އައްޑޫ ޝަރީފު އެމްޑީޕީން ވަކިވެ، ސިޔާސީ ދާއިރާއާ ދުރަށް
އައްޑޫ ޝަރީފު އެމްޑީޕީން ވަކިވެ، ސިޔާސީ ދާއިރާއާ ދުރަށް

ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) އެމްޑީޕީން ވަކިވެ، ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާގައި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ އަދި ރައްޔިތުންގެ މަޖިލިހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ޝަރީފު އެ ގޮތަށް ނިންމެވި ކަމަށް އިއްޔެ ވިދާޅުވީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގަ އެވެ.

ނަމަވެސް ޕާޓީން ވަކިވާން ނިންމެވި ސަބަބު ހާމައެއް ނުކުރައްވަ އެވެ.

"މިހާރު" އިން ސުވާލު ކުރުމުން ޝަރީފު ވިދާޅުވީ، އެމްޑީޕީގެ ޕީޖީ ގުރޫޕްގައި ހިނގި "އަރައިރުމެއްގައި" އެ ޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށް ވަޓްސްއެޕް ގުރޫޕުގައި ދެންނެވި ކަމަށެވެ.

"ޕާޓީން އަދި އަޅުގަނޑު ވަކިވާނަން. ދެން މި ކަމުގެ ތެރޭގައި އުޅެވޭކަށް ނެތެއް ނޫންތޯ،" ސިޔާސީ ކަންކަމާ މެދު ވަރަށް ބޮޑަށް މާޔޫސްވެވަޑައިގެން ހުންނަވައި ޝަރީފު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެމްޑީޕީން ޝަރީފު ވަކިވެވަޑައިގަތުމަށް ނިންމެވީ އެ ޕާޓީގެ އެތެރޭގެ ބައެއް ކަންކަމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގަންނަވާތީ އެވެ. އޭގެ ތަފުސީލަކަށް ވަޑައެއް ނުގެންނެވި އެވެ.

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުން ވެސް މި ހިސާބުން ދެން ނުފެންނާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

އެމްޑީޕީއަކީ ޝަރީފު އެންމެ ފުރަތަމަ ގުޅިވަޑައިގަތް ޕާޓީ އެވެ. ފަހުން އެމްޑީޕީން ވަކިވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިންގެވި ޑީއާރުޕީގައި އުޅުއްވުމަށް ފަހު އަނެއްކާ ވެސް އެމްޑީޕީއާ ގުޅިވަޑައިގަތީ އެވެ.