13 ޖެނުއަރީ 2024 - 08:34

މާލޭގެ މޭޔަރުގެ އިތުރުން ތިން މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި އެވެ.
މާލޭގެ މޭޔަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި މިދިޔަ އަހަރު ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވުމުންނެވެ. މޭޔަރުކަމުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ މެންބަރުކަމުގައި ތިއްބެވި ބޭފުޅުން ވެސް ސިޔާސީ މަގާމުތަކަށް އައްޔަންކުރެއްވުމުން ވަނީ ކައުންސިލް މެންބަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
މިއަދުގެ އިންތިހާބުގައި މޭޔަރު ކަމަށް ވާދަކުރައްވަނީ؛
- ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު
- އިދިކޮޅު އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް
- ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހް (އައިކޮ)
- އަމިއްލަ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދު
- އަމިއްލަ ގޮތުން ޝުއައިބް އަލީ
މިއަދު މާލޭގައި ވޯޓުލުން ކުރިއަށް ގެންދަން ކުރިން ހަމަޖައްސާފައި އޮތީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
ނަމަވެސް އިއްޔެ މާލެއަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެ ދަތުރުފަތުރަށް ހުރަސް އެޅުމުން މިހާރު ވަނީ ވޯޓުލާ ނިންމާ ގަޑި އަކީ ހަވީރު 5:00 ކަމަށް ކަނޑައަޅައިފަ އެވެ.
މާލޭގެ އެކި ދާއިރާތަކުން ވޯޓު ދިނުމުގެ ހައްގު 54،680 މީހަކަށް ލިބިފައިވާ މި އިންތިހާބުގެ ވޯޓުލުން ފެށި އިރު ފޮށިތަކުގެ ކައިރީ މާ ގިނަ ބަޔަކު ވޯޓުލާން ކިޔޫއަކު ނެތެވެ.
މާލޭ ސިޓީ ކައުންސިލްގެ އިތުރުން ދެން މިއަދު ކުރިއަށްދަނީ މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ.