19 ޑިސެމްބަރ 2023 - 13:27

ރާއްޖޭގެ 19 ރަށެއްގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑާ)ގެ 6.2 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކުން ލިބިފައިވާ 20 މިލިއަން ޑޮލަރުގެ ލޯން އެހީގަ އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.

ފުރަތަމަ ފިޔަވަހީގައި އަށް ރަށް ހިމެނެ އެވެ.
މި ފިޔަވަހީގައި ހިމެނޭ ރަށްތަކުގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމަށް އެބަސްވުމުގައި ސޮއިކުރީ ނަންޖިން ޑާޖީ ސްޓީލް ޓަވާ މެނުފެކްޗަރިން ކޯ ލިމިޓެޑާ އެކު އެވެ.
މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖަރު ލީ ގިއަންގް އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހަކަތައާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.
ސ. ފޭދޫ
ސ. މަރަދޫ ފޭދޫ
މަރަދޫ
ހިތަދޫ
ހުޅުދޫ
މީދޫ
ފުވައްމުލައް
ގދ. ތިނަދޫ
ދެވަނަ އަދި ތިން ވަނަ ފިޔަވަހީގައި ހިމެނޭ ރަށްތަކުގެ ގްރިޑް އަޕްގްރޭޑްކުރުމަށް އެއްބަސްވުމުގައި ސޮއިކުރީ ޗައިނާ ނެޝަނަލް ޓެކްނިކަލް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން އާއި ޝީޖަޒްހުއަންގް ކެލިން ކޯ ލިމިޓެޑާ އެކު ހަދާފައިވާ ޖޮއިންޓް ވެންޗާއަކުންނެވެ.
އެ އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު ޔިން ގިންގް އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އެވެ.
ދެވަނަ ފިޔަވަހީގައި ހިމެނޭ ރަށްތައް:
ބ. އޭދަފުށި
ޅ. ހިންނަވަރު
ހދ. ކުޅުދުއްފުށި
ތިންވަނަ ފިޔަވަހީގައި ހިމެނޭ ރަށްތައް:
ލ. ފޮނަދޫ
ލ. އިސްދޫ
ލ. ކަލައިދޫ
ލ. ދަނބިދޫ
ލ. މާބައިދޫ
ލ. ކުނަހަންދޫ
ލ. ހިތަދޫ
ށ. ފުނަދޫ
ހަކަތަ އާއި ބެހޭ މިނިސްޓްރީން ބުނީ މި މަސައްކަތަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު އިތުރުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް މަގުފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.
އަދި އެ މަޝްރޫއިން ރާއްޖޭގެ އެކި ރަށްތަކުގައި އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކޮށް މި ނިޒާމުތަކަށް ބޭނުންވާ ސްޓޯރޭޖްއަށް ގާތްގަނޑަކަށް 40 މެގަވޮޓް އަވަގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމަށް ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ކަރަންޓް ވިއުގަ އަޕްގްރޭޑްކޮށް ނިމުމުން ފައިބާ އޮޕްޓިކް ކޮމިއުނިކޭޝަން ވިއުގަ އާއި ނެޓްވޯކް އޮޓޮމޭޓެޑް ކުރުމުގެ ސަބަބުން އިންޖީނުގޭގެ އޮޕަރޭޓިންގް ސްޓޭޓަސް ވަގުތުން ބަލާލެވޭނެ އެވެ. ނެޓްވޯކް އޮޓަމޭޓްކުރެވުމުން ހައިބްރިޑް ކަރަންޓު ނިޒާމު އެދެވޭ ގޮތަށް މަސައްކަތް ކުރެވޭނެ ކަމަށާއި ދިމާވާ ކުދިކުދި ޓެކްނިކަލް މައްސަލަތައް ވަގުތުން ހައްލުކުރެވި ކަރަންޓުކެނޑޭ ހާލަތްތަކުން ސަލާމަތްވުމަށް މަގުފަހިވާނެ ކަމަށް ވެސް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ޕްރޮޖެކްޓް ނިމުމުން ކުރިއަށް އޮތް 15 އަހަރަށް ބޭނުންވާ ކަރަންޓު ނެޓްވޯކް އިންފްރާސްޓްރަކްޗާ ކަށަވަރުވެ، ގިނަ ރަށްތަކުގައި ދިމާވެފައިވާ ވޮލްޓޭޖްޑްރޮޕް މައްސަލަތައް ހައްލުވާނެ ކަމަށެވެ. އަދި ބައެއް ކަހަލަ ކަރަންޓު އާލާތްތައް ބޭނުންކުރުމަށް ރައްޔިތުންނަށް ހުރި އެކި ހުރަސްތަކުން ސަލާމަތްވެ ކަރަންޓު ކެނޑުމުގެ މައްސަލަތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.