13 ފެބުރުއަރީ 2017 - 14:20

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ވިއްކި 140 މިލިއަން ޑޮލަރުގެ ކޯޕަރޭޓް ބޮންޑާ ގުޅިގެން ޑޮލަރުގެ ރިޒާވް ވަކި މިންވަރެއްގައި ހިފެހެއްޓުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއޭމްއޭ) އިން އިންޑިއާގެ ސެންޓްރަލް ބޭންކާއެކު 100 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހަދައިފި އެވެ. މިއީ ރާއްޖޭގެ މަރުކަޒީ ބޭންކުން ބޭރު ގައުމަކާ އެކު ކަރަންސީ ސްވޮޕެއް ހެދި ފުރަތަމަ ފަހަރެވެ.
ކަރަންސީ ސްވޮޕް ހަދަނީ ސްވޮޕްކުރާ ފައިސާއާ އެއް މިންވަރެއްގެ ދިވެހި ފައިސާގެ ގެރެންޓީއެއް ވަކި މުއްދަތަކަށް ދިނުމަށްފަހު އެވެ. އިންޑިއާއެކު 100 މިލިއަން ޑޮލަރުގެ ސްވޮޕެއް ހެދީ 1.5 ބިލިއަން ދިވެހި ރުފިޔާގެ ގެރެންޓީއެއް ދިނުމަށްފަހު އެވެ.
އެމްއެމްއޭގެ އިސް އޮފިޝަލަކު "މިހާރު"އާ ވާހަކަދައްކަވަމުން ވިދާޅުވީ އިންޑިއާއެކު 100 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހެދީ މިދިޔަ ޑިސެމްބަރު މަހު ކަމަށެވެ. އަދި އެ ފައިސާ އަނބުރާ ދައްކަން ޖެހެނީ ތިން މަސް ތެރޭގައި ގާތްގަނޑަކަށް ތިން ޕަސެންޓް އިންޓަރެސްޓް ރޭޓުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ސްވޮޕް ހެދުމުގެ މައިގަނޑު ބޭނުމަކީ އެމްއޭސީއެލް އިން ޖީއެމްއާރަށް ދައްކަން ކޯޕަރޭޓް ބޮންޑެއް ހަމަޖައްސައިދިނުމަށް. އަޅުގަނޑުމެން އެ ބޮންޑު އެމްއޭސީއެލް އަށް ދޫކުރީ 4.9 ޕަސެންޓް އިންޓަރެސްޓް ރޭޓުގައި. އެހެންވީމަ މި ސްވޮޕް ހެދުމުން އަޅުގަނޑުމެންގެ ބޭރު ފައިސާގެ ރިޒާވަށް ނޭދެވޭ އަސަރެއް ނުކޮށް ހިފެހެއްޓުނު،" އެ އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގެ މައި އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދައްކަން ޖެހުނު 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) އެމްއޭސީއެލް އިން ދެއްކީ މިދިޔަ ނޮވެމްބަރު 15ގަ އެވެ. އޭގެ ތެރެއިން 140 މިލިއަން ޑޮލަރު ދެއްކީ އެމްއެމްއޭ އިން ދޫކުރި ކޯޕަރޭޓް ބޮންޑެއްގެ ދަށުންނެވެ.
އެމްއޭސީއެލް އަށް 140 މިލިއަން ޑޮލަރުގެ ބޮންޑު ވިއްކުމުން އެމްއެމްއޭގެ ޔޫޒަބްލް ރިޒާވް ނޮވެމްބަރު މަހު 110.6 މިލިއަން ޑޮލަރަށް ދަށަށް ދިޔަ އެވެ. ނަމަވެސް ޑިސެމްބަރު މަސް ނިމުނުއިރު ރިޒާވްގައި 200 މިލިއަން ޑޮލަރު ހުރި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
މަރުކަޒީ ބޭންކުގެ އޮފިޝަލް ވިދާޅުވީ އެމްއޭސީއެލް އަށް ބޮންޑު ވިއްކުމުން ކޮންމެ މަހަކު ވެސް ދައްކަން ޖެހޭ މިންވަރަށް އިންޓަރެސްޓާ އެކު ދައްކަމުން އަންނަ ކަމަށެވެ. އަދި އޭގެ ސަބަބުން އެމްއެމްއޭ އަށް އެކަށީގެންވާ ފައިދާއެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނިންމާފައި ވަނީ ރިޒާވް ކޮމްފޮޓަބަލް ވަންދެން ސްވޮޕް ކުރިޔަށް ގެންދަން. މިހާރު އޮތް ގޮތުން އަޅުގަނޑުމެންނަށް ނުވަ މަސް ދުވަސްވަންދެން ސްވޮޕް ކުރިޔަށް ގެންދެވޭނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްއެމްއޭ އިން މީގެ ކުރިން ސްރީލަންކާގެ ސެންޓްރަލް ބޭންކާ އެކު ވެސް ކަރަންސީ ސްވޮޕެއް ހެދުމަށް މަސައްކަތްކުރި ކަމަށެވެ. ނަމަވެސް އެކަން ކުރިޔަށް ނުގެންދެވުނީ ލަންކާއިން ހުށަހެޅި ޝަރުތުތައް މާ ބޮޑުވުމުން ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
މަރުކަޒީ ބޭންކުން އިންޑިއާގެ ސެންޓްރަލް ބޭންކުން ހެދި ސްވޮޕާ ގުޅިގެން ދީފައިވާ ގެރެންޓީގެ މައްސަލަ އާއި އެމްއޭސީއެލް އިން ވިއްކި ބޮންޑަށް ސެކިއުރިޓީގެ ގޮތުގައި އެމްއެމްއޭއަށް ދީފައިވާ ގެރެންޓީގެ މައްސަލަ ވެސް މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ސަރުކާރުން ވަނީ ހުށަޙަޅައިފަ އެވެ. އަދި އެ ދެ މައްސަލައާ ބެހޭ ގޮތުން، މާދަމާ 11 ޖަހާއިރު އޮންނަ ކޮމިޓީގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.