27 ޑިސެމްބަރ 2023 - 13:48

ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލު ސިފައިން ދެމުންގެންދާ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެ ކަމުގެ އިންޒާރާ އެކު މިދިޔަ 24 ގަޑިއިރު ތެރޭ ދިން 100 އަށް ވުރެ ގިނަ ހަމަލާގައި 241 މީހުން މަރުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މި އަދަދާ އެކު އިޒްރޭލުން މީގެ 11 ހަފްތާ ކުރިން ފެށި ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 20،915 އަށް ވަނީ އަރައިފަ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.
އިޒްރޭލުގެ އަނިޔާވެރިކަން އިތުރުކޮށް، އެތައް ބަޔަކު ޝަހީދުކޮށްލުމާ އެކު ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ މިއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ވިދާޅުވެ ހަމަލާތައް އަނެއްކާވެސް ކުށްވެރިކުރައްވައިފަ އެވެ. އެކަމަކު އިސްރާއީލުގެ ސިފައިންގެ ވެރިޔާ ހަރްޒީ ހަލޭވީ ވަނީ މިއީ ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމައެއް ކަމަށް ބުނާ ބުނުން ތަކުރާރުކޮށް މި ހަމަލާތައް އަދިވެސް އެތައް މަހަކަށް ދެމިގެންދާނެ ކަމަށް އިންޒާރު ދީފަ އެވެ.
އިޒްރޭލުން ބުނި ގޮތުގައި ޣައްޒާ އަށް އިއްޔެ ވަނީ 100 އަށް ވުރެ ގިނަ ހަމަލާދީފަ އެވެ. އަދި ޣައްޒާގެ މެދުތެރޭގައި ވެސް އެއްގަމު މަގުން ހަމަލާތައް ފަށަން އުޅޭ ކަމަށް ބުންޏެވެ.
ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި މިދިޔަ 24 ގަޑިއިރުގެ ހަމަލާތަކުގައި 382 މީހަކު ވަނީ ޒަހަމް ވެސް ވެފަ އެވެ.
އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރިއަށް ވެސް އިޒްރޭލުން އިއްޔެ ޑްރޯން ހަމަލާތަކެއް ވެސް ދީފައިވެ އެވެ. ނޫރް ޝަމްސް ރެފިއުޖީ ކޭމްޕަށް ދިން މި ހަމަލާތަކުގައި ވެސް ފަލަސްތީނުގެ ހަ މީހަކު ޝަހީދުވި ކަމަށް ސިއްހީ އޮފިޝަލުން ވިދާޅުވި އެވެ.
އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލަށް ހަމާސް އިން ދިން ކުއްލި އަދި ވަރުގަދަ ހަމަލާތަކަށް ފަހު ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ފެށި ހަމަލާތައް އަދިވެސް ވާނީ ވަރުގަދަ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ ވަނީ އިންޒާރު ދީފަ އެވެ.