކޮމިޓީގެ މެންބަރުންގެ އަދަދު އާ އިސްލާހުގައި ވަނީ ހަތް މެންބަރުންނަށް މަދުކޮށްފަ އެވެ. އަދި ކޮމިޓީގައި ހުރިހާ ޕާޓީއެއް ހިމެނުމަށް މިހާރު ލާޒިމެއް ނުވާނެ އެވެ.