13 ފެބުރުއަރީ 2017 - 15:52

ވެރިކަން ކުރާ ޕީޕީއެމަށް ސޮއިކުރުމަށް މީހުންނަށް މަޖުބޫރުކުރާ ކަމަށް ބުނާ ނަމަ، އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށާއި އެ ޕާޓީއާ މީހުން ގުޅެނީ އަމިއްލަ އިހުތިޔާރުގައި ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
ޕީޕީއެމަށް މެމްބަރުން އިތުރުކުރުމަށް މިދިޔަ ހޮނިހިރުދުވަހު ހިންގި ހަރަކާތުން އެ ދުވަހު އެކަނިވެސް 11،000 މެމްބަރުން އެ ޕާޓީއާ ގުޅިފައިވާ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.
އަދި އެއީ ބިރު ދައްކައިގެން މަޖުބޫރުން ހޯދި މެމްބަރުންތަކެއް ކަމަށް ތުހުމަތުކޮށްފައި ވަނިކޮށް، ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިންގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ވިދާޅުވީ ޕީޕީއެމަށް 11،000 މެމްބަރުން އެއް ދުވަސް ތެރޭގައި އިތުރުވުމަކީ ހައިރާންވާ ކަމެއް ނޫނެވެ. ސަރުކާރުން ކޮށްދެމުން އަންނަ ކަންކަމުގެ ސަބަބުން އެތައް ބަޔަކު އަދިވެސް ޕީޕީއެމާގުޅެން ބޭނުންވެފައި އެބަތިބި ކަމަށް މުއާޒް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަދިވެސް ބޭނުންވާ މިންވަރަކަށް އެ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށެއް ނުދެވޭ. އަޅުގަނޑުމެންނަށް ނުދެވޭ އެތައް ތަނެއް އަދިވެސް އެބަހުރި. 11،000 މެމްބަރުން ކީއްކުރަންތޯ؟. އެއަށް ވުރެ މާ ބައިވަރު ފޯމް އަޅުގަނޑުމެންނަށް ހާސިލް ކުރެވޭނެ،" ރައީސް އޮފީހުގެ ސްޕޯކްސްޕާސަންގެ މަގާމުގައި ވެސް ހުންނެވި މުއާޒް ވިދާޅުވި އެވެ.
މަޖުބޫރުން ސޮއި ކުރުވާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައިވާތީ، އެކަމަށް އިޝާރާތް ކުރައްވައި، މުއާޒް ވިދާޅުވީ މެމްބަރުން އިތުރު ކުރަނީ ބިރު ދައްކައިގެން ކަމަށް ބުނާ މީހުން އެ ވާހަކަ ދައްކަންޖެހޭނީ ޒިންމާދާރުކަމާ އެކުގައި ކަމަށެވެ. ޕީޕީއެމާ ގުޅެން ބޭނުންވެގެން އެތައް ބަޔަކު، އެ ޕާޓީ އަށް އަމިއްލަ އަށް ގުޅާ ކަމަށާއި މަޖުބޫރު ކޮށްގެން ސޮއިކުރުވި އެއްވެސް މީހަކު ހުރި ނަމަ އެ މީހަކު ދައްކަން މުއާޒް ގޮވާލެއްވި އެވެ.
"ތިމަންނަގެ ފޯމްގައި ސޮއިކުރީ މަޖުބޫރުންނޭ މިހެން ވިދާޅުވާ ބޭފުޅަކު، އަޅުގަނޑުމެންނަށް ދައްކަވާ މިއޮތީއޭ މަޖުބޫރުން ސޮއިކުރުވި ފޯމަކީ. ބޭފުޅުން ދައްކަވާ ވާހަކަތަކުގައި ކޮންމެވެސް ޒިންމާދާރު ކަމެއް އޮންނަން ވާނެ. ސާބިތުކޮށް ދެއްވާށޭ މިއީ މިހެން އޮތް ކަމެކޭ. އަޅުގަނޑުމެން މިތިބީ ޖަވާބުދާރީވާން،" މުއާޒް ވިދާޅުވި އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރު ކުރާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ވެސް އޭނާ ރައްދު ދެއްވި އެވެ.
މުއާޒް ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވުމަށް ސަރުކާރުގެ ކުންފުނިތަކުގެ އެއްވެސް މީހަކަށް މަޖުބޫރެއް ނުކުރެ އެވެ. އެކަމަކު އެ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންވާ ކޮންމެ މީހަކަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށާއި އެއީ ޕާޓީގެ އުސޫލުތަކާ ޚިލާފް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕީޕީއެމްގެ އަސާސީ ގަވާއިދު މަނާ ކުރާ ކަމެއް ނޫން ޕީޕީއެމްގެ މެމްބަރަކު ޕީޕީއެމަށް މެމްބަރުން އިތުރުކުރަން މަސައްކަތް ކުރުމަކީ. މި މަސައްކަތްތަކަކީ ގާނޫނުތަކާއި ސިޔާސީ ޕާޓީތަކުގެ ގަވާއިދުތަކުގެ ތެރެއިން ކުރާ ކަމެއް،" މުއާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު އެމްޑީޕީގެ ގިނަ އެކްޓިވިސްޓުން ވެސް އަންނަނީ ޕީޕީއެމާ ގުޅެމުންނެވެ. އެކަންކަމާ މެދު ހަސަދަވެރިވެގެން، އެމްޑީޕީން ވާހަކަ ދައްކާއިރު، އެއީ ވަކި މީހެއްގެ ވަށައިގެން އެނބުރޭ ޕާޓީއެއް ކަމަށް މުއާޒް ވިދާޅުވި އެވެ.
"މިހާރު ވެސް ރައީސް ޔާމީން ހުންނެވީ ހިންމަފުށްޓާއި ތުލުސްދު އަށް ވަޑައިގެން. ދެން އެ ދެ ރަށުގެ ބޭފުޅުން ޕީޕީއެމަށް ސޮއި ނުކޮށް ތިއްބަވާނެތޯ؟. އެއީ ދެން އަޅުގަނޑުމެންގެ ކުށެއް ނޫން ދެއްތޯ؟،" އެމްޑީޕީ އަށް ނިސްބަތް ކުރައްވައި، މުއާޒް ވިދާޅުވި އެވެ.
މަޖުބޫރުކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ޕީޕީއެމުން އެކަން ކުރިން ވެސް ވަނީ ދޮގުކޮށްފަ އެވެ.