04 ޖެނުއަރީ 2024 - 21:08

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ރަސްމީ ދަތުރުފުޅެއްގައި އަންނަ ހަފުތާގައި ޗައިނާ އަށް ވަޑައިގަންނަވާ ގޮތަށް ނިންމަވައިފި އެވެ.
ރައީސް ޝީ ޖިންގްޕިންގެ ދައުވަތަކަށް ކުރައްވާ އެ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ފުރާވަޑައިގަންނަވާނީ އަންނަ އާދިއްތަ ދުވަހުގެ ރޭގަ އެވެ. އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ޗައިނާ އަށް ރައީސް ޑރ. މުއިއްޒު ކުރައްވާ ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ އިސް ވަފުދެއް އެ މަނިކުފާނުގެ އަރިހުގައި ގެންދަވާނެ އެވެ. އަދި ދިވެހި ބައެއް ނޫސްވެރިން ރައީސާ އެކު ދަތުރުކުރާނެ އެވެ.
ރައީސް ޑރ. މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް ޗައިނާގައި ރާއްޖޭގެ ބިޒްނަސް ފޯރަމެއް ވެސް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް އެނގިފައި ވެ އެވެ.
މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސްގެ މަގާމާ ޑރ. މުއިއްޒު ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އިން ބޭރަށް ކުރައްވާ ތިން ވަނަ ރަސްމީ ދަތުރުފުޅެވެ. ރައީސްގެ މަގާމުގެ ހައިސިއްޔަތުން އެ މަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތީ ތުރުކީއަށެވެ. އޭގެ ފަހުން ދުބާއީގައި ބޭއްވި ކޮޕް28 ސަމިޓަށް އެ ގައުމަށް ވަޑައިގަތެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖެ-ޗައިނާގެ ގުޅުން ހީނަރުވެފައި އޮތް ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ވެރިކަމާ އެކު، އެ ގުޅުން ވަނީ ވަރުގަދަ ކުރަން ފައްޓަވައިފަ އެވެ. ރައީސް ޑރ. މުއިއްޒަކީ ވެސް ކުރިއްސުރެ ޗައިނާއާ ވަރަށް ގާތް ބޭފުޅެކެވެ.
ޗައިނާއަކީ ރާއްޖޭގައި ވަރަށް ބިޔަ މަޝްރޫއުތަކެއް ހިންގުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ގައުމެކެވެ. ހާއްސަކޮށް ސިނަމާލެ ބްރިޖާއި ފްލެޓްތައް އިމާރާތް ކޮށްދިނުމުގެ މަޝްރޫއުތައް ފާހަގަކުރެވެ އެވެ.