28 ޑިސެމްބަރ 2023 - 10:24

މާލެ އިން ސިނަމާލެ ބްރިޖަށް އަރާ ސަރަހައްދުގައި ހުންނަ ބްރިޖު މޮނިއުމެންޓް މަރާމާތު ކުރުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަަރަށް ބޮޑަށް އިހުމާލެވެފައިވާތީ، ގެއްލުންތަކެއް ލިބިފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އިއްޔެ ވިދާޅުވެއްޖެ އެވެ.
މިދިޔަ ދެ ރޭ ބްރިޖު ބަންދުކޮށްގެން މަރާމާތުގެ ބައެއް މަސައްކަތްތައް ކޮށްފައިވާއިރު ސްޓެލްކޯ އިން ވަނީ މޮނިއުމެންޓްގައި ހަރުކޮށްފައިވާ އެލްއީޑީ ލައިޓްތައް ޗެކްކޮށްފަ އެވެ. އެ ލައިޓްތައް ނުދިއްލޭތާ ވެސް ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.
"މިދިޔަ ސަރުކާރުން ބްރިޖު މަރާމާތު ކުރުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާތީ މޮނިއުމެންޓްގެ ނަން ބޯޑާއި ލައިޓްތައް ވަނީ ހަލާކުވެފައި،" ފަހުމީ ވިދާޅުވި އެވެ.
ސްޓެލްކޯ އަށް ފާހަގަކުރެވުނު މައްސަލަތައް:
- 10 ޑީސީ ސަޕްލައި ޔުނިޓްގެ ތެރެއިން ހަތް ޔުނިޓް ވަނީ ހަލާކުވެފައި.
- ގިނަ ލެޑްތައް ވަނީ އަނދާފައި.
- ބްރިޖުގެ ނަން ބޯޑުގެ އަކުރުތައް ހަރުކުރަން ޖަހާފައިވާ އިސްކުރުތަކާއި މައުންޓްތަކުގައި ވަނީ ދަބަރު ޖަހާފައި.
ފަހުމީ ވިދާޅުވީ ބްރިޖު ފަދަ ގައުމީ ބޮޑު އެސެޓެއް އޭގެ އެންމެ ރަނގަޅު ގޮތުގައި މަރާމާތު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެއީ ބްރިޖު ފެންވަރު ރަނގަޅުކޮށް ގިނަ ދުވަހު ބޭނުންކުރުމަށް ވެސް މުހިންމު ކަމެއް ކަމަށެވެ.
އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބްރިޖު މަރާމާތު ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށާއި އެއީ އެންމެންނަށް ވެސް ރައްކާތެރި ތަނެއްގެ ގޮތުގައި ބަލަހައްޓާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.