25 ޑިސެމްބަރ 2023 - 16:31

މާލޭގައި ނީލަން ފިހާރަ އަލުން ހިންގާނެ ތަންތަން އަންނަ މަހު ކަނޑައަޅަން، އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ކުރީގެ އެއް ނަމްބަރު ކުނިކޮށީގައި ހިންގި ނީލަން ފިހާރާގައި އެތައް ފަހަރަކު ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މި އަހަރުގެ ޖެނުއަރީގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެތަން ބޭނުން ކުރުން އޮތީ ހުއްޓުވައިފަ އެވެ.
މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މާލޭގައި ނީލަން ފިހާރަ ހިންގަން ތަންތަން ކަނޑައަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށެވެ.
"ވިޔަފާރީގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ނީލަން ފިހާރަތައް މިހާރު އޮތީ ހުއްޓިފައި. އެހެން ނަމަވެސް ރައީސް ވަނީ އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައި މާލޭގައި ވެސް އެކަށީގެންވާ ދިމާލަކުން މި ފިހާރަތައް ހިންގޭނެ ގޮތަކަށް ތަންތަން ކަނޑައަޅައި އެ ކަންތައްތައް ވީހާ އަވަހަކަށް ކުރިއަށް ގެންދިއުމަށް،" އޭނާ ވިދާޅުވި އެވެ.
އެކަމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް މާލެ ސިޓީ ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށާއި އަމާޒަކީ ތަންތަން ދޫކުރާނެ އުސޫލާއި ގަވައިދުތައް އަންނަ މަސް ފެށޭއިރު އިއުލާން ކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނީލަން ފިހާރައިގައި ހިނގާ އަލިފާނުގެ ހާދިސާތަކާ ހެދި އެތަން ކުރިން ހިންގި ބިމުގައި ނުހިންގޭނެ ކަމަށް ނިންމެވީ މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރު، މިހާރުގެ ރައީސް، ޑރ. މުހައްމަދު މުއިއްޒެވެ.
ރައްކާތެރި އުސޫލުތަކަކާ އެކު ނީލަން ފިހާރަ ހިންގުމަށް އެހެން ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭރު ކައުންސިލުން ވަނީ ބުނެފަ އެވެ. ނަމަވެސް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދޭތީ އެކަމަށް ހައްލެއް ވަނީ ނުލިބިފަ އެވެ.
ބޮޑު ބިމެއްގައި ނީލަން ފިހާރަ ހިންގީ ސަރުކާރަށް އެއްވެސް ފައިދާއެއް ވާ ގޮތަކަށް ނޫން ކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.