ހުރިހާ ކެންޑިޑޭޓުންނަށް ވާދަކުރެވޭ ގޮތަށް ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ބާއްވަން ރައީސް ޑރ. މުއިއްޒު ނިންމަވައިފި
ހުރިހާ ކެންޑިޑޭޓުންނަށް ވާދަކުރެވޭ ގޮތަށް ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ބާއްވަން ރައީސް ޑރ. މުއިއްޒު ނިންމަވައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ނިންމި ހުރިހާ ކެންޑިޑޭޓުންނަށް ފުރުސަތު ލިބޭ ގޮތަށް އެ ދެ ޕާޓީގެ ޕްރައިމަރީ ބާއްވަން ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެކްސްގައި ވިދާޅުވީ ބައެއް ކެންޑިޑޭޓުންނަށް ކުރިމަތި ނުލެވޭ ގޮތަށް ނިންމުމާ އެކު ހުށަހެޅި ޝަކުވާތަކަށް ރިއާޔަތްކުރައްވައި ރައީސް މުއިއްޒުގެ ނިންމެވުމަކީ ހުރިހާ ކެންޑިޑޭޓުންނަށް ފުރުސަތު ހުޅުވާލުން ކަމަށެވެ.

ޕްރައިމަރީއަށް ކުޑަދުވަސްކޮޅެއް ވެފައިވަނިކޮށް ބައެއް ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލް ކޮށްފައިވަނީ ޕީޕީއެމް/ޕީއެންސީގެ އެތެރޭގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތްކުރި ކަމަށާއި އެ ޕާޓީ އަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައި ނުވާ ކަމަށް ބުނެ އެވެ.

ނަމަވެސް އެ ނިންމުމުގެ ސަބަބުން ޕްރައިމަރީގެ ފުރުސަތު ގިނަ ބަޔަކަށް ގެއްލޭ ކަމުގެ ޝަކުވާ ބޮޑުވުމުން ޕީޕީއެމް/ޕީއެންސީ ކޯލިޝަން އަދި ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން ކުރީގެ ނިންމުން ބަދަލުކޮށް، އެންމެންނަށް ޕްރައިމަރީގައި ބައިވެރިވެވޭ ގޮތަށް ރައީސް މުއިއްޒު ނިންމެވީ ކަމަށް އެ ކޯލިޝަންގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް ސޮއިކުރައްވައި ބައެއް މީހުންނަށް ޕްރައިމަރީން ފުރުސަތު ދެވެން ނެތް ކަމަށް ސިޓީ ފޮނުވުމާ ގުޅިގެން ޕީއެންސީގެ އޮފީހުގައި ބައެއް ކެންޑިޑޭޓުންނާއި ސަޕޯޓަރުން ވަނީ އަޑުގަދަކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ހުރިހާ ކެންޑިޑޭޓުންނަށް ފުރުސަތު ދޭން ނިންމި ނަމަވެސް، މިހާތަނަށް ކެންޑިޑޭޓުންގެ ލިސްޓު އެ ޕާޓީން އާއްމެއް ނުކުރެ އެވެ.

އެ ކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރުމަށް ގިނަ އަދަދެއްގެ މީހުން ފޯމު ހުށަހަޅާފައިވާއިރު، އެ ޕްރައިމަރީ ބާއްވާ ތާރީހު އެކި ފަހަރު މަތިން ފަސްކުރަމުން ގޮސް މިހާރު ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުމަށެވެ.