އަސްކަރީ ބާރުން އެކަނި އިޒްރޭލަށް ހޯދޭނެ ސުލްހައެއް ނޯންނާނެ: ބޮރެލް
އަސްކަރީ ބާރުން އެކަނި އިޒްރޭލަށް ހޯދޭނެ ސުލްހައެއް ނޯންނާނެ: ބޮރެލް

އިޒްރޭލުން އަސްކަރީ ބާރު އެކަނި ބޭނުންކޮށްގެން ހޯދޭނެ ސުލްހައެއް ނޯންނާނެ ކަމަށް ވިދާޅުވެ ފަލަސްތީނަށް ވެސް ދައުލަތެއް އުފެއްދުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ޔޫރަޕްގެ އިއްތިހާދުގެ ފޮރިން ޕޮލިސީ ޗީފް ޖޯސެފް ބޮރެލް އިއްޔެ ވިދާޅުވެއްޖެ އެވެ.

ޔޫރަޕްގެ އިއްތިހާދުގެ ފޮރިން މިނިސްޓަރުން އިޒްރޭލާއި ފަލަސްތީނު އަދި ސަރަހައްދުގެ މުހިންމު އަރަބި ގައުމުތަކުގެ ފޮރިން މިިނިސްޓަރުންނާ ވަކިވަކިން ބައްދަލުކުރުމަށް ހަމަޖެހިފައި ވާއިރު ބޮރެލް އަނެއްކާވެސް ވަނީ ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ފުރުސަތު ނުދޭނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވާތީ އެކަން ކުށްވެރިކުރައްވައިފަ އެވެ.

"އަހަރެމެން ބޭނުންވަނީ ދެ ދައުލަތް އުފައްދައިގެން މައްސަލަ ހައްލުކުރަން. އެކަމާ މަޝްވަރާކުރަން ހިނގާ،" ބޮރެލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިޒްރޭލުން ކިތަންވެ ވަރަކަށް އަސްކަރީ ބާރުގެ ބޭނުންކުރި ކަމުގައި ވިޔަސް އެކަމުން ހޯދޭނެ ސުލްހައެއް ނޯންނާނެ ކަމަށެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު އިޒްރޭލަށް ކުއްލި ހަމަލާތަކެއް ދީ 1،140 މީހަކު މަރާލައި 250 މީހަކު ރަހީނުކުރުމާ އެކު އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދޭން ފެށި ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ. އެ ހަމަލާތަކުގައި ފަލަސްތީނުން 25،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު އިޒްރޭލުން ބުނަނީ ހަމަލާ ދެނީ ހަމާސް ނައްތާލަން ކަމަށާއި އެކަން ކޮށްފައި ނޫނީ ހަމަލާތައް ނުހުއްޓާނެ ކަމަށެވެ. -- އޭއެފްޕީ