16 ޖެނުއަރީ 2024 - 22:39

މޫސުން ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން އެތައް ފަހަރަކު ގިނަ މެޗުތަކެއް ފަސްކުރަން ޖެހުނު ގައުމީ ހޭންޑްބޯޅަ މުބާރާތް ނިންމާލައިފި އެވެ.

އެއީ ކުޑަދުވަސްކޮޅެއްގެ ތެރޭ މުޅި ރާއްޖެ އަށް ވަރަށް ބޮޑަށް ފުޅާވެފައި އޮތް ކުޅިވަރެކެވެ. ޓީމު ސްޕޯޓްސްގައި އެންމެ ގިނަ ޓީމު ވާދަކުރާ އެއް ކުޅިވަރަކީ ވެސް ހޭންޑްބޯޅަ އެވެ. އެސޯސިއޭޝަނުން އަންނަނީ ގިނަ މުބާރާތްތަކެއް ވެސް ބާއްވަމުންނެވެ.

ނަމަވެސް އެ ކުޅިވަރުގައި ނެތީ އިންޑޯގައި ކުޅެލުމުގެ ފުރުސަތެވެ. ވާރޭ ވެހި ކޯޓުގައި ފެން ހެދުމުގެ ސަބަބުން ގިނަ މެޗުތަކެއް ފަސްކުރަން ޖެހުމަކީ ހޭންޑްބޯޅައިގެ މުބާރާތްތައް ކުރިއަށް ގެންދިއުމަށް އޮތް ގޮންޖެހުމެކެވެ.

ހޭންޑްބޯޅަ ކުޅެމުން އައި ދަނޑުގައި ކާޕެޓް އަޅައި ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރީ 2021 ވަނަ އަހަރެވެ. އިންޑޯ ސްޓޭޑިއަމެއްގެ ވާހަކަ އޭރު ދެއްކެވުނަސް އަދި އެ ދަނޑު އިންޑޯ އަކަށް ބަދަލެއް ނުކުރެވެ އެވެ.
މިދިޔަ ޑިސެމްބަރު މަހު ނިންމަން ތާވަލު ކޮށްފައި އޮތް ގައުމީ މުބާރާތަށް ވިއްސާރައިގެ އަސަރު ކޮށްގެން މެޗުތައް ފަސްކޮށްގެން މުބާރާތް އެއްކޮށް ނިންމައިލީ މިދިޔަ އާދިއްތަ ދުވަހުގެ ރެއެވެ.
ގައުމީ މުބާރާތުގައި އަންހެން އަދި ފިރިހެން އެއްވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަން މުބާރާތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެއްވަނަ ޑިވިޝަންގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ވެލިދޫ ޔުނައިޓެޑެވެ. އެ ޓީމުން ފައިނަލް މެޗު ކާމިޔާބުކުރީ 37-26 އިން ޒެފްރޯލް ބަލިކޮށްގެންނެވެ.
އެ ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ވެލިދޫ ޔުނައިޓެޑްގެ މުހައްމަދު ޔަޝްމު އަހުމަދާއި ވިޝާން އަބްދުލް މަޖީދާއި މުހައްމަދު އައްފާން އާތިފާއި ރާއިދު ރަޝީދާއި ޒެފްރޯލްގެ އިސްމާއިލް ފަރުހާނާއި އަހުމަދު ނަޖީބު އަދި މުހައްމަދު ފިރުނާޝް އަބްދުﷲ އެވެ.
އަންހެން އެއްވަނަ ޑިވިޝަންގެ ފައިނަލްގައި ރެޑްހޯކްސްއާ ވާދަކޮށް، އޮރިކްސް ތަށި ދިފާއު ކުރީ 20-18 އިން ކުރި ހޯދައިގެންނެވެ.
މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ, އޮރިކްސްގެ ފާތިމަތު އަރުޝާ އާއި ފާތިމަތު ޖޫޒާން ޒަރީރާއި ޒުލެއިހާ އިބްރާހީމާއި ފާތިމަތު ޝިފާ އާއި ރަފާހާ އިބްރާހީމާއި ރެޑްހޯކްސްގެ ފިރުޝާނާ ނަސީރު އަދި ފާތިމަތު ޖުނާ އެވެ.
އާދިއްތަ ދުވަހު ކުޅުނީ ދެ ވަނަ ޑިވިޝަންގެ ފައިނަލް މެޗުތަކެވެ. ދެ ވަނަ ޑިވިޝަންގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި 30-15 އިން ފިއޮންޓި ސްޕޯޓްސް ކްލަބް ބަލިކުރި ޓެންޓް ސްޕޯޓްސް ކްލަބެވެ.
އެ ޑިވިޝަންގެ އެންމެ މޮޅު ފިރިހެން ހަތް ކުޅުންތެރިންނަކީ ޓެންޓުގެ އިސްމާއިލް ޝުއާއު އަބްދުﷲ އާއި އަބްދުالله ޒިމާމާއި އިބްރާހީމް ހައިޝަމް އަބްދުﷲ އާއި އަހުމަދު އަބްދުލް ސައްތާރާއި ފިއޮންޓިގެ އަހުމަދު ފިރާޝް އާއި ފްލައިން އީގަލްސް ސްޕޯޓްސްގެ އަބްދުﷲ އައްޒާމާއި ބޮންތި ސްޕޯޓްސް ކުލަބްގެ ފިރުޝާން މުހައްމަދެވެ.
ދެ ވަނަ ޑިވިޝަންގެ އަންހެން ޗެމްޕިއަންކަން ހޯދީ ތުޅާދޫ ޔަންގް އީގަލްސް އެވެ. އެ ޓީމުން ވަނީ ފައިނަލްގައި 32-14 އިން ސުޕަ ޖެނެރޭޝަން ކްލަބް ބަލިކޮށްފަ އެވެ.
އެންމެ މޮޅު އަންހެން ހަތް ކުޅުންތެރިންނަށް ހޮވުނީ ތުޅާދޫ ޔަންގް އީގަލްސްގެ ޝިޒްނާ ރަޝީދާއި ޒުހާ ހުސެއިނާއި އާމިނަތު ފަޒްލާ އާއި ކައުސަރު އާދަމް ސައީދާއި މަރިޔަމް ލީން އަހުމަދާއި ސުޕަ ޖެނެރޭޝަންގެ އާމިނަތު ޝުދާ އަދި ޔޫތު ސްޕޯޓްސް ކުލަބްގެ ފާތިމަތު ނިއުޝާ އެވެ.
ގައުމީ މުބާރާތުގެ އެންމެ އުންމީދީ ފިރިހެން ކުޅުންތެރިޔަކަށް ހޮވުނީ އެއްވަނަ ޑިވިޝަންގެ ޗެމްޕިއަން ވެލިދޫ ޔުނައިޓެޑްގެ ޔަޝްމު އެވެ. އެންމެ އުންމީދީ އަންހެން ކުޅުންތެރިޔަކަށް ހޮވުނީ ދެވަނަ ޑިވިޝަންގެ ހޮކެޓްސް އަށް ކުޅލުނު ފާތިމަތު ލީމް ރިޝާދެވެ.