ބަލާނީ ވީހާވެސް ގިނަ ސަޕްލަޔަރުންނަށް ފައިސާ ދޭން: ފެނަކަ
ބަލާނީ ވީހާވެސް ގިނަ ސަޕްލަޔަރުންނަށް ފައިސާ ދޭން: ފެނަކަ

ފެނަކަ ކޯޕަރޭޝަނުން އެކި ފަރާތްތަކަށް ދޭންޖެހޭ ފައިސާގެ އަދަދު 3.29 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، އޭގެ ތެރެއިން ވީހާ ވެސް ގިނަ ސަޕްލަޔަރުންނަށް އެ ފައިސާ ދޭން މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުންފުންނި ހިންގުމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއާޒް ވިދާޅުވީ އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ އިތުރުން ކުންފުނިން ނަގާފައިވާ 871 މިލިއަން ރުފިޔާގެ ލޯނުތަކާ އެކު، ކުންފުނީގެ ޖުމްލަ ދަރަނި 4.1 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.

ފެނަކައިގެ އިސް ވެރިންނާ އެކު ބޭއްވި އެ ބައްދަލުވުމުގައި، ކުންފުނިން ހަދާފައިވާ ބޮޑެތި ގޯސްތައް ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ވަނީ ހިއްސާކޮށްފަ އެވެ.

އޭގައިވާ މައުލޫމާތުތަކަށް ބަލާއިރު، ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 1.88 ބިލިއަން ރުފިޔާ އަކީ ފެނަކައަށް ތެޔޮ ސަޕްލައިކުރާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަށް ދޭންޖެހޭ ފައިސާ އެވެ.

ބާކީ ހުރި އަދަދު، ތަފާތު 764 ފަރާތަކަށް ދައްކަންޖެހެ އެވެ.

މުއާޒް ވިދާޅުވި ގޮތުގައި ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ އޭގެ ތެރެއިން ވީހާ ވެސް ގިނަ ސަޕްލަޔަރުންނަށް ފައިސާ ދެވޭނެ ގޮތަކަށެވެ.

އޭނާ ވިދާޅުވީ ފައިސާ ދައްކަންޖެހޭ ސަޕްލަޔަރުންގެ ތެރެއިން 280 ފަރާތަކަށް ދޭން ޖެހެނީ ހަ މިލިއަން ރުފިޔާ ކަމަށެވެ.

"އޭރަށް ސަޕްލަޔަރުންގެ ގިނަ ބަޔަކަށް އަޅުގަނޑުމެންނަށް ފައިސާ އެ ދެވުނީ،" މުއާޒް ވިދާޅުވި އެވެ.

އެކަމަކު ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އޭނާ ވިދާޅުވީ އެ ފައިސާ ދެއްކޭނެ ސީދާ ދުވަހެއް ދަންނަވަން ދަތި ކަމަށެވެ.

ފެނަކައިން ގަވާއިދުން މުދަލާއި ހިދުމަތް ހޯދަންޖެހޭ ކުންފުނިތައް ވެސް ހުރިކަން ފާހަގަކުރައްވައި، މުއާޒް ވިދާޅުވި ގޮތުގައި އެ ފަރާތްތަކަށް ވެސް ކޮންމެވެސް މިންވަރަށް ދެއްކޭނެ ގޮތެއް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އޭގެ ތެރޭގައި، ކުންފުނީގެ ހަރަދުތައް ކުޑަކުރުމާއި ސަރުކާރު މެދުވެރިވެގެން މާލީ އެހީތެރިކަން ހޯދުމާއި ކުންފުންޏަށް އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ހޯދުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކުންފުނި ހިންގުމުގައި ބޮޑެތި ގޯސްތައް ހަދައި އެތައް މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަން މިއަދުގެ ބައްދަލުވުމުގައި އާ މެނޭޖްމަންޓުން ވަނީ ހާމަކޮށްފަ އެވެ.

އެ ބައްދަލުވުމުގައި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހުސެއިން ޒުހުރީ ވިދާޅުވީ ޖެނުއިން ނޫން ސްޕެއާ ވިއްކާ ސަޕްލަޔަރުން ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ޖަނަރޭޓަރުތައް މަރާމާތު ކުރަންޖެހުން އަވަސްވެ، ހަރަދުތައް އިތުރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒުހުރީ ވިދާޅުވި ގޮތުގައި ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނީގައި އާދަޔާ ހިލާފަށް ގިނަ ވެންޑާސް ރަޖިސްޓްރީކޮށްދީފައިވާ އިރު، އާ މެނޭޖުމަންޓުން ވަނީ ހުރިހާ ވެންޑާސްތައް ކެންސަލްކޮށް އަލުން ރަޖިސްޓްރޭޝަނަށް ހުޅުވާލަން ނިންމައިފަ އެވެ.