އެއާޕޯޓު ބޮޑުކުރުމުގެ ތިން ވަނަ ޕްރޮޖެކްޓެއްގެ ވިސްނުން އެބައޮތް:ސައީދު
އެއާޕޯޓު ބޮޑުކުރުމުގެ ތިން ވަނަ ޕްރޮޖެކްޓެއްގެ ވިސްނުން އެބައޮތް:ސައީދު

ވެލާނާާ އިންޓަނޭޝަނަލް އެއާޕޯޓުގެ މިހާރުގެ ޕްލޭނާ އެއްގޮތަށް ތަރައްގީ ކުރުމަށް ފަހު، އޭގެ ތިން ވަނަ ޕްރޮޖެކްޓެއް ފެށުމުގެ ވިސްނުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެބަ އޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އެއާޕޯޓު ބޮޑުކުރުމުގެ ތިން ވަނަ ޕްރޮޖެކްޓެއްގެ ވިސްނުން އެބައޮތް:ސައީދު
އެއާޕޯޓު ބޮޑުކުރުމުގެ ތިން ވަނަ ޕްރޮޖެކްޓެއްގެ ވިސްނުން އެބައޮތް:ސައީދު

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ސައީދު ވިދާޅުވީ، ތަރައްގީގެ ޕްރޮޖެކްޓްތައް ގެންދިއުމުގައި ރައީސްގެ ވަރަށް "އެކްސައިޓިން" ވިޝަނެއް އެބަ އޮތް ކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ވަކި ޓައިމްލައިނެއްގެ ތެރެއިން އަވަހަށް ކަންކަން ހާސިލު ކުރުމަށް ކަމަށެވެ. ސައީދު ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ ސެޕްޓެމްބަރަށް އާ ޓާމިނަލް ހުޅުވުމުން، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އެތައް ގުނައަކަށް އިތުރުވެ، އާ ވަޒީފާތައް އުފެދި އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ އެވެ.

އޭނާ ވިދާޅުވީ، މިހާރު ހެދިފައިވާ ފޯކާސްޓުތަކުން 2026 އަންނަންވާ އިރު ރާއްޖެއަށް 4.4 މިލިއަން ޓޫރިސްޓުން ގެނެވިއްޖެ ނަމަ، އެއާޕޯޓު އިތުރަށް ތޮއްޖެހުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެހެންވެ، މި ފަސް އަހަރުގެ ތެރޭގައި އެއާޕޯޓު ބޮޑުކުރުމަށް އިތުރު މަޝްރޫއުއެއް ވެސް ރާވާފައިވާ ކަމަށެވެ.

"މިހާރުގެ ޕްރިޑިކްޝަންތަކުން އެނގޭ ގޮތުން އެއާޕޯޓަށް އެބަ އާދޭ ކޮންމެވެސް ވަރެއްގެ ތޮއްޖެހުމެއް އަންނާނެ. އެހެންމެ ޑރ މުއިއްޒުގެ ވިސްނުން ފުޅެއް އެބަ އޮތް އެއާޕޯޓުގެ ތިން ވަނަ އެކްސްޕެންޝަނަކަށް ދިއުން. އެމަނިކުފާނުގެ ވަރަށް ބޮޑު ވިޝަންއެއް އެބަ އޮތް. އަޅުގަނޑުމެން މަޑަކުން ނުތިބޭނަން އެކަން ނުކޮށެއް،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ އާދަޔާ ހިލާފު ވިޝަންއެއް އާ ސަރުކާރުގެ އޮތް އިރު އެކަން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެއާޕޯޓު ޕްރޮޖެކްޓްގެ މަސައްކަތް އަވަސް ކުރަން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި އަބޫދާބީ ފަންޑުން 80 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ވަނީ ހަމަޖައްސާފަ އެވެ. އަދި ޕްރޮޖެކްޓް އަވަސް ކުރަން ބޭނުންވާ އިތުރު ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.